މާފަންނުވިލާއިން އެއްވެސް ހެއްކެއް ނުފެނުން، ގާސިމް އެދެނީ ފުލުހުންނަށް އެއްބާރުލުން ދެއްވުމަށް

އެމަނިކުފާނުގެ މަސްލަހަތު ހުރި ތަންތަން ބަލައި ފާސްކުރުމަށް ފުލުހުން ބޭނުންވާތީވެ ހުރިހާ ބޭފުޅުން ވެސް އެމަސައްކަތަށް އެހީތެރިވެ އެއްބާރުލުން ދެއްވުމަށް ގާސިމް އިބްރާހީމް އެދިވަޑައިގެންފި އެވެ.
ގާސިމް އިބްރާހީމް މިކަމަށް އެދިވަޑައިގެންނެވީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، މާފަންނުވިލާ ބަލައި ފާސްކުރުމަށް ފުލުހުން މިއަދު އެގެއަށް ވަދުމުން ގާސިމަށް ތާއީދުކުރާ ބައެއް މީހުން މާފަންނުވިލާ ކައިރިއަށް އެއްވުމުން އެމީހުންގެ ކައިރިއަށް ވަޑައިގެން ތާއީދުކުރާ މީހުންނާ އަދި ނޫސްވެރިންގެ ހާޒިރުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު ދައްކަވަމުން ގެންދަވަނީ ގައުމުގައި އިސްލާހުކުރަން ހުރި ކަންތައްތަކެއްގެ ވާހަކަ ކަމަށެވެ. އެހެންކަމުން ކަންކަން އިސްލާހުކުރަން ނިކުންނަ މީހުންނަކީ ނަމޫނާއަކަށް ވާންޖެހޭނެ ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ފުލުހުން ވެސް މަސައްކަތް ކުރަނީ ގާނޫނުން އެބޭފުޅުންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެހެންކަމުން ފުލުހުން ބަލަން ބޭނުންވާ ތަނެއް ބަލައި ފާސްކުރަން އެމަނިކުފާނު އެއްބާރުލުން ދެއްވާނެ ކަމަށާއި އެގޮތަށް އެހެން ބޭފުޅުން ވެސް އެއްބާރުލުން ދެއްވުމަށް އެދޭ ކަމަށެވެ.
"އެހެންވެ އަޅުގަނޑު އެެދެން ހުރިހާ ބޭފުޅުން ވެސް މިތަނުން ވަޑައިގަތުމަށް. އެއްވެސް ބޭފުޅަކު ހަމަނުޖެހުމެއް ނުހިންގުމަށް ވެސް އެދެން،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ ފުލުހުން މާފަންނުވިލާއަށް ވަދެ ބަލައި ފާސްކުރިއިރު އެގެއަށް ވަދެވަޑައިގަތުމަށް ހުއްދަ ދެއްވީ އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނޭ ހިސާން ހުސައިންއަށް އެކަނި ކަމަށެވެ. ފުލުހުން މާފަންނުވިލާގައި ތިބި ވަގުތު އެމަނިކުފާނުގެ ބޭފުޅަކަށް ވެސް އާއިލީ ބޭފުޅަކަށް ވެސް އެގެއަށް ވަނުމަށް ފުރުސަތު ދެއްވާފައި ނުވާ ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
ގާސިމް އިބްރާހީމްގެ އަރިހުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ހިސާން ވިދާޅުވީ މާފަންނުވިލާ ފުލުހުން ބަލައި ފާސްކުރީ އެމަނިކުފާނުގެ މައްޗަށް މިހާރު ދައުވާ އުފުލާފައިވާ މައްސަލައިގެ ތުހުމަތުގައި ކަމަށެވެ. އަދި މާފަންނުވިލާ ބަލާ ފާސްކޮށް މައްސަލައާއި ގުޅުންހުރި އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ލިޔުމުން އަންގާފައިވާ ކަމަށްވެސް ހިސާން ވަނީ ވިދާޅުވެފަ އެވެ.
ގާަސިމް އިބްރާހީމްގެ މަސްލަހަތު ހުރި ތަންތަނަށް ފުލުހުން ވަދެ ބަލައި ފާސްކުރާތީ ގުޅިފައިވާ ޕާޓީ ތަކުގެ ބޭފުޅުން ގެންދަނީ އެކަން ކުށްވެރިކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ