މިރޭ ކިރިގިސްތާން އަތުން މޮޅުވެ ދިވެހި ރައްޔިތުން އުފާކޮށްދެވުނީތީ އެކަމާ އުފާކުރާ ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ ކޯޗު ޑްރާގޯ މަމިޗް ބުނެފި އެވެ.
މިރޭ ކިރިގިސްތާންއާ ދެކޮޅަށް ކުޅޭ ރާއްޖޭ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. ދަނގަޑޭގެ ދެ ގޯލާއެކު މި މެޗު ރާއްޖޭގެ ގައުމީ ޓީމުން ކާމިޔާބުކުރުމާ އެކު ވަނީ ސެމީއަށް ދިއުމުގެ އުއްމީދު ވެސް އާވެގެން ގޮސްފަ އެވެ.
މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު މަމިޗް ބުނީ މިރޭގެ މެޗުން މޮޅުވެ ދިވެހި ރައްޔިތުން އުފާކޮށްދެވުނީތީ އެކަމާ އޭނާ ވަރަށް އުފާކުރާ ކަމަށެވެ. ދިވެހި ޓީމަށް ސަޕޯޓަރުން ދިން ތަރުހީބު ކޯޗު ވަނީ ވަކިން ހާއްސަ ގޮތެއްގައި ފާހަގަކޮށްފަ އެވެ.
"މި މެޗުން މޮޅުވެ ދިވެހި ރައްޔިތުން އުފާކޮށްދެވުނީތީ އެކަމާ އަހަރެން އުފާކުރަން. ސަޕޯޓަރުން ޓީމަށް ދެމުންގެންދަނީ ވަރަށް ވެސް ފުރިހަމަ ސަޕޯޓެއް. މިއީ ދިވެހި ސަޕޯޓަރުން އުފާކުރުން ހައްގު މޮޅެއް." މަމިޗް ބުންޏެވެ.
މިރޭގެ މެޗުގައި ދިވެހި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މި މެޗުގައި ޓީމުގައި ހިމެނުނު ކޮންމެ ކުޅުންތެރިއަކު ވެސް ވަރަށް ހިތްވަރު ކުރި ކަން ދިވެހި ޓީމުގެ ކޯޗު ފާހަގަކުރި އެވެ. އެގޮތުން ވަކިން ހާއްސަކޮށް ދިވެހި ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އަށް އަނިޔާއެއް ވި ނަމަވެސް އެ އަނިޔާއާއެކު ކުޅެ، ދެއްކި މޮޅު ކުޅުން ކޯޗު ފާހަގަކުރި އެވެ.
"އަހަރެން ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔަން. ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މިރޭގެ މެޗުގައި ވަރަށް ހިތްވަރުކުރި. އަޝްފާގްގެ އަރިކަށްޓަށް އަނިޔާއެއް ލިބުނު. އެކަމަކު އެ އަނިޔާ ހުރެވެސް އޭނާ ބޭނުންވީ ކުޅެން. އަނިޔާގައި ހުރެ އޭނާ ދެއްކި މޮޅު ކުޅުމަށް އަހަރެން އޭނާއަށް ވެސް މަރުހަބާ ކިޔަން." ގައުމީ ޓީމުގެ ކޯޗު ބުންޏެވެ.
މި މެޗުން މޮޅުވުމުން ސެމީއަށް ދިއުމުގެ އުއްމީދު ވެސް ބޮޑުވެފައިވާ ކަމަށާއި ކުރިއަށް އޮތް ފަލަސްތީން މެޗަކީ ވެސް އުނދަގޫ މެޗަކަށްވާނެ ކަމަށް ދިވެހި ޓީމުގެ ކޯޗު ބުންޏެވެ. އެހެންކަމުން މިވަގުތު ހުރިހާ ކުޅުންތެރިންގެ ވިސްނުން ވެސް ހުރީ އެ މެޗަށް ކަމަށް ވެސް މަމިޗް ބުންޏެވެ.
މިރޭގެ މެޗުގައި ރެފްރީ ނިންމި ނިންމުންތަކާ ގުޅޭގޮތުން ވަގުތު އެމްވީއިން ކުރި ސުވާލަށް ޖަވާބު ދޭން ދިވެހި ޓީމުގެ ކޯޗު މަމިޗް ވަނީ ދެކޮޅު ހަދާފަ އެވެ. އޭގެ ބަދަލުގައި ކޯޗު ބުނީ ރެފްރީގެ ނިންމުންތަކަށް ފާޑު ކިޔާ ކަމަށްވަނީ ނަމަ ފާޑު ކިޔާނީ އަލުން ރަނގަޅަށް މެޗު ބެލުމަށްފަހުގައި ކަމަށެވެ.
"އަހަރެން ދިވެހި ޓީމް ކުޅުނު ގޮތް އެނަލައިޒްކުރީ. ރެފްރީ ނިންމި ނިންމުންތަކާ ގުޅޭގޮތުން ވާހަކަދައްކަނީ އަލުން މެޗު ބެލުމަށްފަހުގައި. އެކަމަކު މިރޭގެ މެޗުގަ ކިރިގިސްތާންގެ އޮފިޝަލުންގެ ފަރާތުން ފެނިގެންދިޔައީ މި ފެންވަރުގެ މުބާރާތެއްގައި ފެނިގެންވާ ވަރުގެ މަންޒަރުތަކެއް ނޫން. އެއީ އެމީހުން ލަނދުގަންނަން ޖެހޭ ވަރުގެ ކަމެއް،" މަމިޗް ބުންޏެވެ.
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ފަލަސްތީންއާ އެވެ. އެ މެޗު ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުގަ އެވެ.
މެޗުން މޮޅުވެ ދިވެހި ރައްޔިތުން އުފާ ކޮށްދެވުނީތީ އުފާކުރަން – ރާއްޖޭގެ ކޯޗް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ