ސެން ޑިއޭގޯގެ މިސްކިތެއްގެ ތެރެއަށް ވަދެ ދިން ބަޑީގެ ހަމަލާއެއްގައި 3 މީހަކު މަރުވެއްޖެ

އެމެރިކާގެ ސެން ޑިއޭގޯގައި ހުންނަ މިސްކިތަކަށް ބަޔަކު ވަދެ، ދިން ބަޑީގެ ނުރައްކާތެރި ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެ އެވެ.
އެ ހަމަލާ ދީފައިވަނީ މިސްކިތަކާއި މަދަރުސާއެއް ހިމެނޭ އިސްލާމިކް ސެންޓާ އޮފް ސެން ޑިއޭގޯ ކޮމްޕްލެކްސްގައެވެ. ސެން ޑިއޭގޯގެ ފުލުހުން ބުނާ ގޮތުން މި ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ އުމުރުން 17 އަހަރާއި 19 އަހަރުގެ ދެ ފިރިހެނުންނެވެ. އެ މީހުން ވަނީ ހަމަލާ ދިނުމަށްފަހު އަމިއްލައަށް މަރުވެފަ އެވެ.
”ހަމަލާ ދީފައިވަނީ އިސްލާމީ މަރުކަޒަކަށް ވުމުން، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު މި މައްސަލަ ބަލަމުންދާނީ ނަފުރަތުގެ އަމަލެއްގެ ގޮތުގައި،“ ސެން ޑިއޭގޯގެ ޕޮލިސް ޗީފް ސްކޮޓް ވާލް ވިދާޅުވެފައިވެ އެވެ.
މި ހަމަލާގައި މަރުވި ތިން މީހުންގެ ތެރޭގައި މިސްކިތުގެ ސެކިއުރިޓީ ގާޑެއްވެސް ހިމެނެ އެވެ. އަދި ހަމަލާ ދިން ވަގުތު މިސްކިތުގެ ސުކޫލުގައި ތިބި އެއްވެސް ކުއްޖަކަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، ހަމަލާ ދިނުމުގެ ދެ ގަޑިއިރު ކުރިން ހަމަލާ ދިން ކަމަށް ބެލެވޭ އެކަކުގެ މަންމަ ވަނީ، އޭނާގެ ދަރިފުޅު އަމިއްލައަށް މަރުވާން އުޅޭ ކަމަށާއި ގިނަ އަދަދެއްގެ ހަތިޔާރު ހިފައިގެން އެ މީހުންގެ ކާރުގައި ފިލާފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.
ފުލުހުންނާއި ސަލާމަތީ ބާރުތަކުން ދަނީ މި ހަމަލާ ދޭން މެދުވެރިވި އަސަލު ސަބަބު ހޯދުމަށް ބޮޑު ތަހުގީގެއް ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ