މާލެ-ހުޅުމާލެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައިފި، ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގަކުން ގުޅާލައި ކަރަންޓް ދޭން އަމާޒު ކޮށްގެން ކުރިއަށް ގެންދިޔަ ބޮޑު މަޝްރޫއުގެ މަސައްކަތް ނިންމާލުމަށްފަހު މިއަދު ކަރަންޓް ވިއުގަ ގުޅާލައިފި އެވެ.
މި މަޝްރޫއު އިފްތިތާހު ކޮށްފައިވަނީ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޖުލައި 2016 ގައެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޑޮންފަންގު ކުންފުންޏާއެވެ.
”ސްޓެލްކޯ ފިފްތް ޕަވާ“ގެ ނަމުގައި ފެށި 104 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ މަސައްކަތަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަކަތައިގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.
ސްޓެލްކޯ އިން ބުނީ, ސިނަމާލެ ބްރިޖު ހުރަސްކޮށް މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން މިއަދު ގުޅާލައި ނިންމާލާފައިވާ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު އެނަޖައިޒްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގައި ބޮޑު ހަ ޓްރާންސްފޯމަރު ބަހައްޓާފައިވާ އިރު, މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު އަދި ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފަ އެވެ.
މި މަޝްރޫއުގެ ދަށުން ކަރަންޓު ދޭން ފެށުމުން ހުޅުމާލެ އިން މާލެ އަށް ނުވަތަ މާލެ އިން ހުޅުލެ އަށްވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ކަރަންޓު ފޯރުކޮށްދެވޭނެ އެވެ.
އެގޮތުން ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޯޓުގެ އިންޖީނުގެ އިން 50 މެގަވޯޓުގެ ކަރަންޓު އުފައްދާ އިރު، ހުޅުމާލެ އަށް މިހާރު ބޭނުންވާ 15 މެގަވޯޓު ނެގުމަށްފަހު ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް ބަހައިލާނެ އެވެ. އަދި މާލެ ސަރަހައްދުން ހަތަރު ޖެންސެޓް ނިއްވާލަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ