0-2 ގެ ނަތީޖާއަކުން ހަލްސިޓީގެ މައްޗަށް ކުރި ހޯދާ މެންޗެސްޓަރ ސިޓީން ލީގުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.
ސިޓީ ލީގުގެ ދެވަނައިގައި އޮތީ 60 ޕޮއިންޓާއެކީގައެވެ.ލީގުގެ އެއްވަނައިގައި 66 ޕޮއިންޓާއެކީ އޮތީ ޗެލްސީއެވެ.ނަމަވެސް ޗެލްސީ ވަނީ ސިޓީއަށް ވުރެ ދެ މެޗް އިތުރަށް ކުޅެފައެވެ. މި މެޗުން ބަލިވި ހަލްސިޓީ އޮތީ ލީގުގެ 30 ޕޮއިންޓާއެކީ ލީގުގެ 14 ވަނައިގައެވެ.
ހަލްސިޓީގެ ދަނޑުގައި ކުޅުނު މި މެޗް ފެށިގެން 10 ވަނަ މިނެޓްގައި ހަލްސިޓީގެ ފޯވާޑް ޔެލަވިޗްއަށް ސިޓީގެ ޑިފެންޑަރ ވިންސެންޓް ކޮމްޕެނީ ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
އެހާ ހިސާބުން ފެށިގެން 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ސިޓީއަށް ހިތްހަމަޖެހުން ލިބިގެންދިޔައީ މެޗުގެ 14 ވަނަ މިނެޓްގައި ސިޓީގެ ޒުވާން ހުނަރުވެރި މިޑްފިލްޑަރ ޑޭވިޑް ސިލްވާ ކާމިޔާބުކޮށްދިން ހިތްގައިމު ގޯލުންނެވެ.އޭނާ މި ގޯލްޖެހީ ގޯލާ 25 ޔާޑް ދުރުންކަން ފާހަގަކޮށްލަންޖެހެއެވެ. މި ގޯލަށްފަހު ސިޓީގެ ފުލްބެކް ޒަބަލެޓާއަށް ވަނީ މެޗުން ނަތީޖާ ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް އޭނާ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ.
ސިޓީއަށް މި މެޗުން 3 ޕޮއިންޓް ކަށަވަރުކޮށްދިން ގޯލް ސިލްވާ ދިން ޕާހަކުން މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އެޑިން ޒެކޯއެވެ. މިއީ އޭނާ 17 މެޗަށްފަހު ކާމިޔާބުކުރި ފުރަތަމަ ގޯލްކަން ފާހަގަކޮށްލަންޖެހެއެވެ.
ހަލްސިޓީގެ މައްޗަށް ކުރި ހޯދާ ސިޓީ ލީގުގެ ދެވަނައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ