އަފްރާޝީމުގެ މަރާ ރައީސް ޔާމީނާ ގުޅުމެއް ނެތް، ގުޅުން އޮތަސް އޮންނާނީ އެމްޑީޕީއާ: އުމަރު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ގުޅުމެއް ނެތް ކަމަށާއި އަފްރާޝީމް އަވަހާރަކޮށްލުމުގައި "ގުޅުން އޮތަސް އޮންނާނީ" އިދިކޮޅު އެމްޑީޕީއާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ދިޓީވީގެ "ޚަބަރު ތެރެއިން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ އަފްރާޝީމުގެ މަރާ ގުޅުން އޮތް ކުއްޖަކު ރައީސް ޔާމީނާ ބައްދަލު ކުރަން، ޕީޕީއެމް އޮފީހަށް ގޮސް އިންދާ ފެނުނު ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވިދާޅުވެފައިވާނެ ކަމަށާއި ނަމަވެސް އަފްރާޝީމުގެ މަރާ ރައީސް ޔާމީނާ ގުޅުން އޮތް ކަމަށް އެއްވެސް އިރެއްގައި ވިދާޅުވެފައި ނުވާނެ ކަމަށެވެ. "ތަކުރާރުކޮށް މިދަންނަވަނީ އަޅުގަނޑު ދެއްކި ވާހަކަ. އަފްރާޝީމްގެ މަރާގުޅިގެން ހައްޔަރުކުރި މީހަކު ރައީސް ޔާމީން ޕީޕީއެމްގެ ޕްރައިމަރީގައި އަޅުގަނޑާ ވާދަކުރިއިރު، އެކުއްޖާ ރައީސް ޔާމީނާ ބައްދަލުކުރަންގޮސް ޕީޕީއެމް އޮފީސް ބޭރުގައި އިންދާ އަޅުގަނޑު ދުށީމޭ. އެއީ ދެތެއް. އަޅުގަނޑު ނުދަންނަވަން ރައީސް ޔާމީނާ އަފްރާޝީމްގެ މަރާ ގުޅުމެއް އޮތެކޭ،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އަފްރާޝީމުގެ މަރާ ގުޅުން އޮތް ކުއްޖަކު ޕީޕީއެމް ޕްރައިމަރީ ތެރޭގައި ރައީސް ޔާމީނާ ބައްދަލު ކުރަން ޕީޕީއެމް އޮފީހަށް ދިޔަ ކަމަށާއި ނަމަވެސް ރައީސް ޔާމީން އެ ޒުވާނާއާ ބައްދަލު ނުކުރާ ކަމަށެވެ. އެ ކުއްޖާ ޕީޕީއެމް އޮފީހަށް ގޮސް އިނީ ޕްރައިމަރީގައި އެކިއެކި ކަންކަންކޮށް ފައިސާ ހޯދުމަށް ކަމަށް ވެދާނެ ކަމަށް އުމަރު ވިދާޅުވި އެވެ. "އެމްޑީޕީ މީހުންނަށް އަޑުއިވުނީ އެހެންގޮތަކަށް. އެމްޑީޕީ މީހުންނަށް އަޑުއިވުނު ކަމަށްވަނީ އަޅުގަނޑު ބުންޏޭ އަފްރާޝީމް މަރާލުމުގައި އަޅުގަނޑު ބައިވެރިވެޔޭ. އެހެންހެން އަޅުގަނޑަށް ހީވަނީ އެބޭފުޅުންނަށް އަޅުގަނޑު ދެއްކި ވާހަކަ އަޑުއިވުނީ. އަޅުގަނޑަށް ހީވަނީ އެބޭފުޅުންގެ ކަންފަތް ޖެހޭނީ ކަފަބުރަކުން ރަނގަޅަށް ސާފުކުރަންހެން،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ޑރ. އަފްރާޝީމުގެ މަރާ ގުޅުން އޮތް ކަަމަށް ޝަރީއަތަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވަނީ އަރްފާޝީމް މަރާލި ކަމަށް ސާބިތުވެ، މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ، ހުސައިން ހުމާމަށް އެކަނި ކަމަށެވެ. "ހަގީގަތުގައި ޑރ. އަފްރާޝީމްގެ ގާތިލަކީ ހުމާމް. އެއީ ފުލުހުން ހޯދި ފޮރެންސިކް ހެކިތަކުންނާއި. ހުމާމްގެ ގައިން އަފްރާޝީމްގެ ލޭ ވަނީ ފެނިފައި. އެއީ ވަރަށް އިންކާރުނުކުރެވޭނެ ހަގީގަތެއް. އެހެންވީމަ ހުމާމް މިއަދު ނުކުމެފަ ތިމަންނަ ހުވާކޮށްފައޭ މިބުނަނަނީ ތިމަންނަ ނުމަރަމޭ ބުންޏަށް އެއީ މީހަކު ގަބޫލުކުރަންޖެހޭނެ ކަމެއްނޫން،" އުމަރު ވިދާޅުވި އެވެ. ހޯމް މިނިސްޓަރު ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ހުމާމް ގޮވައިގެން ގޮސް ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ހ. ހިލްޓަން އަޒުލިފް ރައޫފް، ލ. ގަމު، ތުނޑި، ނޫއަލި އާދަމް ސޮލާހު (ސްޕައި) އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަގެ ދަނބިދަރި އަބްދުﷲ ޖާވިދު އާއި ޖާވިދުގެ ބޭބެ ޝާހީން މުހައްމަދާއި އެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. އަޒުލިފް ރައޫފް، ޝާހީން މުހައްމަދު، އާދަމް ސަލާހު، އަބްދުﷲ ޖާވިދު ---- ފޮޓޯ: ޕޮލިސް "މިހާރު އަޅުގަނޑު މިދަންނަވާލަނީ ތަހުގީގުގެ ހުރިހާ ޕޭޕަރުތަކެއް އަޅުގަނޑު ދިރާސާކޮށްފަ ދަންނަވާ ވާހަކައެއް. ޑރ. އަފްރާޝީމް މަރާލުމުގެ ކުރިން އޭނަ މަރާލުމާ ބެހޭގޮތުން ހ. ހިލްޓަން އަޒުލިފް ރައޫފް، އެއީ ކުޑަހެންވޭރު ގޭންގަށް ނިސްބަތްވާ އެކަކު. އަދި ލ. ގަމު، ތުނޑި.، ނޫއަލި އާދަމް ސޮލާހު. އޭނައަށް ކިޔާނީ ވަނަމަކުން ސްޕައި. އަދި އޭގެއިތުރަށް އެމްޑީޕީގެ ސީނިއާ އެކްޓީވިސްޓެއް ކަމަށްވާ ރީކޯ މޫސަގެ ދަނބިދަރި އަބްދުﷲ ޖާވިދު އަދި އަބްދުﷲ ޖާވިދުގެ ބޭބެ ޝާހީން މުހައްމަދު. މިއެންމެން ހުމާމްއާ ބައްދަލުކޮށް ވާހަކަދެއްކި އަފްރާޝީމް މަރާލުމުގެ ކުރިން. މިއީ އަޅުގަނޑުމެންގެ ތަހުގީގަށް ރަނގަޅަށް އެނގި ހާމަވެފަ ހުރި ކަންތައް،" އުމަރު ވިދާޅުވި އެވެ. އެބައްދަލުވުމުގައި އަޒުލިފް ރައޫފް، ޖާވިދު އާއި ޝާހީން ހުމާމަށް ދައްކާލުމަށްފަހު އަފްރާޝީމް މަރާލަން ފަންޑުކުރަނީ އެ ދެ މީހުން ކަމަށް ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. "އެ ބައްދަލުވުމުގައި އަޒުލިފް ރައޫފް ހުސައިން ހުމާމަށް ދައްކަނީ ޖާވިދު. ދައްކާފަ މިބުނަނީ އަފްރާޝީމް މަރާލުމުގައި ފައިނޭންސް ކުރަނީ މިމީހުންނޭ. އަޒުލިފް ރައޫފް ހުމާމަށް ދައްކަނީ ޖާވިދު އާއި ޝާހީން ދައްކާލާފަ މިބުނަނީ އަފްރާޝީމް މަރާލަން ފަންޑު ކުރަނީ މިމީހުންނޭ. އަދި އެއިރު މަރައެއް ނުލާ މަރާލުމަށް ރޭވުމުގެ ތެރޭގައި މިއީ ތަހުގީގަށް ސާފުކޮށް އެނގިފައި ހުރި މައުލޫމާތު،" އުމަރު ވިދާޅުވި އެވެ. މިނިސްޓަރު އުމަރު ވިދާޅުވީ ތަހުގީގުން ކަށަވަރުވެފައިވާ އެކަންތައްތަކަށް ބަލާއިރު "އަފްރާޝީމްގެ މަރު ގުޅެންޏާ ގުޅޭނީ އެމްޑީޕީއާ" ކަމަށެވެ. "އެހެންވީމަ އެ ހިސާބުން ވެސް އެނގޭ އެމްޑީޕީއާކަން އަފްރާޝީމްގެ މަރު ގުޅެންޏާ ގޮސް ގުޅޭނީ. އަޅުގަނޑު ނުދަންނަވަން ސީދާ އެމްޑީޕީއާ ގުޅެއެކޭ. އަޅުގަނޑު މިދަންނަވަނީ ގުޅެންޏާ ގޮސް ގުޅޭނީ އެތަނާއޭ. ދުވަހަކުވެސް ނެތް ތަހުގީގުގައި ޔާމީންގެ ނަން އައިސްފަކާ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ