ޖެމިނައިއަށް ޑޭޝްބޯޑެއް ގޫގުލްއިން ތައާރަފްކޮށްފި
ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް "ޖެމިނައި" ބޭނުންކުރާ މީހުންނަށް، އެމީހުންނަށް ކަނޑައެޅިފައިވާ ލިމިޓް ހަމަވާން ބާކީ އޮތް މިންވަރު ބަލައިލެވޭނެ "ޔޫސޭޖް ޑޭޝްބޯޑް" އެޕްލިކޭޝަން ވެބްސައިޓަށް ދޫކުރަން އެ ކުންފުނިން ފަށައިފިއެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކަށް މަޑުމަޑުން ތައާރަފްކުރަމުންދާ މި ޑޭޝްބޯޑުގެ ސަބަބުން، ޖެމިނައި މާގިނައިން ބޭނުންކުރުމުގެ ސަބަބުން ލިމިޓް ހަމަވެގެން އަލުން ބޭނުންކުރެވޭނެ ވަގުތަކަށް އިންތިޒާރުކުރަންޖެހޭ މީހުންނަށް، އެ މީހުންގެ ބޭނުންތައް ކުރިއަށް ރޭވުމަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ. މި ބަދަލާއެކު، ކުރިން އޮންނަ ފަސް ގަޑިއިރުގެ ލިމިޓުގެ އިތުރުން ހަފްތާއަކު ބޭނުންކުރެވޭނެ ވަކި މިންވަރެއް (ވީކްލީ ލިމިޓެއް) ވެސް ގޫގުލްއިން މިހާރު ވަނީ ކަނޑައަޅަން ފަށާފައެވެ. މިއީ ޖެމިނައި ބޭނުންކުރާ މީހުންނަށް ކުރިއަށްވުރެ ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ބަދަލެއް ކަމަށް ފާހަގަކުރެވެއެވެ. https://sun.mv/222017 މި އާ ޑޭޝްބޯޑާއި ހަފްތާގެ ލިމިޓާ ބެހޭގޮތުން ގޫގުލްއިން ރަސްމީ އެއްވެސް ބަޔާނެއް ނެރެފައި ނުވިނަމަވެސް، ގިނަ އަދަދެއްގެ ޔޫޒަރުންނަށް މިހާރު މި ޚިދުމަތް ފެންނަން ފަށާފައިވާ ކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ފަތުރާ ވަސީލަތްތަކުން ބުނެއެވެ. ޖެމިނައި ވެބްސައިޓުން ނުވަތަ އެޕްލިކޭޝަނުން "ޔޫސޭޖް ލިމިޓްސް" ގެ ނަމުގައި ފެންނަން ހުންނަ މި ބައިން، ތިމާ ގެންގުޅޭ ޕްލޭނަކުން ބޭނުންކުރެވޭނެ މިންވަރު ސާފުކޮށް އެނގެން ހުރެއެވެ. މި ޑޭޝްބޯޑުގައި މައިގަނޑު ގޮތެއްގައި ދެ ބާއެއް ހިމެނެއެވެ. އެއީ މިހާރު ބޭނުންކުރަމުންދާ މިންވަރު ދައްކައިދޭ "ކަރަންޓް ޔޫސޭޖް" ބާއާއި، ހަފްތާއަކަށް ކަނޑައެޅިފައިވާ މިންވަރު ދައްކައިދޭ "ވީކްލީ ލިމިޓް" ބާއެވެ. މީގެ ތެރެއިން ފުރަތަމަ ބާ ކޮންމެ ފަސް ގަޑިއިރަކުން އާވަމުންދާއިރު، ދެވަނަ ބާ އާވަމުންދާނީ ކޮންމެ ހަފްތާއަކު އެއްފަހަރުއެވެ. މިގޮތަށް ހަފްތާގެ ކޯޓާއެއް ކަނޑައަޅަން ފެށީ އޭއައި ސިސްޓަމްތައް ހިންގުމަށްދާ ބޮޑު ހޭދަ ކުޑަކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ. މިއީ އެހެން ބޮޑެތި އޭއައި ކުންފުނިތަކުންވެސް މިހާރު އަމަލުކުރަމުންދާ އުސޫލެކެވެ. އެގޮތުން އެންތުރޮޕިކް ކުންފުނިންވެސް މިދިޔަ އަހަރު މިފަދަ ވީކްލީ ކޯޓާ ސިސްޓަމެއް ތައާރަފްކޮށްފައިވެއެވެ. ގޫގުލްއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެންމެ މަދުން ބޭނުންކުރެވޭނީ ހިލޭ މި ޚިދުމަތް ހޯދާ މީހުންނަށެވެ. އަދި ޕްލަސް، ޕްރޯ އަދި އަލްޓްރާ ސަބްސްކްރައިބަރުންނަށް އެމީހަކު ފައިސާ ދައްކާ ޓިއާ އަކަށް ބަލައި ގިނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. ހިލޭ ބޭނުންކުރާ މީހުންނަށް "ޖެމިނައި 3.1 ޕްރޯ" އަދި "ތިންކިންގ މޮޑެލްސް" ބޭނުންކުރުމުގެ އަސާސީ ފުރުސަތު ލިބޭއިރު، "ފާސްޓް މޮޑެލް" އާންމުކޮށް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ސްކްރީން އޮޓޮމޭޝަނަށް 5 ރިކުއެސްޓް، 20 އޯޑިއޯ އޯވަވިއު، 5 ޑީޕް ރިސާޗް ރިޕޯޓް، އަދި ނެނޯ ބަނާނާ 2 މެދުވެރިކޮށް 20 އިމޭޖް ޖެނެރޭޓް ކުރުމުގެ ފުރުސަތާއި، 30 ސިކުންތުގެ 10 މިއުޒިކް ޓްރެކް އުފެއްދުމުގެ ފުރުސަތު ހިލޭ ޔޫޒަރުންނަށް ލިބެއެވެ. ގޫގުލްއިން ބުނެފައިވާ ގޮތުގައި މި ލިމިޓްތަކަކީ އެކި ދިރާސާތަކާއި، ޓެސްޓުތަކާއި، އަދި ސިސްޓަމްތައް ހުރި ނެތްގޮތަށް ބަލައި ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެ މިންވަރުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ