އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލައަކީ މިސަރުކާރުގެ އެއްވެސް އިހްލާސްތެރިކަމެއް ނެތުމުން އައެްޑޫ ރައްޔިތުންނަށް ދިމާވެގެން އުޅޭ މައްސަަލައެއްކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ އައްޑޫ ސިޓީއަށް ކަރަންޓްގެ މައްސަލަ ދީމާވާން ފެށީ އެކަމަށް ރައީސް ނަޝީދުގެ ސަރުކާރުން އުފައްދާފައިވާ ސަދަން ޔުޓިލިޓީޒް ކުންފުނި ފެނަކަ ކިޔާ ކުންފުންޏެއްގެ ދަށަށް މިސަރުކާރުން ބަދަލުކުރުމާއި ހިސާބުން ފެށިގެން ކަމަށެވެ.
"އެކުންފުންޏެއް އައިފަހުން މިތަނުގައި ހުރި އެއްވެސް އިންޖީނެއް މަރާމާތުކޮށް ސްޕެއާ ޕާޓްސް ގަނެދީފައެއް ނެތް" މޭޔަރު ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ މި ދެ ދުވަހަކު އައްޑޫ ސިޓީން ކަރަންޓް ކެނޑެމުންދާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާ، ކަރަންޓް ކެނޑެނީ ބައެއް އިންޖީނުތައް ހަލާކުވެގެން ކަރަންޓް ބޭނުންވާ މިންވަރަށް ބާކީ ހުރި އިންޖީނުތަކުން ކަރަންޓު ފޯރުކޮށްނުދެވޭތީ ކަމަށެވެ.
މޭޔަރު ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައި އިންނަ ފަސް ރަށަކަށް ކަރަންޓް ދިނުމަށް ޖުމްލަ ހަތް އިންޖީނު ހުރި ނަމަވެސް މިވަގުތު ބޭނުން ކުރަމުންދަނީ އޭގެތެރެއިން ހަތަރު އިންޖީނު ކަމަށެވެ.
"މީގެ ދެމަހެއްހާ ދުވަސް ކުރިން އިންޖީނު ގޭގައި ހުރި މައްސަލަތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމަށްޓަކައި ޓީމެއް އެތަނަށް ފޮނުވން. އެކަމަކު އިންޖީނުގެއިން އެއްބާރުލުން ލިބިފައި ނުވާތީ އެކަން ކުރެވޭގޮތެއް ނުވި. ދެން ގާނޫނީ ގޮތުން ކަރަންޓް ދިނުން ސީޓީ ކައުންސިލްގެ އަތްމަތީ އޮތްކަމުގައި ވިޔަސް ސަރުކާރުން ގާނޫނަކަށް ބޯލަބަނީކީ ނޫން" މޭަޔަރު ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ އިންޖީނުތައް ހެދުން ލަސްވެގެންދަނީ އެއަށް ބޭނުންވާ ސްޕެއަރ ޕާޓްސްތައް ނުލިބޭތީކަމަށް އެތަނުގެ އިންޖިނިއަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލައިގައި އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމުކޮށްފައިވާ އިންޖީނުގެ ހިންގަމުންގެންދާ ސަދަން ޔުޓިލިޓީސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ މި ފެށޭ ހަފްތާ ތެރޭގައި ކަރަންޓް ކެނޑޭ މައްސަލަ ހައްލުވާނެ ކަމަށާއި ކަރަންޓް ކެނޑުމަށް މެދުވެރިވެގެން އުޅެނީ އިންޖީނަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.
"މިތާ ހުންނަނީ ހަތް އިންޖީނު، ފަސް އިންޖީނުން މިހާރު ހިދުމަތް މިދެނީ" މުހައްމަދު ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ މުޅި ރަށުން އެއްފަހަރާ ކަރަންޓް ކެނޑިގެން ނުދާނެ ކަމަށާއި ލޯޑްމަތިވާ ވަގުތުތަކުގައި ބައެއް ސަރަހައްދުތަކުން ގަޑިއެއްހާއިރަށް ކަރަންޓް ކަޑާލުމަށްފަހު އަނެއްކާވެސް ޖައްސަނީ ކަމަށެވެ.
އަދި ހަލާކުވާ އިންޖީނުތަކަކީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ހެދޭނެ އިންޖީނު ތަކެއް ކަމަށާއި އިންޖީނުތައް ހެދުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ގަންނަން ޖެހެނީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި މިހާރު އެތަކެއްޗަށް އޯޑަރު ދެވިފައިވާތީ މިހަފްތާގެ ތެރޭގައި އިންޖީނުތައް މަރާމާތުކުރެވި އަންނަ ހަފްތާ ކަރަންޓްގެ މައްސަލަ މުޅިން ހައްލުކުރެވޭނެ ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
އައްޑޫއިން ކަރަންޓް ކެނޑޭ މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން، ސަދަން ޔުުޓިލިޓީޒްއާއި ގުޅިގެން ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ސަދަން ޔުުޓިލިޓީޒްއިން އެއްބާރުލުން ދީފައި ނުވާ ކަމަށް މޭޔަރު ވިދާޅުވެފައިވާތީ ޒުހައިރު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އައްޑޫގައި ކަރަންޓުގެ މައްސަލަ ބޮޑުވެގެން ދިޔައީ ފެނަކައިގެ ދަށަށް ސަދަން ޔުޓިލިޓީޒް ބަދަލުކުރި ފަހުން ކަމަަށް މޭޔަރު ވިދާޅުވެފައިވާތީ ޒުހައިރުވަނީ އެކަންވެސް ދޮގުކޮށްފައެވެ.
އައްޑޫން ކަރަންޓް ކެނޑެނީ ސަރުކާރުގެ އިހްލާސްތެރިކަން ނެތުމުން: މޭޔަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ