ތިން ދުވަސް ދިނުމަށްފަހު އއ. ހޮސްޕިޓަލަށް ކަރަންޓް ދީފި

އއ. އަތޮޅު ހޮސްޕިޓަލުގެ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކައިގެން އެ ހޮސްޕިޓަލުން ކަރަންޓް ކަނޑާލާފައި ވަނިކޮށް އެ ފައިސާ ދައްކަން ތިންދުވަހުގެ މުހުލަތު ދިނުމަށްފަހު އަލުން ކަރަންޓު ދީފި އެވެ.
ރަސްދޫގައި ހުންނަ ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުންނެވި ކޮމިއުނިޓީ ހެލްތުވޯކަރު ޒަމީރާ މުހައްމަދު ވިދާޅުވީ ބިލްތަކަށް ފައިސާ ނުދައްކައިގެން އިންޖީނުގޭގެ މުވައްޒަފުން ގޮސް މިއަދު މެންދުރު ހޮސްޕިޓަލުން ކަރަންޓް ކަނޑާލި ނަމަވެސް މިހާރު ހިދުމަތް ދީފައިވާ ކަމަށެވެ.
"ހަވީރު 4:30 އެހާކަންހާއިރު އަލުން ކަރަންޓްގެ ޚިދުމަތްދީފި. ކަރަންޓްދީފައިވަނީ ތިން ދުވަހުގެތެރޭ ފައިސާ ދައްކަން ޝަރުތުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ޒަމީރާވިދާޅުވީ މިހާތަނަށް ކަރަންޓް ބިލްތަކަށް ފައިސާ ދައްކަމުން އައީ ކޮންމެ މަހެއްގެ ކަރަންޓްބިލުގެ މައުލޫމާތު ހެލްތު މިނިސްޓްރީއަށް ފޮނުވުމުން މިނިސްޓްރީން ކަމަށެވެ. މިދިއަ ތިންމަހުވެސް ހޮސްޕިޓަލުން މިނިސްޓްރީއަށް ބިލްތައް ފޮނުވި ކަމަށާއި، ބިލަށް ފައިސާ ނުދައްކައިގެން ކަރަންޓްކަނޑާލާނެ ކަމުގެ އިންޒާރު ދިނުމުން އެ ނޯޓިސް ވެސް މިނިސްޓްރީއަށް ފޮނުވަފައިވާނެ ކަމަށެވެ. އިންޒާރުގެ ނޯޓިހުގެ މުއްދަތު ހަމަވީ މިދިއަ ބުރާސްފަތި ދުވަހަށެވެ. މިއަދު އެ ހޮސްޕިޓަލުން ކަރަންޓް ކަނޑައިލި އިރު ބިލަށް 358،358ރ. އަރާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ