އީރާން ހަނގުރާމަ ނިމިފައިވާ ކަމަށް ޓްރަމްޕްގެ ސަރުކާރުން ކޮންގްރެސްއަށް އަންގައިފި

އީރާނަށް ދެމުންދިޔަ ހަމަލާތައް މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާ ކަމަށާއި، އެހެންވެ ހަނގުރާމައާ ގުޅޭ ކަމެއް ކުރަން ކޮންގްރެސްގެ ރުހުން ހޯދަން ނުޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕްގެ ސިޓީއެއްގައި އެގޮތަށް ވިދާޅުވެފައި މި ވަނީ ހަނގުރާމައަށް 60 ދުވަސް ވުމުން، އެ ހަނގުރާމައެއް އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ ނަމަ ކޮންގްރެސްގެ ހުއްދަ ހޯދަން ގާނޫނުން ލާޒިމްކުރާއިރު އެކަން ކޮށްފައި ނެތުމުން ކޮންގްރެސްގެ މެމްބަރުން ސަރުކާރަށް ޕްރެޝާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަ ދެއްކެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ފެބްރުއަރީ 28 ވީ ހޮނިހިރު ދުވަހު ފެށި ހަނގުރާމަ ނިމިއްޖެ ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށެވެ. އަދި އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުގެ ހެދި އެއްބަސްވުމުން ފަހުން އެމެރިކާ އަސްކަރިއްޔާ އާއި އީރާނުން ހަަމަލާ ބަދަލުކޮށްފައި ނުވާ ކަމަށް ސިޓީގައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އީރާނުން އެމެރިކާއަށާއި އަސްކަރިއްޔާއަށް ކުރިމަތިކުރާ ނުރައްކާ އަދިވެސް ބޮޑުކަމަށް ޓްރަމްޕް ލިޔުއްވާފައިވެއެވެ. "އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގި އޮޕަރޭޝަންތައް ކާމިޔާބުވެ، ދާއިމީ ސުލްހައެއް ހޯދުމަށް ކުރި މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް، އެމެރިކާއަށާއި އަޅުގަނޑުމެންގެ ސިފައިންނަށް އީރާނުން ކުރާ ނުރައްކާ އަދިވެސް ބޮޑު." އެ ސިޓީގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ. ހަނގުރާމަ ދަންމާލަން ކޮންގްރެސްއިން ފާސްނުކުރާނަމަ ހަނގުރާމަ ނިންމާލަން ޑިމޮކްރެޓުން ބާރު އަޅައެވެ. ނަމަވެސް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީން ވަނީ ޓްރަމްޕަށް ތާއީދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ