މަދިރި ކޮންޓްރޯލް ކުރަން މާލެ ފޮގް ކުރަނީ

ގްރޭޓާ މާލެ ސަރަހައްދުގައި މަދިރި އާލާވުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި އުފެދޭ ތަންތަން ފޮގް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
އެ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތުގެ ތެރެއިން މިހާރު ވިލިމާލެ ފޮގް ކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މާލެވެސް ފޮގު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
ކައުންސިލްގެ ޕެސްޓު ކޮންޓްރޯލް ޑިޕާޓްމެންޓުން ފޮގް ކުރަނީ މާލެ އަދި ވިލިމާލޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓުތައް ފަދަ ގިނަގިނައިން ފެން ހަރުލާ މަދިރި އާލާވާފަދަ ސަރަހައްދުތަކެވެ. އެތަންތަނަށް މަދިރި ބޭސް އަޅަމުންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން މި މަސައްކަތް ފަށާފައިވާއިރު ރާއްޖޭގައި ޗިކަންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށާއި އެގޮތުން މި މަހު އެކަނި މިހާތަނަށް މާލޭ ސަރަހައްދުން 59 ވޭދަނަ ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ޚަލީލު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިއްސާރަ މޫސުން ކުރިއަށް އޮތުމާއެކު، ޚާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށެވެ. ޗިކަންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުންކަން ފާހަގަކުރައްވައި އެކަމަށް ހާއްސަ ސަމާލުކަން ދިނުމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
އެޗްޕީއޭއިން ވެސް ވަނީ ޑެންގީއާއި، ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރީއްޔާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ޑެންގީ އާއި ޗިކަންގުންޔާއިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކާއި ފަރުވާ ވެސް ބުނެދީފައިވެއެވެ.
ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗްޕީއޭއިން ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ހުން އަންނަ ނަމަ ޕެރެެސެޓެމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރެއްވުމަށާއި، ތިން ދުވަސް ތެރޭގައި ހުން ރަނގަޅު ނުވެ، އިތުރަށް ގޯސްވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ