ގާސިމް ބަންދުކޮށްގެން ގެންގުޅުމުން ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ ކާކު؟: މަލީހު

ޤާސިމް އިބުރާހިމް ދެވަނަ ފަހަރަށް ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވެން ނެތްކަމަށް ނިންމައި އެމައްސަލަ އަނބުރާ ފޮނުވާލާފައިވާއިރު، ގާސިމް ބަންދުކޮށްގެން ގެންގުޅުމުން ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ ކާކުތޯ ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ސުވާލްކުރައްވައިފިއެވެ.
މަލީހު މިހެން ވިދާޅުވީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މަލީހު ވިދާޅުވީ ގާސިމް ހައްޔަރުކޮށްގެން އެތަށް ދުވަހަކު ގެންގުޅުމަށްފަހު އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވެން ނެތްކަމަށް ނިންމައި އެމައްސަލަ އަނބުރާ ފޮނުވާލާފައިވާއިރު، ގާސިމް ބަންދުކޮށްގެން ގެންގުޅުމުން ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ ކާކުތޯ ސުވާލްކުރަންޖެހޭކަމަށެވެ.
އަދި މިއީ ކާކުގެ އިހްމާލުން ހިނގާދިޔަ ކަމެއްތޯ ސުވާލުކުރަންޖެހޭ ކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި މިއީ ގައުމަށް ރަނގަޅު ގޮތެއް ނޫންކަމަށްވެސް މަލީހު ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުއްލިގޮތަކަށް ހައްޔަރުކޮށް 19 ދުވަހާއި 17 ގަޑިއިރު ވަންދެން ފުލުހުން ވަނީ ދޫނިދޫގައި އެމަނިކުފާނު ބަންދުކޮށްގެން ގެންގުޅެފައެވެ.
މި މުއްދަތުގައި ފުލުހުން ކުރި ތަހްގުގީށްފަހު ދައުވާކުރުމަށް ފޮނުވުމުން ޕީޖީ ވަނީ އެކަށީގެންވާ ހެކި ނެތްކަމަށް ވިދާޅުވެ މައްސަލަ އަލުން ފުލުހުންގެ އިދާރާއަށް ފޮނުވާލާފައެވެ.
މީގެ ކުރިންވެސް ގާސިމް އިބްރާހިމް ވަނީ 6 ދުވަސް ވަންދެން ދޫނިދޫ ޖަލުގައި ބަންދުކޮށްގެން ގެންގުޅުފައެވެ.
އެފަހަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ ގާނޫނީ އިމުން ބޭރުންކަމަށާ އެއީ ގައިރު ގާނޫނީ ހައްޔަރެއްކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި ގާސިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ދިން އަމުރާއި، އެމަނިކުފާނުގެ ބަންދަށް 6 ދުވަސް އިތުރުކުރީވެސް ގާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާ އެކަންކަން ވަނީ ހައިކޯޓުން ބާތިލްކޮށްފައެވެ.
އެ މައްސަލައާއި ގުޅިގެންވެސް ގިނަ ބަޔަކު ވަނީ ގާސިމަށް ލިބުނު އަނިޔާއަށް އިންސާފު ހޯދާދޭނީ ކޮން މުއްސަސާއަކުންތޯ ސުވާލްކޮށްފައެވެ. އަދި ގާނޫނާއި ޚިލާފަށް އަމަލުކުރި ފަރާތްތަކާއިމެދު ފިޔަަވަޅު އަޅަންޖެހޭކަމަށްވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ