"ހަވީރު" ގެ މިލްކުވެރިކަމާމެދު ސުވާލު އުފައްދައިފި!

ހަތަރު މިލިޔަން ޑޮލަރަށް "ހަވީރު" ވިއްކާލުމުގެ މަސައްކަތް ފަށާފައި ވަނިކޮށް ހަވީރުގެ ތިން ބޭފުޅަކު ހަވީރުގެ މިލްކުވެރިކަމާމެދު ސުވާލު އުފައްދައިފި އެވެ.
އެ ދެ ބޭފުޅުންނަކީ ނޫހުގެ ކުރީގެ ދެ އެޑިޓަރުން ކަމަށްވާ ހ. މީރުބަހުރުގޭ އާގޭ އިބްރާހިމް ރަޝީދު މޫސާ އާއި ފަތަނގުމާގޭ އަބްދުﷲ ފާރޫގު ހަސަނެވެ.
ހަވީރު ވިއްކާލުމުގެ ހަބަރުތައް ފެންމަތިވެފައި ވަނިކޮށް މިއަދުގެ ތާރީހުގައި އެ ދެ ބޭފުޅުން ސޮއިކުރައްވާ ހަވީރުގެ މަސްއޫލުވެރިޔާ އަދި ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިންނަށް ވަނީ ތިންގަނޑުގެ ސިޓީއެއް ފޮނުވާފަ އެވެ. ސިޓީގައި ނޫހުގެ މިލްކުވެރިވެރިކަމާމެދު ސުވާލު އުފައްދާފައިވާއިރު އެ ދެބޭފުޅުންގެ ހައްގު އެ ދެ ބޭފުޅުންނަށް ނުދެއްވައި ހަވީރު ވިއްކާލައިފިނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެވެ.
ފަންސާސް ހަ ފޮޅުވަތް ހިމެނޭ ތިންގަނޑުގެ ސިޓީގައި ބުނަނީ ނޮވެލްޓީން ހަވީރު ޗާޕް ކުރުން ހުއްޓާލުމާއެކު އޭޕްރީލް 1، 1983 އިން ފެށިގެން ހަވީރު ނެރުމާބެހޭ ގޮތުން މާޗް 31، 1983 ގައި ރަޝީދު މޫސާ އާއި ފާރުގޫ ހަސަނާއި ހ. ޓައިމްލެސް މުހައްމަދު ނައީމާއި ޑރ. މުހައްމަދު ޒާހިރު ހުސައިން މަޝްވަރާކޮށް ހަވީރުގެ މަސައްކަތް ފެށީ ހަތަރު ބޭފުޅުން ހަމަހަމަ މިލްކެއްގެ ގޮތުގައި ކަމަށާއި އަމަލީ ގޮތުން ހުރިހާ ކަމެއް ކުރެއްވީ ފާރޫގައި ރަޝީދު މޫސާ ކަމަށެވެ. ޑރ. ޒާހިރު ހުސައިނަކީ މުސްތަޝާރެއް ކަމަށެވެ.
ސިޓީ ބުނާ ގޮތުން ހަވީރާއި "އަމާޒް" ޗާޕް ކުރުމަށް ބޭނުންވާ ހަބަރާއި މައުލޫމާތު ހޯދުމަށް "ހަވީރު ނިއުސް އެޖެންސީ" ސަރުކާރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އެކަމަށް އެކުލަވައިލި އެއްބަސްވުމުގެ ދެވަނަ މާއްދާ ބުނާ ގޮތުން އެ ޖެންސީގެ ފައުންޑަރުނަކީ ވެސް ޑރ. ޒާހިރު ހުސައިނާއި ރަޝީދު މޫސާ އާއި ފާރޫގު ހަސަނާއި ނައީމް ކަމަށެވެ. އަދި ހަވީރު ނޫސް އެޖެންސީ އާއި އެތާނގެ މިލްކުގައިވާ ހުރިހާ ފައިސާ އާއި މުދަލަކީ ހަތަރު ބޭފުޅުންގެ ހަމަހަމަ މިލްކެއް ކަމަށާއި އަހަރީ ފައިދާ ބަހަންވާނީ ހަތަރު ބޭފުޅުންގެ މެދުގައި ހަމަހަމައަށް ކަމަށް އެއްބެސްވެފައިވާނެ ކަމަށެވެ.
އެ ދެބޭފުޅުން ވިދާޅުވާ ގޮތުން ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ނުފޫޒު ގަދަ ނޫހުގެ މިލްކުވެރިކަން ވަނީ އޮޅުވާލައިފަ އެވެ. އެކަން ބަޔާންކޮށް ބުނަނީ މިހެނެވެ: "މިކަންކަން މިހެން ހުރި ކަމުގައި ވިޔަސް މަނިކުފާނު [ޑރ. ޒާހިރު ހުސައިން] ވަނީ ނުހަނު ރޭވުންތެރި ކަމާއެކު 'ހަވީރު ނޫސް އެޖެންސީ' ގެ ހުރިހާ ކަމަކާއި ތަކެއްޗެއް މަނިކުފާނުގެ ތަކެތި ކަމުގައި ހައްދަވާފަ އެވެ. އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އަޅުގަނޑުމެންގެ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން އެ މާއްދާއާ އެއްގޮތަށާއި އެ މާއްދާއާ ހިލާފަށް އަޅުގަނޑުމެން ދެމީހުން ހަވީރުގެ މަސްއޫލުވެރި ކަމާއި އެޑިޓަރު ކަމުން ދުރު ކުރެއްވުމެވެ. އެއަށްފަހު ހަވީރުގެ ނަމުގައި ހުރި ބޭންކް އެކައުންޓްތައް ބޭނުންފުޅު ގޮތަކަށް ބަދަލު ކުރައްވައި ހަވީރު ނިއުސް އެޖެންސީ އޮތްތާނގައި އޮއްވައި 'ހަވީރު ނިއުސް ސާވިސް' އެއް އުފައްދަވައި ހަވީރުގެ ޗާޕްހާނާގެ ބަދަލުގައި ލޯމާފާނު ޕްރިންޓް ހެއްދެވީ އެވެ. އަދި ނޫޙުގެ ލޯގޯ ވެސް ބަދަލު ކުރެއްވީ އެވެ. ނަމަވެސް އެކަންކަމަށް ބޭނުން ކުރެއްވި ރައުސުލްމާލާއި އެސެޓްތަކަކީ އަޅުގަނޑުމެން ދެމީހުން ދާ އޮހޮރާއިގެން ހޯދި މުދަލާއި ފައިސާ އާއި އަޅުގަނޑުމެން ދެ މީހުންގެ މަސްއޫލުވެރި ކަމާއި އެޑިޓަރު ކަމުގައި އޮތް ހަވީރަށް ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން ލިބުނު އެހީއެވެ،"
ސިޓީގައި ބުނަނީ އެކަންކަން އެގޮތަށް ހިނގައި ދިއުމަށްފަހު އެ ދެ ބޭފުޅުންނަށް އެއްވެސް ހިއްސާއެއް ނުދެއްވާ ކަމަށާއި ހުރިހާ އެއްޗެއްގެ ބޭނުން ކުރައްވަނީ ޑރ. ޒާހިރު ހުސައިން ކަމަށާއި އެއީ ވެސް މަސްއޫލުވެރިންގެ މެދުގައިވާ އެގްރިމެންޓާ ހިލާފު ކަމެއް ކަމަށެވެ.
ދެ ބޭފުޅުން ވިދާޅުވެފައި ވަނީ ޑރ. ޒާހިރު މަސައްކަތް ކުރައްވަނީ ހަވިރު ނޫހާއި ހަވީރު ނިއުސް އެޖެންސީގެ މިލްކެއް ކަމަށްވާ ޗާޕްހާނާ ވިއްކާލުމަށް ކަމަށާއި އެއީ އެ ދެ ބޭފުޅުންގެ ބަހެއް ނެތި ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ބުނެ އެވެ: "އަޅުގަނޑުމެންގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން އަޅުގަނޑުމެނަށް މިހާތަނަށް ލިބެންވާ ހުރިހާ ހައްގުތަކެއް އަޅުގަނޑުމެނަށް ބަރާބަރަށް ދެއްވުމަށް ދަންނަވަމެވެ. އަދި ހަވީރު ނޫހާއި ނޫސް އެޖެންސީ އާއި ޗާޕްހާނާއާބެހޭ ގޮތުން އެއްވެސް މުއާމަލާތެއް ކުރައްވާނަމަ އަޅުގަނޑުމެންގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައުންޑާ މެންބަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެނަށް ލިބިގެންވާ ހައްގުތައް ނިގުޅައި ނުގަނެވޭނެ ގޮތަށް ކަންތައް ގެންދެވުމަށް ދެންނެވީމު އެވެ. އަޅުގަނޑުމެންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ގާނޫނީ ފިޔަވަޅު އަޅާންޖެހިއްޖެ ހާލަތެއްގައި އެ ފިޔަވަޅު އަޅާނެ ވާހަކަވެސް ދެންނެވީމު އެވެ،"
ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ނޫސް ވިއްކާލުމުގެ މުއާމަލާތް ކުރިޔަށްދާއިރު ނޫހުގެ މިލްކުވެރި ކަމާމެދު ސުވާލު އުފައްދައި ރަޝީދު މޫސާ އާއި ފާރޫގު ހަސަން ލިޔުއްވާފައިވާ ސިޓީއާ ބެހޭ ގޮތުން ހަވީރުގެ ވެރިއެއްގެ ބަހެއް ވެސް އަދި ރަޝީދު މޫސާ އާއި ފާރޫގުގެ ސިޓީގައި ބުނާ ނައީމްގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ. އަދި ހަވީރުގެ އެ މުއާމަލާތާ ބެހޭ ގޮތުން ހަވީރުން ރަސްމީކޮށް މިހާތަނަށް ވާހަކަ ދައްކާފައެއްވެސް ނުވެއެވެ،
ރާއްޖޭގެ ފަހުގެ ތާރީހުގެ ބޮޑުބައެއް ރައްކާކުރެވިފައިވާ ހަވީރަކީ ރާއްޖޭގައިވާ މައުލޫމާތުގެ އެންމެ ބިޔަ އާކައިވް އެވެ. އެ ނޫހާއި އެނޫހުގެ އޮންލައިން އާއި ލޯމާފާނު ޕްރިންޓާއި މަލްޓިމީޑިއާ ރިސޯސް ވިއްކާލަނީ ހަތަރު މިލަޔަން ޑޮލަރަށް ކަމަށް ވެއެވެ. (ހަވީރުގެ ރޭޑިއޯގެ ނަމުގައި މަޝްހޫރުކަން ހޯދުމަށްފަހު މިއުޒިކް ޗެނެލަކަށް ބަދަލުކޮށްފައިވާ އެޗްއެފްއެމްއަކީ ވަކި ކުންފުންޏެއްދަށުގައި އޮންނަ ތަނެކެވެ.)
ހަވީރު ނޫސް ގަތުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހާއްސަ މަންދޫބު، ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކާއި ރައީސް ވަހީދުގެ ސަރުކާރުގެ ފުރަތަމަ ޓްރޭޑް ރެޕްރެޒެންޓެޓިވް، އަދި ކުރިން 'ފިޔެސް' މަޖައްލާ ބައްލަވައިގަތް އަބްދުﷲ ޖާބިރާއި މީޑިޔާގައި މިހާރުވެސް ހަރަކާތެރިވެ ވަޑައިގަންނަވާ ވިޔަފާރިވެރިއަކު އުޅުއްވާ ކަމަށް ވެއެވެ.
ހަވީރު ވިއްކާލުމުގެ މުއާމަލާތެއް ހިނގަނިކޮށް ދެ ބޭފުޅަކު މިލްކުވެރިކަމާމެދު ސުވާލު އުފެއްދި އިރު ހަވީރު ވިއްކާލުމާ ދެކޮޅު އޮންލައިން ޕެޓިޝަނެއް ވެސް ދައުރުވަމުން ދެ އެވެ. އަދި ބައެއް މީހުން ސިފަ ކުރާ ގޮތުގައި ހަވީރު ވިއްކާލުމަކީ ރާއްޖޭގެ ގައުމީ ހަޔާތުގެ ގައުމީ ތަރިކައަކަށް ގެއްލުން ދިނުން ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބަށް އަމާޒުކޮށްގެން ވެރިރަށް މާލޭ ގޭގޭގެ ރަޖިސްޓަރީ އަޕްޑޭޓް ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.
ކޮމިޝަނުން މިއަދު ބުނީ ޕޯސްޓް މެދުވެރިކޮށް ގޭގެއަށް ރަޖިސްޓަރީ ފޯރުކޮށްދިނުމުގެ މަސައްކަތް މިދިއަ އާދީއްތަ ދުވަހު ފަށާފައިވާ ކަމަށާއި އިއްޔެ އާ ހަމައަށް މާލޭގެ ގޭގެ ތެރެއިން 90 ޕަސެންޓް ގެއަށް ރަޖިސްޓަރީ ރައްދުވެފައިވާ ކަމަށެވެ. އަންނަ ހޯމަ ދުވަހާ ހަމައަށް މާލޭގެ ހުރިހާ ގެއަކަށް ރަޖިސްޓްރީ ފޮނުވައި ދޭނެ ކަމަށް ވެސް ބުންޏެވެ.
ގޭގެއަށް ރަޖިސްޓަރީ ލިބުމުން ރަޖިސްޓަރީގައިވާ މަޢުލޫމާތު ޗެކްކުރުމަށްފަހު މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން ކޮމިޝަނަށް ފޮނުވަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ