މައުމޫން ސަލާމަތް ކުރެވޭނީ ރައީސް ޔާމީން ވެރިކަމަށް އައިސްގެން: އަދުރޭ

ރާއްޖޭގައި ދިގު މުއްދަތެއް ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށް ވަޑައިގަންނަވަން ޖެހުނީ އެމްޑީޕީގެ ރޭވުމެއްގެ ތެރެއިން ޖެހި މަޅިއެއްގައި ބެދިގެން ކަމަށާއި އެމަނިކުފާނު ދެންވެސް ސަލާމަތްކުރައްވާނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެއް އައިސްގެން ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީ އެއާޕޯޓް ހުޅުވުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ރައީސް ޔާމީންގެ އަރިހުގައި އެރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މައުމޫން ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން އެމްޑީޕީގެ މީހަކު ދެރަ ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެމީހުން ޖެހި މަޅިއެއްގައި ބެދިގެން އެމަނިކުފާނު ޖަލަށް ވަޑައިގަތުމުން ވާނީ އުފާ ކަމަށާއި އެހެންކަމުން ދެން ވެސް ރައީސް މައުމޫން މިނިވަންކުރައް ވާނީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ރައީސް މައުމޫން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ރައީސް ޔާމީންގެ ސަބަބުންނެއް ނޫނެވެ. ކޮންމެ އުމުރެއްގެ ކޮންމެ މީހަކު ވިޔަސް ގާނޫނާ ހިލާފަށް ކަމެއް ކުރުމުން އެކަމެއްގެ އަދަބު އަންނާނެ ކަމަށާއި ރައީސް ޔާމީން ވެރިއަކަށް ވަޑައިގެންނެވީ ގޯސްކޮށް ހިނގާ ކަންކަން ރަނގަޅުކޮށް ނިޔާ އިއްވަން ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ރައީސް މައުމޫނަށް އެންމެ ހެޔޮއެދިވަޑައިގަންނަވާނީ ރައީސް ޔާމީނޭ. ރައީސް ޔާމީން ވެރިކަމަށް އައިސްގެނޭ ރައީސް މައުމޫން ސަލާމަތްކުރެވޭނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައުމޫން ވަނީ ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ހަސަދަވެރިވެވަޑައިގަންނަވާފަ އެވެ. އެއީ ރައީސް ޔާމީން ތަރައްގީ ގެންނަވާތީ ރައީސް މައުމޫންގެ ލެގަސީ ގެއްލިދާނެތީ ވި ހަސަދައެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވި އެވެ. އަދި ވިދާޅުވީ އިދިކޮޅާ ގުޅިގެން އަނިޔާވެރިކަމުގެ ވާހަކަ ދައްކާއިރު ރައީސް މައުމޫންގެ އަނިޔާވެރިކަމުގެ ވާހަކަ މާ ރަނގަޅަށް ވެސް ދެއްކިދާނެ ކަމަށެވެ.
"ބަލަ އެ ވިދާޅުވާ 30 އަހަރުގެ ތެރޭގައި އަޅުގަނޑު އޮތީމޭ ރަމަޟާން މަހު ޖަލުގައި. އަޅުގަނޑު އޮތީމޭ ދެ އީދުގައި ޖަލުގައި. ތިން މަހާއި 18 ދުވަސް ވަންދެން ޖަލުގައި އޮތީމޭ. މައުމޫން ވަޑައިގެން ވިދާޅުވެ ދެއްވާ. އިލްޔާސް ވަޑައިގެން ވިދާޅުވެ ދެއްވާ ކީއްވެގެންތޯ އަޅުގަނޑު ޖަލަށްލީ. އަނިޔާވެރިކަމުގެ ވާހަކަ ދައްކަން ވެއްޖިއްޔާ ވަރަށް ރަނގަޅަށް އަނިޔާވެރިކަމުގެ ވާހަކަ ދައްކާލެވިދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ