ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 19

ސައިކަލަށް އަރާ މުށްގަނޑު ފެލާލީ ވީ އެންމެ އަވަހަކަށް ޝަރާއާ ބައްދަލު ކުރުމަށެވެ. އޭރު އަޔާޒްގެ ހިތް ހީވަނީ ހަށިގަނޑު ފަޅާލާފައި ނުކުމެދާނެހެންނެވެ.
- އެޕިސޯޑް 19 –ބާރު ދުވެލީގައި ސައިކަލް ދުއްވާފައި ގޮސް އަޔާޒް މަޑުކޮށްލީ ޝަރާ ދިރިއުޅެމުންދާ ގެސްޓް ހައުސްގެ ދޮރު ކުރިމަތީގައެވެ. ނިކަން އަވަހަށް ސައިކަލް ޕާކް ކޮށްލުމަށްފަހު، އަޔާޒް މިސްރާބު ޖެހީ ގެސްޓް ހައުސްއަށް ވަންނާށެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަޔާޒް މަޑުކޮށްލީ ޝަރާ އުޅޭ ކޮޓަރިއާ ދިމާލުގައެވެ.
އެނދުގައި ބަންޑުން ވެއްޓިގަނެގެން ރޯން އޮތް ޝަރާގެ ގިސްލުމުގެ އަޑު ކޮޓަރިން ބޭރުގައި ހުރި އަޔާޒްގެ ކަންފަތުގައި ވަރަށް ސާފުކޮށް ޖެހެމުން ދިޔައެވެ. އަޔާޒް ވަގުތުކޮޅަކަށް ހުއްޓުން އެރިއެވެ. އެ ވޭނީ ގިސްލުމުގެ އަޑުން އަޔާޒްގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. ވަގުތު ކޮޅެއްގެ ހިމޭން ކަމަކަށްފަހު، އަޔާޒް މަޑުމަޑުން ޝަރާ އޮތް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ސިހިފައި ކަހަލަ ގޮތަކަށް ޝަރާއަށް ބަލާލެވުނީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. އަނެއްކާ ވެސް އަޔާޒް މަޑުމަޑުން ދޮރުގައި ޓަކި ދިނެވެ. އެގޮތުގައި ހުއްޓުމެއް ނެތި ދެތިން ފަހަރު ޓަކި ދިނުމާއެކުގައި، ޝަރާ މަޑުމަޑުން އެނދުން ތެދުވިއެވެ. އެއީ އަޔާޒް ކަމުގެ އިޙްސާސް ޝަރާއަށް ވާން ފެށިއެވެ. "ކާކު؟" ޝަރާގެ އަޑު އޭނާގެ އަރު ތެރެއިން ނުކުތީ ކުދިކުދި ވަމުންނެވެ. އެ އަޑުގައި އެއްވެސް ތާޒާ ކަމެއް، އޮމާން ކަމެއް ނެތެވެ. އަޔާޒްގެ ދޫ ވަގުތުން ބަންދުވިއެވެ. އަނގަ ހުޅުވަން އުޅެފައި ވެސް އަޔާޒަށް ހުއްޓުން އެރީއެވެ. ޝަރާގެ ވޭނީ އަޑު އިވިފައެވެ. "ކާކު؟" އަނެއްކާ ވެސް ޝަރާ އަހައިލިއެވެ. ކުރިއަށް ވުރެ އަޑު ބާރުކޮށެވެ. "އަހަރެން.." އަޔާޒްގެ އަޑު ޖެހުމާއެކުގައި ޝަރާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އަނެއްކާ ވެސް ފައިބައިގަތެވެ. ޝަރާއަށް ކެތް ނުވީއެވެ. އަޔާޒްްގެ މޫނު ބަލާނެ ހިތްވަރެއް ޝަރާގެ ކިބައިގަ ނެތީއެވެ."ހެޔޮނުވާނެ! ޝަރާ.. މި ދޮރު ހުޅުވާލަބަލަ!" އަަޔާޒްގެ އަޑުގައި ވަނީ ހިތްދަތި ކަމެވެ. ވޭނާ ކެކުޅުމެވެ. ޝަރާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ހަދާނެ ގޮތް ހުސް ވުމުން، ޝަރާ ދޮރު ހުޅުވާލުމާއެކު، ކޮޓަރިތެރެއަށް ހިނގައިގަތެވެ. ގޮސް ހުއްޓުނީ ކޮޓަރީގެ މެދެއްހާ ހިސާބުގައެވެ. އަޔާޒް މަޑުމަޑުން ކޮޓަރިއަށް ވަދެ، ދޮރު ލެއްޕިއެވެ. އަދި ލަސް ހިނގުމެއްގައި ހިނގާފައި ގޮސް ހުއްޓުނީ ޝަރާއާ ދާދި ގާތުގައެވެ. "ޝަރާ!" އަޔާޒް ހިންދިރުވާލިއެވެ. "ކީއްވެ ޝަރާ؟ ކީއްވެ؟" އަޔާޒަށް ރޮވޭ ގޮތްވިއެވެ. ޝަރާ ފަހަތަށް އެނބުރި އަޔާޒްއާ މޫނު ސީދާ ކޮށްލިއެވެ. ޝަރާގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ އަޔާޒްގެ ދެލޮލުން ފައިބަމުންދާ ކަރުނައެވެ. އަޔާޒް އެހާ ހިތްދަތިވެފައި ވަނިކޮށް މިއިން ދުވަހަކު ވެސް ޝަރާއަށް ފެނިފައެއް ނުވެއެވެ. އެ މަންޒަރު ބެލުންވީ ވެސް ޝަރާއަށް އުނދަގޫ ކަމަކަށެވެ. "އަހަރެން ދޫކޮށްފަ ނުދޭ! ހެޔޮނުވާނެ.. އަހަރެން ޝަރާ ދެކެ ވަރަށް ލޯބިވޭ! ވަރަށް ބޮޑަށް ލޯބިވޭ.. އަހަރެން ބޭނުމެއް ނޫން ޝަރާއާ ވަކިވާކަށް.. އާދޭސްކޮށްފަ މިބުނީ.. އަހަރެން ދޫކޮށް ނުލާ.." އަޔާޒްގެ އަޑުގައި ވަނީ ފުން ހިތާމައާއި ހިތްދަތިކަމެވެ. އެ އާދޭހުގެ އަޑު ޝަރާގެ ކަންފަތުގައި ޖެހުމުން ޝަރާ އަށް އިންތިހާއަށް އުނދަގޫ ވިއެވެ. މުޅި މީހާ ގޮތް ހުސްވިއެވެ. "އަޔާ.." ޝަރާ ވަރަށް ހިތްވަރުކޮށްފައި އަޔާޒްއާ ކުރިމަތިލިއެވެ. އަޔާޒްގެ އަތުގައި ޝަރާ ވަރަށް ލޯތްބާއި އެކުގައި ހިފާލިއެވެ. "އަހަރެން އަޔާ ދެކެ ވަރަށް ލޯބިވޭ! އެކަމު އަޔާ.. ހުރިހާ އެއްޗަކީ ލޯތްބެއް ނޫނޭ. ދިރިއުޅުމަކީ އިމްތިޙާނެއް.. އެ އިމްތިޙާނަށް އަހަރެމެން ޖެހޭނީ ކެތްކުރަން.. އަބަދަކު އެމީހަކު ބޭނުންވާ ގޮތަކަށް ކަންތަކެއް ނުވާނެ.. މިއީ ތަޤުދީރު.. ތަޤުދީރުގަ އަހަރެމެން ދެމީހުންނަށް ގުޅިގެން އުޅެވެން ނެތީ.. އެ ހަޤީޤަތް އަޔާ ވެސް ޤަބޫލު ކުރޭ!" ޝަރާ ރޮމުން ވާހަކަދެއްކީ ނެތް ހިތްވަރު އަޔާޒްގެ ކުރިމަތީގައި ދައްކަމުންނެވެ. "ތިހެން ނުބުނޭ! އަހަންނަށް އެނގޭ ޝަރާއަށް ވެސް ފަސޭހައެއް ނުވާނެކަން އަހަންނާ ނުލާ އުޅެން.. އަހަންނަށް ވެސް ފަސޭހައެއް ނޫން.. އަހަރެން މަންމަ.. އަހަރެންގެ މަންމަ ނުޤަބޫލު ވިޔަސް، އަހަރެން ޝަރާ ދުލެއް ނުކުރާނަން.." އަޔާޒް އޭނާގެ ހިތްމަތީގައި އަތް އަޅާލަމުން އެހެން ބުނެލީ ވަރަށް ދަތިގޮތަކަށެވެ. އަޔާޒްގެ ވާހަކަތައް އިވިފައި ޝަރާ އިތުރަށްވީ ދެރައެވެ. ނަމަވެސް ނިންމި ނިންމުމަށް އިހްތިރާމް ކުރަން ޝަރާ ބޭނުން ވީއެވެ. "އަޔާ! ވަރަށް ބޮޑަށް ސޮރީ.. އަހަރެން ބޭނުމީ ވަކިވާން.. އަޔާއާ ދުރަށް ދާން.. އަހަރެން ކެތްކުރާނަން.، އަޔާއަށް އަހަރެންނަށް ވުރެ މާ ރަނގަޅު ކުދިން ވާނެ.. އަހަރެންނަށް.." ޝަރާ ދައްކަމުން ދިޔަ ވާހަކަތައް ހުއްޓުވާލީ އަޔާޒެވެ. "ޝޫޝް! ހުއްޓާލާ!" އަޔާޒް އެހެން ބުނެލީ އަޑު ބާރުކޮށްލަމުންނެވެ. އަޔާޒްގެ ދެލޯ ވަނީ ކަރުނައިން ފުރި ބާރުވެފައެވެ. ޝަރާއަށް ބަލަހައްޓައިގެން ހުރެވުނީ ސީދާ އަޔާޒްގެ މޫނަށެވެ. "އަހަރެންގެ ވާހަކަ ވެސް އަޑުއަހާ.. ޝަރާ ނޫން މީހަކާ އަހަރެން ނީންނާނަން.. ޝަރާ ދޭ! އެކަމު ޝަރާ ހަނދާން ކުރާތި! ދެން ޝަރާ އަކަށް އަހަރެން ނުފެންނާނެ.. އަހަރެންގެ ދިރިހުރި ފުރާނަ ދެން ޝަރާއަކާ ބައްދަލެއް ނުކުރާނެ.." އަޔާޒް އެހެން ބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. "އަޔާ.." ޝަރާ ދުވެފައި ގޮސް އަޔާޒްގެ ފަހަތުން އަޔާޒްގެ ގައިގައި ވަރަށް ބާރަށް އޮޅުލައިގަތެވެ. (ނުނިމޭ)
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ