ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.
 
ރާއްޖެ އެމްވީއަށް ފައިސަލްވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
 
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތެއް ސާފުކުރުމަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. ފައިސަލް ވިދާޅުވީ ފުލުހުން ފުރަތަމަ ހާޒިރުކުރަން އުޅުނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި ނަމަވެސް ރަށުން ބޭރުގައި މިވަގުތު ހުންނެވުމުން ބުދަ ދުވަހު ހެނދުނު 10 ޖަހާއިރަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.
 
"އަޅުގަނޑު މިވަގުތު މިހުރީ ފުވައްމުލަކުގައި. އެހެންވެ މިރޭގެ ބަދަލުގައި މާދަމާ 10 ޖަހާއިރު ހާޒިރުވުމަށް މިހާރު ވަނީ އަންގާފައ" ފައިސަލް ވިދާޅުވިއެވެ.
 
ފައިސަލް ވިދާޅުވީ އެއީ ކޮން މައްސަލައެއްކަމެއް ނޭނގޭކަމަށާއި ހަމައެކަނި ފުލުހުން ބުނީ ބަލަމުންދާ މައްސަލައަކަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
 
ފައިސަލް ހާޒިރު ކުރާއިރު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒްވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އަދި އެޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރ ޢަލީ ހުސައިންވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
 
ރިޔާޒް ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނިކުމެވަޑައިގެން ވިދާޅުވީ ހަޒިރު ކުރެވުނީ މިހާރު ހައްޔަރު ކޮށްފައިވާ ޤާސިމް އިބްރާހީމާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. އެގޮތުން ސުވާލު ކުރެވުނު ކަންކަމުގެ ތެރޭގައި ޕާޓީއަށް މެންބަރުން ހޯދާ ގޮތާއި ޕާޓީ ހިންގާ ގޮތާގުޅޭގޮތް ސާފުކުރެއްވިކަމަށް ރިޔާޒް ވިދާޅުވިއެވެ.
 
ޤާސިމް އިބްރާހީމަށް ކުރާ އެއްތުހުމަތަކީ ރިޝްވަތު  ދީގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖޭޕީއަށް ގެންދަން އުޅުމެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވުނު ނުވަ މެންބަރަކު މިހާރު ވަނީ ވެރިކަން ކުރާ ޕީޕީއެމަށް ބަދަލުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ