ޕީޕީއެމް ހިންގުމުގެ ބާރު އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމާ ދެކޮޅަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން ޕީޕިއެމް ހިންގުމުގެ ބާރު ރައީސް ޔާމީނަށް ލިބިވަޑައިގަތުމާއެކު، ޕާޓީ ހިންގުމުގެ ހުރިހާ ކަމެއް ކުރައްވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. ސިވިލް ކޯޓުގެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
މައުމޫން ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕާޓީ ހިންގުމުގެ ބާރު ރައީސް ޔާމީނާ ހަވާލުކުރީ ގާނޫނުއަސާސީ އާއި ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނަށް ލިބިވަޑައިގަތަސް ކޯޓުގެ ނިންމުން މައުމޫން ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި އެމަނިކުފާނު އަންނަނީ ތާއީދުކުރާ ކައުންސިލް މެމްބަރުންނާ އެކު ވަކިން ކައުންސިލް ބައްދަލުވުންތައް ބާއްވައި، ނިންމުންތައް ނިންމަވަމުންނެވެ.
ޕާޓީ ހިންގުން ރައީސް ޔާމީނާ ކޯޓުން ހަވާލުކުރީ އެމަނިކުފާނާއި މައުމޫނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބޭއްވުން މައުމޫން ހުއްޓާލެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ދެ މެމްބަރަކު އެ މައްސަލަ ހުށަހެޅުމުންނެވެ.
ރައީސް ޔާމީނާ ޕާޓީ ހަވާލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ މައުމޫން ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ