ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތައް ކުރިއަށް ގެންދާއިރު އިންޖީނަށް ކުރިމަތިވާ މައްސަލައެއްގެ ސަބަބުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ ކަރަންޓު ނުލިބުން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ނ. ލަންދޫގައި ފެނަކައިން ތަރައްޤީ ކުރި އައު އިންޖީނުގެ ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖެނެރޭޓަރަކަށް ކަމެއް ދިމާވެދާނެ ކަމަށާއި އެހާލަތުގައި އެކަމެއް ރަނގަޅުކުރެވެންދެން ދަތިތަކެއްވެސް ކުރިމަތިވެދާނެކަން ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.
ލަންދޫއަކީ ފުޅައު ދާއިރއެއްގައި ވަޑާމާއި އެހެނިހެން މަސައްކަތްކުރާ ރަށެއްކަން ފާހަގަ ކުރައްވައި ރަށުގައި ކަރަންޓުގެ ޚިދުމަތް ފުރިހަމަވެގެން ދިއުމުން އެފަދަ މަސައްކަތްތައް އިތުރުކޮށް އާމްދަނީ ހޯދަން ކުރާ މަސައްކަތް އިތުރުކުރުމަށް ރައީސް ޔާމީން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ފެނަކައަކީ ރަށުގެ ހުރިހައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން މަސައްކަތްކުރާ ކުންފުންޏަކަށްވާތީ އެކުންފުނީގެ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް ވެސް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހަަމެޖެހުން ލިބޭނީ ހަމައެކަނި ކަރަންޓުގެ ޚިދުމަތް ލިބިގެން ނޫން ކަމަށާއި އަސާސީ ހުރިހައި ޚިދުމަތްތެކެއް ފުރިހަމަކުރެވިގެން ކަމަށެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ހުރިހައި ރަށަކަށް ވެސް އެރަށަކަށް ބޭނުންވާ އަސާސީ ހުރިހައި ޚިދުމަތްތައް ފޯރުކޮށްދެއްވަން ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާއާއި ޞިއްޙީ ޚިދުމަތްތަކާއި ބަނދަރު ހެދުން ފަދަ ކަންކަމަކީވެސް ސަރުކާރުން ފޯރުކޮށްދޭނެ ޚިދުމަތްތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޖީނަށް ލިބޭ ގެެއްލުމަކުން ކަރަންޓުގެ ޚިދުމަތް މެެދުކެނޑުމަކީ ކަރަންޓް ނުލިބުމެއް ނޫން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ