ލާމަރުކަޒީ ނިޒާމުން ސިޔާސީ ދެފިކުރުގެ މީހުން އެކުގައި އުޅެން ދަސްކޮށްދޭ: އުމަރު

ލާމަރުކަޒީ ނިޒާމަކީ ސިޔާސީ ދެފިކުރުގެ މީހުން އެކުގައި އުޅެން ދަސްކޮށްދޭ ނިޒާމެއް ކަމަށް ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ ދެ ދުވަހުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި އޭގައި ހުރި ގޯސްކަންކަން ހޯދާބަލައިގެން މުޅި ނިޒާމް ގޯސްކޮށްގެންނުވާނެ ކަމަށެވެ.
"ކޮންމެ ކަމެއްގައި ވެސް ހުންނާނެ އަހުލުވެރިނުވެ ހުންނަ ކަންކަން. ދަސްކުރާ ދުވަސްވަރު ހުރި ގޯސްކަންކަން ބަލައިގެން މުޅި ނިޒާމް ގޯސްއެއްޗަކަށް ބަލައިގެންނުވާނެ. މި ނިޒާމުގެ ތެރެއިން ރަނގަޅު ކަންކަމާއި ގޯސްކަންކަން މިދިޔަ ތިން ސަރުކާރުވެސް ދެކެފި،" މިނިސްޓަރު ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތަކަށް މިހާރު އެނގޭނެ މީގެ ދެކޮޅު ވެސް. ލާމަރުކަޒީ ނިޒާމް ތައާރަފްކުރެވޭ ދުވަސްވަރު ހުރި ގޮންޖެހުންތައް ފިލައި ހަމައަކަށް އެޅޭނީ 5 އަހަރާއި 10 އަހަރާ ދެމެދުގައި. އަޅުގަނޑުމެން މިނިޒާމް ތައާރަފްކުރިތާ މިހާރުމިވީ ހަތަރު އަހަރު. އެހެންވީމަ އަދި މިތިބީ ލާނިންކާވްގެ ތެރޭގައި. ޔޫޓާން އެއް އަޅުގަނޑުންމެން ނުނަގާނަން. މި ދުވަސްވަރު ހުރި ދަތިތައް ދެނެގަނެ ގެންނަންޖެހޭ ކުދިކުދި އިސްލާހުތައް ގެނެސްގެން އަޅުގަނޑުމެން ދާނީ ކުރިއަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ލާމަރުކަޒީނިޒާމުގައި މިވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީ "ސިޔާސީ ހިޔާލުތަފާތުވާއިރު އެޅުވޭ ތަޅުތައް،" ކަމަށާއި އެކަންކަން ހައްލުކުރެވެނިކޮށް މިއީ ވަރަށް ރަނގަޅު ނިޒާމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ