ރޫނީގެ ދެ ގޯލުން ޔުނައިޓެޑް މޮޅުވެއްޖެ

ވޭން ރޫނީގެ ދެ ގޯލުން އެސްޓަންވިލާގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން 1-4 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.
މި މޮޅާއެކު ޔުނައިޓެޑް އޮތީ 54 ޕޮއިންޓާއެކީ ލީގުގެ 7 ވަނައިގައެވެ. މި މެޗުން ބލިވި އެސްޓަންވިލާ އޮތީ 34 ޕޮއިންޓާއެކީ ލީގުގެ 12 ވަނައިގައެެވެ. އެއްވަނައިގައި 69 ޕޮއިންޓާއެކީ އޮތީ ޗެލްސީއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ އެސްޓަންވިލާ އިންނެވެ. މި ގޯލް އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 13 ވަނަ މިނެޓްގައި ވެސްޓްވުޑްއެވެ. ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރީ މެޗުގެ 20 ވަނަ މިނެޓްގައެވެ. ކަގާވާ ޕެނަލްޓީއޭރިއާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހުހަށްއޮވެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޔުނައިޓެޑަށް މި ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާޑް ވޭން ރޫނީއެވެ.
ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދީ އެ ޓީމުގެ ސަޕޯޓަރުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދީފައެވެ. ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން މި ގޯލް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލް ވެސް ކާމިޔާބުކޮށްދިން ވޭން ރޫނީއެވެ.
ޔުނައިޓެޑްގެ ތިންވަނަ ގޯލް މެޗުގެ 57 ވަނަ މިނެޓްގައި ފެލައިނީ ދިން ޕާހަކުންް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން މިޑްފިލްޑަރ ހުއާން މާޓާއެވެ. މިއީ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީން ޔުނައިޓެޑަށް ބަދަލުވި މާޓާ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ޔުނައިޓެޑްގެ ހަތަރުވަނަ ގޯލް ޖެހީ މެޗުގެ އެންމެ ފަހު މިނެޓްގައެވެ. ޔަނޫޒީ ޕެނަލްޓީއޭރިއާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ގޯލް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި މެޗުގައި ކުޅެން ނިކު ހާވިއޭ ހާނަންޑޭޒްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ