ކަރަންޓް ކެނޑޭތީ ޅޮހީ ރައްޔިތުން ރުޅި ގަދަވެ އިހްތިޖާޖު ކުރަން ފަށައިފި

ނ. ޅޮހީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއްވެ ރައްޔިތުންނަށް މާލީ ގޮތުން ގެއްލުންތަކެއް ލިބެން ފެށުމުން އެރަށުގެ ރައްޔިތުންގެ ބަޔަކު އިހްތިޖާޖު ކުރަން ފަށައިފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޅޮހީ ކައުންސިލް ރައީސް އަބްދުﷲ ސާލިމް ވިދާޅުވީ ޅޮހީ ރައްޔިތުން މިއަދު އިހްތިޖާޖު ކުރަން ފެށީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އެރަށަށް އެކަށީގެންވާ ގޮތަކަށް ކަރަންޓް ލިބެމުންދާ ނުދާތީ ކަމަށެވެ. ރަށުން ކަރަންޓް ކެނޑޭތީ ގޭގޭގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރިކް ސާމާނުތައް ހަލާކުވެ، ފިނިކުރަން ބަހައްޓާފައި ހުރި މަހާއި ތަރުކާރީ ފަދަ ތަކެތި ހަލާކުވެ އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
ސާލިމް ވިދާޅުވީ ރައްޔިތުން މިއަދު އިހްތިޖާޖު ކުރަން ފެށީ އިންޖީނުގެ ހިންގަމުން ގެންދާ ފެނަކަ ކޯޕަރޭޝަނަށް މައްސަލަ ހައްލުކުރަން އެކަށީގެންވާ ވަގުތު ދިނުމަށްފަހު ފެނަކައިން އެދުނު ގޮތަށް ކަންކަން ހަމަޖެހިގެން ގޮސްފައި ނުވާތީ ކަމަށެވެ.
"ފެނަކައިން އެދުނީ ޅޮހީއަށް ދިމާވެފައި މިވާ ކަރަންޓްގެ މައްސަލަ ހައްލުކުރަން އެހެން ރަށަކުން އެރަށަށް ގެނައި 160 ކިލޯވޮޓްގެ ޖަނަރޭޓަރު އިންސްޓޯލް ކޮށްލަން ވަގުތު ކޮޅެއް ދިނުމަށް. ރައްޔިތުން އެވަގުތު ދިން. އެކަމަކު ފެނަކައިން އިންސްޓޯލް ކުރި ޖަނަރޭޓަރުން ވެސް އެކަށީގެންވާ ހިދުމަތެއް ނުދެވި ގިނަ ވަގުތު މިއޮންނަނީ ކަރަންޓް ކެނޑިފައި،" ސާލިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މިހާރު ޑިމާންޑަކީ މައްސަލަ ހައްލުވާނެ ދުވަހަކާއި، މިހާރު ހުރި ޖަނަރޭޓަރުތަކުން މައްސަލަ ހައްލުނުވާނަމަ މުޅިން އާ ޖަނަރޭޓަރެއް ޅޮހީ އަށް ލިބޭނެކަން ފެނަކައިން ލިޔުމުން ރައްޔިތުންނަށް ޔަގީންކޮށްދިނުން ކަމަށެވެ. ނަމަވެސް ފެނަކައިން އެފަދަ ލިޔުމެއް ރައްޔިތުންނަށް ދީފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ޅޮހީގައި އިހްތިޖާޖު ކުރަމުންދާ އެރަށު ރައްޔިތެއް ކަމަށްވާ ހުސްނީ ޔޫސުފް ބުނީ ޅޮހީ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށްޓަކައި ފެނަކައިން ދައްކާ ވާހަކައާއި އަމަލާ ދިމާ ނުވާ ކަމަށެވެ. އެހެންކަމުން ފެނަކައިން ައަމަލުކުރާ ގޮތުން ރައްޔިތުންގެ އިތުބާރު ފެނަކައަށް ގެއްލިފައިވާ ކަމަށްވެސް ބުންޏެވެ.
ޅޮހީ އިންޖީނުގޭގައި މިވަގުތު ފަސް ޖަނަރޭޓަރު ހުރި ނަމަވެސް މިވަގުތު ހިދުމަތް ދެނީ އެންމެ ޖަނަރޭޓަރަކުން ކަމަށާއި އެވެސް ބާޖަނަރޭޓަރެއް ކަމުން ކަރަންޓްގެ ލޯޑް ބޮޑުވެ ކަރަންޓް ކެނޑެނީ ކަމަށްވެސް ޅޮހީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ޅޮހީ އިންޖީނުގޭގެ ކުރިމައްޗަށްވާ ގޮތަށް މަގުމަތީގައި ސަތަރި އަޅައިގެން ޅޮހީ ރައްޔިތުން ސުލްހަވެރިކަމާއެކު އިހްތިޖާޖު ކުރަމުންދާއިރު އެ އަތޮޅު މަނަދޫގައި ތިބޭ ފުލުހުން މިހާރު ގެންދަނީ ޅޮހީގައި ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ