ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ފަސް ދައުވާގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންދާނީ ޖަސްޓިސް ބިލްޑިންގުގައި ކަމަށާއި އަޑުއެހުންތަށް އެހެން ތަނަކަށް ބަދަލު ކުރުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ މީޑިއާ ޑިޕާޓުމެންޓުން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އެޑިޕާށޓްމެންޓުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަޑުއެހުންތައް އެހެން ތަނަކަށް ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ނަމަވެސް ޖަސްޓިސް ބިލްޑިންގުގެ ތިރީގައި ސިވިލް ކޯޓަށް ދީފައި ހުންނަ ބޮޑު ކޮޓަރީގައި ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަން ރަސްމީކޮށް ހުޅުމާލޭ ކޯޓަށް އަންގާފައެއް ނުވެއެވެ.
ޖުޑިޝަރީގެ މީޑިއާ ޑިޕާޓްމެންޓުގެ ސްޕޯކްސްޕާސަން ލަތީފާ ގާސިމު މިއަދު ވިދާޅުވީ އެމައްސަލަ ޖަސްޓިސް ބިލްޑިންގުގައި ބާއްވަން ނިންމާފައިވާ ކަން ރަސްމީކޮށް ހުޅުމާލޭ ކޯޓަށް މިހާތަނަށް އަންގާފައި ނުވި ނަމަވެސް އެކަން ރަސްމީކޮށް ސިޓިއަކުން ވަރަށް އަވަހަށް އެކޯޓަށް އަންގާނެ ކަމަށެވެ.
ހުޅުމާލޭ ކޯޓުން މައުލޫމާތުދޭ ގޮތުގައި އެކޯޓުން މިހާރުދަނީ އެމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމައްޓަކާ ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ. ނަމަވެސް އަޑުއެހުންތައް ފަށައިގަންނާނެ ތާރީހެއް އަދި އެކޯޓުން އިއުލާންކޮށްފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހީމު ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔާޑް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލާއި މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު ރިޓަޔާޑް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމުދީދީއާއި އޮޕަރޭޝަންސް ޑައިރެކްޓެރޭޓުގެ ހެޑް ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން ކަން ޖުޑިޝަރީންވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއީ ކޮން ފަނޑިޔާރުންނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ އަޑުއެހުންތައް ޖަސްޓިސް ބިލްޑިންގުގައި ބޭއްވުމަށް ނިންމާފައިވާތީ ބައެއް ފަރާތްތަކުންވަނީ ޖަސްޓިސް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓަށް ފާޑު ކިޔާފައެވެ.
އަބުދުﷲ ގާޒީ މައްސަލައިގެ އަޑުއެހުންތައް އެހެން ތަނަކަށް ބަދަލު ކުރުމުގެ ހިޔާލެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ