ބާރންލީ އަތުން ލީޑްސް އަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާރންލީ އާއި ދެކޮޅަށް ލީޑްސް ޔުނައިޓެޑް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ލީޑްސް މޮޅުވެއްޖެ އެވެ.
މި މެޗުން ލީޑްސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ރެލިގޭޝަނުން ސަލާމަތްވެ އަންނަ ސީޒަނުގައި ޕްރިމިއާ ލީގުން ފުރުސަތު ލިބުމުގެ އުންމީދު ވަރަށް ބޮޑުވެފަ އެވެ.
ލީގުގައި ލީޑްސް އިން މިހާތަނަށް ކުޅުނު 35 މެޗުން ވަނީ ޖުމްލަ 43 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ މަގާމް ލިބިފަ އެވެ. ބާރންލީ އަށް35 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު އެ ޓީމު 19 ވަނައިގައި އޮތްއިރު ވަނީ ރެލިގޭޓް ވެފަ އެވެ.
ލީޑްސްގެ އީލޭންޑް ރޯޑްގައި ތިރީސް ހަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 8 ވަނަ މިނިޓުގައި ލީޑްސްގެ އެންޓަން ސްޓެޗް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ލީޑްސް އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ ލީޑްސް އިން ނިންމާލިއިރު މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 7 ވަނަ މިނިޓުގައި ނޯއާ އޮކަފޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އަދި އޭގެ ހަތަރު މިނިޓު ފަހުން ޑޮމިނިކް ކެލްވަޓް ލެވިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މިއީ މި ސީޒަނުގައި ކެލްވަޓް ލެވިން ކާމިޔާބުކޮށްދިން 12 ވަނަ ލަނޑެވެ.
ބާރންލީ އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 71 ވަނަ މިނިޓުގައި ލޯމް ޝޯނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޕްރިމިއާ ލީގުގައި ލީޑްސް ދެން ކުޅޭނީ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށެވެ. އެ މެޗުން ލީޑްސް މޮޅުވެއްޖެނަމަ އެ ޓީމަށް ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުވެގެންދާއިރު ޓޮޓްނަމް ރެލިގޭޓް ވުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ