ރައްޔިތުން ބޭނުންވާނަމަ އިންތިގާލީ ސަރުކާރެއް ގެނެވޭނެ: ޑރ. ހުސައިން

ރައްޔިތުން ބޭނުންވާނަމަ އިންތިގާލީ ސަރުކާރެއް ގެނެވޭނެ ކަމަށާއި، އެކަމަށް ގާނޫނީގޮތުން ހުރަހެއް ނޯންނާނެ ކަމުގައި ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ޑރ ހުސައިން މިހެން ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން 2018ގެ ރިޔާސީ އިންތިހާބަށް އެއްކެނޑިޑޭޓް ނެރުމާއި ގުޅޭ ގޮތުން ވީޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ.ހުސައިން ވިދާޅުވީ އިންތިގާލީ ކެންޑިޑޭޓަކާ ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަކީ އެމަނިކުފާނުގެ އަމިއްލަ ހިޔާލުފުޅު ކަަމަށާއި ކޮންމެ ޕާޓީއަކުން އެޕާޓީއެއްގެ އެތެރޭގައި މަޝްވަރާ ކުރުމަށް ކަންކަން ހުށަހެޅޭނެ ކަަމަށާއި، އެއީ ޕާޓީތަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ.
ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ އެކަމާމެދު އެމްޑީޕީ ތެރޭގައި މަޝްވަރާ ކުރުމަށް ކަމަށާއި އެކަން ހިނގަމުންދާ ކަަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްެވެ.
ޑރ ހުސައިން ވިދާޅުވީ ހަތަރު ލީޑަރުންގެ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރަމުންދާއިރު، ކޮންމެ ޕާޓީއަކުންވެސް ބޭނުންވާ ކެންޑިޑޭޓަށް ފުރުސަތު ހޯދައިދިނުމަށް އެއްބަސްވެވިފައިވާ ކަަމަށެވެ. އަދި ވިދާޅުވީ އެއް ކެންޑިޑޭޓު ނެރުމަށް ގުޅިފައިވާ ޕާޓީތަކުން އަދި ނިންމާފައި ނުވާ ކަމަށެވެ.
ހުސައިން ވިދާޅުވީ ގައުމަށާއި ޕާޓީތަކަށް އެންމެ ފައިދާހުރި ގޮތެއް ބެލުމަށް މަޝްވަރާ ކުރަންޖެހޭ ކަމަށާއި، ޕާޓީތެރޭގައިވެސް އަދި އެހެން ޕާޓީތަކާއެކުވެސް އެ މަޝްވަރާ ކުރުމަށް ޖޭޕީން އޮތީ ތައްޔާރަށް ކަމަށެވެ.
ރައީސް ނަޝީދު އިސްނަންގަވައި މިބަހުސް ފެއްޓެވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ އެންމެ ބޮޑު މަގުސަދަކީ ރައީސް ޔާމީނުގެ އަނިޔާވެރިކަމުން ގައުމު ސަލާމަތް ކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ