ސުޕްރީމް ކޯޓުގައި މިއަދު ދުސްތޫރީ މައްސަލައެއްގެ ޝަރީޢަތް ބާއްވަނީ

ސުޕްރީމް ކޯޓުގައި މިއަދު ދުސްތޫރީ މައްސަލައެއްގެ ޝަރީޢަތް ބާއްވަން ތާވަލް ކޮށްފިއެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއްކަން ސާފެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި ބުނެފައި ވަނީ އެމައްސަލަ އަކީ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައެއް ކަމަށެވެ. މިމައްސަލައިގެ ޝަރީޢަތް ފަށާނީ މިއަދު 13:00 ގައެވެ.
މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެ ބެންޗްގައި ހިމެނިވަޑައިގަންވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.
ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއްގެ ޝަރީޢަތް މިއަދު ބާއްވާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކުރައްވައިފިނަމަ މެންބަރުކަން ގެއްލޭ ގޮތައް ނިންމައިދިނުން އެދި އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނަމަވެސް މިބާވަތުގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ގޮތެއް ނިންމަވާފައެވެ. ކައުންސިލަރުން އިންތިޚާބުވިއިރު ތިބި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ކައުންސިލަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކޮށް، ސުޕްރީމް ކޯޓުން 2012 ގައި އިއްވި ޙުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބު ކުރެވޭ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ޕާޓީ ބަދަލުކުރުމަކީ އެ މަގާމުން ވަކިވާނެ ސަބަބެއް ނޫން ކަމަށެވެ.
މީގެ ކުރިން މިފަދަ ޙުކުމެއް ސުޕްރީމް ކޯޓުން ކޮށްފައި ވީނަމަވެސް އެޙުކުމް ބާތިލްކޮށް އެހެން ޙުކުމެއް ކުރަން ސުޕްރީމް ކޯޓުގެ މައްޗަށް ޤާނޫނީ ހުރަހެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ