ދަނޑިބުރިތައް ނަގައި ތައްޔާރުވީ އަމިއްލަ ނަފްސުގެ ދިފާއުގައި: އުމަރު ނަސީރު
ޝަރުއީ ދާއިރާއާ ގުޅިގެން ސިލްސިލާކޮށް ބާއްވާ މުޒާހަރާތަކާ ގުޅިގެން 23 ޑިސެމްބަރު އިއްތިހާދުން ރޭ ޑީއާރުޕީ އޮފީހުގައި ބޭއްވި ސްޓިއަރިން ކޮމިޓީގެ ބައްދަލުވުން ނިންމާލުމަށް ފަހު، ޑީއާރްޕީ އޮފީސް ކުރިމައްޗަށް ދަނޑިބުރިތައް އެއްކޮށް ތައްޔާރުވީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ގައުމުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން ނިންމާލައްވައި ޕާޓީތަކުގެ އިސް ވެރިން ޑީއާރްޕީ އޮފީހުން ބޭރަށް ނުކުމެވަޑައިގަތުމުގެ ކުރިން އުމަރުވަނީ ގިނަ އަދަދެއްގެ ލަކުޑިބުރިތަކާއި ދަނޑިބުރިތައް އެ އޮފީސް ދޮށަށް ޖަމާކޮށްފަ އެވެ. އަދި ދަނޑިބުރި އަތަށް ނަގައިގެން ހުންނަވައިގެން ހަމަލާދޭން ކެރޭ ބަޔަކު ކުރިމަތިލުމަށް އައުމަށް ވެސް އޭނާ އެދިވަޑައިގަތެވެ. ޑީއާރްޕީ އޮފީސް ދޮރުމަތީގައި އުމަރާ އެކު މުޒާހަރާގެ ބައެއް ބައިވެރިން ވެސް ދަނޑިބުރި ނަގައިގެން ތިބުމާ ގުޅިގެން "ހަވީރު"ން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ "އެމްޑީޕީ މީހުން ކުރިމަތިލުމަށް އައީ ވަޅި ހިފައިގެން" ކަމަށެވެ. "އަނެއްކޮޅުން އައީ ވަޅިހިފައިގެން. އެ މީހުން ތިބީ ރާބޮއެގެން. އެހެންވީމަ އަހަރެމެންގެ އެއްވެސް ސަލާމަތެއް ނެތް. އަހަރެމެންގެ މީހުން ގުޅިން ފުލުހުންނަށް. ސިފައިންނަށް، އެ މީހުން އެ ކަމަށް ޖަވާބެއް ނުދެއްވާ،" އުމަރު ވިދާޅުވި އެވެ. ޑީއާރްޕީ އޮފީހުގައި ބައްދަލުވުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވިއްސަކަށް މީހުންގެ ގްރޫޕަކުން ހަޑިހުތުރު އެއްޗެހި ގޮވަމުން ވަޅި ހިފައިގެން ޑީއާރްޕީ އޮފީސް ކައިރީގައި ހަރަކާތްތެރިވި މަންޒަރު ނޫސްވެރިންނަށް ވެސް ފެނިފައިވެ އެވެ. އަދި ވީޑިއޯގްރާފަރުން އެ ގްރޫޕު ވީޑިއޯކުރަން އުޅުމުން "ތި ގޯސްވީ ކަމަށް ބުނެ" ނޫސްވެރިންނަށް ވެސް ވަނީ އިންޒާރުދީފަ އެވެ. އުމަރު ވިދާޅުވި ގޮތުގައި ޑީއާރްޕީ އޮފީސް ދޮރުމަތީގައި ތިބި މީހުންނަށް ދަނޑިބުރިތައް ބަހާފައިވަނީ ވެސް އޭނާ އެވެ. ނަމަވެސް އެއްވެސް މީހަކު އިސްވެ ހަމަލާ ނުދިނުމަށް އެންގި ކަމަށް އޭނާ ވިދާޅުވި އެވެ. އުމަރު އެހެން ވިދާޅުވި އަޑު އެތަނުގައި ތިބި ބައެއް ނޫސްވެރިންނަށް ވެސް އިވިފައިވެ އެވެ. "މިއީ [ދަނޑިބުރިއަކީ] ދިފާއީ ހަތިޔާރެކޭ. އިސްވެ ހަމަލާނުދޭށޭ އަޅުގަނޑު ބުނިން. އެއީ ހަމަލާދޭން ނެގި ދަނޑިބުރިތަކެއް ނޫން،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން ދިފާއުކުރުމަށް ދަނޑިބުރި ދީފައި މުޒާހަރާގެ ބައިވެރިން އެކަނި ނުނެރެ އަމިއްލަ އަށް ނުކުންނެވީ ދިމާވާ ކޮންމެ ކަމެއްގައި އެ މީހުންނާ އެއް މިންވަރަކަށް ޑިސެމްބަރު އިއްތިހާދުން ވެސް ކެރިގެން ކުރިމަތިލާނެކަން އަންގައިދިނުމަށެވެ. އޭނާ ވިދާޅުވީ ކުރިމަގުގައި ވެސް ސިފައިންނާއި ފުލުހުން އެ ގޮތަށް އަޅާނުލައިފި ނަމަ އަމިއްލަ ދިފާއުގައި ދަނޑިބުރިތައް ނަގާނެ ކަމަށެވެ. ބިރުދައްކައިގެން އިދިކޮޅު ފަރާތްތަކާ އެމްޑީޕީ އަށް ވާދަނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވީޑިއޯ: ރޭ ޑީއާރުޕީ އޮފީސް ބޭރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ