މި ފަހަރު ވެސް ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތީ ކަންކަން އިސްލާހުކުރުމަށް "ލަގޮނޑި އަށް ކެތްނުވެގެން" ކަމަށާއި ނަމަވެސް އިތުބާރުކުރެވޭ ކޯލިޝަނެއް ހެދޭ ނަމަ އެހެން ބޭފުޅެއްގެ ފަހަތަށް ޖެހިވަޑައިގަންނަވަން ވެސް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ގެމަނަފުށީގެ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ޖޭޕީ އަށް ސޮއިކުރެއްވުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ދެން ހަދާ ކޯލިޝަން ވާން ޖެހޭނީ ކުރިން ހެދި ފަދަ ކޯލިޝަނަކަށް ނޫން ކަމަށާއި އެއަށް ވުރެ އިތުބާރުކުރެވެން ޖެހޭނެ ކަމަށެވެ.
"އިތުބާރު ހުރި ގޮތަކަށް ކޯލިޝަން ހެދޭނެ ގޮތެއް ފެނިއްޖެއްޔާ އަޅުގަނޑުމެންނަށް، ދިވެހި ދައުލަތުގެ ރައްޔިތުންނަށް ކަންތައްތައް ކޮށްދޭނެ މީހަކު ހުރެއްޖިއްޔާ އަޅުގަނޑު މިހުރީ އެ ބޭފުޅެއްގެ ފަހަތަށް، ކީއްކުރަންތޯ އެ ބޭފުޅާ އަށް ފެންނަ ހިސާބަށް ވެސް ނައިސް ދުރުގައި ހުންނަން،" ގާސިމް ވިދާޅުވި އެވެ.
ކޯލިޝަން ހެދުމަށްޓަކައި ހުރިހާ ޕާޓީއާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި ދާދި ފަހުން އުމަރު ނަސީރާ އެކު ރައީސް މުހައްމަދު ވަހީދާ ވެސް ބައްދަލުކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަމާ ހެދި ފެން ބޮވައިގަނެގެން ނޫޅުއްވާ ކަމަށެވެ. އެކަމަކު ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނެ ކޮންމެ ކަމެއްގައި ވެސް "ބިމަށް ލޭ އޮހޮރުވާލަން ޖެހުނަސް މިހުރީ ތައްޔާރަށް" ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަހަރު ގައުމުގެ ވެރިކަން ހަވާލުކުރަންވާނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށާއި އެ މަސްއޫލިއްޔަތު ދޭންވާނީ ތަޖުރިބާ ލިބިފައިވާ މީހަކަށް ކަމަށެވެ. އަދި ދެން އަންނަ ރައްޔިތުންގެ މަޖިލީހެއްގެ އަގުލަބިއްޔަތު ވެސް ދޭން ވާނީ ރައީސްގެ ޕާޓީ އަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
މަޖިލިހުގެ އަޣުލަބިއްޔަތު ރައީސްގެ ޕާޓީ އަށް ނުދީފި ނަމަ މީގެ ކުރިން ފެނުނު ނުރަނގަޅު ނަތީޖާ އަދިވެސް ފެނިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ ސަރުކާރުގައި މައްސަލަތައް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި އިގްތިސާދީ އަދި މާލީ މައްސަލަތައް ވެސް ހުރި ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކާ އެކު އޮންނަ ގުޅުން ވެސް ބަދަހިކުރަން ޖެހެ އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ޕާސްޕޯޓް އެމީހުންނަށް ވަޒީފާ ދޭ ފަރާތްތަކުން އަތުލުން ހުއްޓާލެވޭނެ ގޮތް ހަމަޖެއްސުމަށް ގާސިމް ގޮވާލެއްވި އެވެ. ބިދޭސީންނަށް ދިމާވާ އެފަދަ އުނދަގުލުގެ ސަބަބުން އަވައްޓެރި ގައުމުތަކުން ދިވެހިންނަށް ވެސް އުނދަގޫތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ސަރުކާރެއްގައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ވަޒީފާ ނުލިބި ހޭދަވާ މުއްދަތަށް އުޖޫރަ ދިނުމުގެ ބިލެއް ހުށަހަޅާނެ ކަމަށާއި އަލަށް ކައިވެނިކުރާ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތްތައް ހަދައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރޭ ޕާޓީއާ ގުޅިވަޑައިގެންނެވި އިލްހާމާއި ކަމާލުއްދީނުގެ ސަބަބުން ޕާޓީ އަށް ދިރުން ލިބި، ވަރަށް ބޮޑު ކުރިއެރުމެއް ވެސް ލިބޭނެ ކަމަށެވެ.
"އަޅުގަނޑަށް، ޖުމްހޫރީ ޕާޓި އަށް ލިބިގެން މިދިޔައީ ވަރަށް ބޮޑު ކުރިއެރުމެއް،" ގާސިމް ވިދާޅުވި އެވެ.
"މީގެން ޔަގީން ކޮށްދެނީ ޖުމްހޫރީ ޕާޓީގެ މިސްރާބު ރަނގަޅުކަން."
އެހެން ބޭފުޅެއްގެ ފަހަތަށް ޖެހެން ވެސް މިހުރީ ތައްޔާރަށް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ