ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ޓްރާންސްފޯމާތައް ލައިވްކޮށްފި

ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުރި ޓްރަނާސްފޯމާތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ލައިވް ކޮށްފިއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލު ”ހަފްތާ“އަށް ވިދާޅުވީ ޓްރާންސްފޯމާތައް ބެހެއްޓީ ކޮންޓެރެކްޓަރު ކަމަށާއި، ސްޓެލްކޯއިން މިހާރު އެ އެއްޗެހި އެނަޖައިޒް ކޮށްފައި ވާކަމަށެވެ. އަދި މިއާއެކު ސްޓެލްކޯގެ މަސައްކަތް ނިމުނީކަމަށްވެސް ބުންޏެވެ.
ޓްރާންސްފޯމާތައް އެނަޖައިޒް ކުރެވުނު ނަމަވެސް އަދި އެ ފްލެޓްތަކަށް ކަރަންޓު ދެވޭ ވަރެއް ނުވެއެވެ. ފެލްޓް ތަކަށް ކަރަންޓު ދިނުމަށް އެ ފްލެޓްތަކުން ޓްރާންސްފޯމާތަކަށް ގުޅަންޖެހޭ ކޭބަލް ގުޅުމުގެ މަސައްކަތް އަދި ކުރަން ޖެހެއެވެ. އެ މަސައްކަތް ކުރާނީ ކޮންޓްރެކްޓަރެވެ.
ހައުސިން މިނިސްޓްރީގެ ފަަރާތުން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގައި ދަތިތަކެއް އުޅޭކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެ ފްލެޓް ތަކުގައި ޓްރާންސްފޯމާތައް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނިން އެ މަސައްކަތް ކުރަން އަންނަ ފަރާތްތަކަށް ރާއްޖެ ނާދެވިގެން އެ މަސައްކަތް މަޑުޖެހިފައި ވާކަމަށް ވިދާޅުވިއެވެ.
އަދި ސްޓެލްކޯއިން އެ މަސައްކަތް ކޮށްދެން ތައްޔާރަށް ތިބި ކަމަށާއި، އެހެން ނަމަވެސް އޭރުން އޭގެ ވޮރެންޓީ ގެއްލޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ