އެއް ކެންޑިޑޭޓް ނުނެރެވުނީ ޕީޕީއެމްގެ ސަބަބުން: ގާސިމް

ރިޔާސީ އިންތިހާބުގައި އެއް ކެނޑިޑޭޓަކު ނުނެރެވުނީ ޖުމްހޫރީ ގުޅުމުގެ ސަބަބުން ކަމަށް ބުނެ ޕީޕީއެމުން ދައްކަމުންދަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށާއި، އެއް ކެންޑިޑޭޓަކު ނުނެރެވުނީ ޕީޕީއެމްގެ ސަބަބުން ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މާފަންނު ކުނޫޒުގައި މިއަދު ބޭއްވި ޖުމްހޫރީ ގުޅުމުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުން އެއް ކެންޑިޑޭޓަކު ނެރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށް އެކަމުގެ މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަސައްކަތުގެ ދަށުން ރައީސް ޑރ މުހައްމަދު ވަހީދާއި، ރައީސް މައުމޫނާ ވެސް ބައްދަލުކުރައްވާފައިވާނެ ކަމަށާއި އެކަމުގައި އަމަލުކުރެއްވިދާނެ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުގެ މައުލޫމާތު ހިއްސާކުރެއްވި ކަމަށެވެ.
އެގޮތުން ރައީސް ވަހީދަށް ތާއީދުކުރެއްވުމަށް ހުރިހާ ފަރާތްތަކަކުން ނިންމާ އެމްޑީޕީއާއި ދެކޮޅަށް ނެރޭ ކެންޑިޑޭޓަކީ ރައީސް ވަހީދު ކަމަށް ކަނޑައެޅުއްވުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަމަށް ޕީޕީއެމުން ތާއީދު ކޮށްފައި ނުވާ ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
"އަޅުގަނޑު ރޭ ވެސް ދެންނެވިން ރައީސް ވަހީދުގެ ފަހަތަށް ޖެހެން ތައްޔާރަށް ހުންނެވިކަމަށް. އެކަމަކު އަޅުގަނޑު ބުނިން އެހެން ބޭބޭފުޅުންވެސް އެމަގު އިހުތިޔާރު ކުރަންޖެހޭނެ ކަމަށް. އޭރުން އިންތިހާބުގައި ވާދަކުރައްވާނީ ރައީސް ވަހީދު. އެގޮތަށް ހަދައިގެން އިންތިހާބު ކާމިޔާބުވާން އޮތީތީ އެގޮތަށް މަސައްކަތް ކުރީ. ނަމަވެސް އެކަންނުވި. އެގޮތަށް އެކަން ކުރަން ތައްޔާރަށް ހުންނެވިކަން ޕީޕީއެމްގެ ރައީސް، ރައީސް މައުމޫނަށް ހުދު އަޅުގަނޑު ދެންނެވިން" ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާކަމީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކަށް ރައްޔިތުން ރަނގަޅަށް ފާރަވެރިވުމަށް ގާސިމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
"އަޅުގަނޑުމެން މިގޮތަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވަނިކޮށް، އެއް ކެންޑިޑޭޓެއް ނެރެން ގަބޫލުނުވި ކަމަށް ބުނެ ޕީޕީއެމުން ދޮގު ވާހަކަތަކެއް ދައްކާކަށް ނުޖެހޭ. ޕޮލިޓިކްސް އަކީ ޑާޓީ އެއްޗެއް. ނަމަވެސް މިހާ ޑާޓީ ކުރާކަށް ނުވާނެ" ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް އިބްރާހިމް ވަނީ ރީ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް ކުޑަ ވަގުތުކޮޅެއް ދީފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުވެފަ އެވެ.
ގާސިމް ވިދާޅުވީ ރައްޔިތެއްގެ މިފަދަ މުހިއްމު ހައްގެއް ގެއްލިގެން ނުވާނެ ކަމަށާއި ގާނޫނީ ގޮތުން ހައްގު ލިބިގެންވާ ކޮންމެ ފަރާތަކަށް ވޯޓް ދިނުމުގެ ހައްގު ދޭން ޖެހޭނެ ކަމަށެވެ. އަދި މިކަމުގައި އިތުރު ގޮތްތަކެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ނުގެންދާތީ ހިތާމަކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިއަދުގެ ބައްދަލްވުމުގައިވެސް ގާސިމް އިބްރާހިމް ވަނީ ރައްޔިތުންނަށް އެމަނިކުފާނުގެ ވެރިކަމެއްގައި ހިތްހަމަޖެހުމާއި ތަރައްގީ ގެނެސްދެއްވާނެ ކަމަށާއި ރައްޔިތުން އެމަނިކުފާނަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ