އުމަރު ޕީޕީއެމުން ވަކިކުރުމަށް ނުނިންމަން: ސުލޫކީ ކޮމެޓީ

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ މައްސަލައިގައި ޕާޓީން އޭނާ ވަކި ކުރުމަށް އަދި ނިންމާފައިވާ ނުވާ ކަމަށް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސުލީކީ ކޮމެޓީގެ މުގައްރިރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ އުމަރު ނަސީރާމެދު އަޅާނެ ވަކި ފިޔަވަޅެއް ނިންމާފައިނުވާ ކަމަށާއި އޭނާ އަށް އަންގާފައި ވަނީ އޭނާ އަމަލުތައް އިސްލާހު ކުރުމަށް ހަތް ދުވަސް ތެރޭގައި އަސާސީ ގަވާއިދުގެ ތެރެއަށް ވަނުމަށް ކަމަށެވެ.
އަސާސީ ގަވާއިދުގެ ތެރެއަށް ނުވަދެއްޖެ ނަމަ އުމަރާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާނެ ކަމަށް މީޑިއާގައި ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް އެ ފިޔަވަޅަކީ ކޮން ފިޔަވަޅެއް ކަމެއް އަދި ނުނިންމާ ކަމަށް ޖަމާލު ވިދާޅުވި އެވެ.
"ހަރުކަށި ފިޔަވަޅެއް އެޅޭނެ ބައިވަރު ކަންކަންތައްތައް އެބަހުރި. އޭގެ މާނައަކީ ޖޫރިމަނާކުރުން ކަމަށް ވެސް. ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަކީ ވެސް ހަރުކަށި ފިޔަވަޅަކަށް ވެދާނެ. އެކަން ނިންމަވާނީ ސުލޫކީ ކޮމެޓީން. ޕާޓީގެ ނަމުގައި އެއްވެސް ކަމެއް ނުކުރުމަށް ދިގު މުއްދަކަށް ސަސްޕަންޑް ކުރުން ވެސް ހަރުކަށި ފިޔަވަޅު އެޅުން ކަމަށް ވެދާނެ. އެކަން އެކަންވެސް ނިންމާނީ ސުލޫކީ ކޮމެޓީން،" ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ޖަމާލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަސާސީ ގަވާއިދުގެ ތެރެއަށް ވަދުމަށް އުމަރު ނަސީރަށް އެންގި ފަހުން ހަތް ދުވަސް ހަމަ ވަނީ އަންނަ ބުދަ ދުވަހު ނިޔަލަށް ކަމަށާއި އޭގެ ފަހުން ބުރާސްފަތި ދުވަހު އެ ކޮމެޓީން އަޅާނެ ފިޔަވަޅެއް ނިންމާނެ ކަމަށެވެ.
އުމަރު ނަސީރު ވިދާޅުވެފައި ވަނީ ސުލޫކީ ކޮމެޓީން ނިންމާފައި ވަނީ އޭނާ ޕާޓީން ވަކިކުރުމަށް ކަމަށެވެ. އުމަރުގެ އެ ވާހަކަތަކާ ގުޅިގެން ޖަމާލު ވިދާޅުވީ އެއީ އުމަރު މާނަ ކުރައްވާ ގޮތް ކަމަށެވެ.
އުމަރު ނަސީރު ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއަށް ވަދުމަށް އަންގާފައިވަނީ ޕީޕީއެމް ޕްރައިމަރީއަށްފަހު އަމިއްލައަށް ޖަލްސާއެއް ބާއްވައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިން އާއި ބެހޭ ގޮތުން ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެވެ.
އުމަރު ވިދާޅުވެފައި ވަނީ އިންތިހާބުގައި ބޮޑެތި މަކަރުތަކެއް ހަދާފައިވާ ކަމަށާއި ޔާމިން ފަހަތުގައި ރާއްޖޭގެ ބޮޑެތި ގޭންގުތައް ތިބި ކަމަށެވެ. އަދި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވާ 18 އަހަރުން ދަށުގެ ކުޑަ ކުއްޖާ ޕީޕީއެމް އޮފީހުގައި ޔާމިނާ ބައްދަލުކުރަން ގޮސް އިންތަން ފެނުނު ކަމަށް ވެސް އުމަރު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ