ކަރަންޓް ނުލިބޭތީ މަޑަވެލީ އިންޖީނުގޭގައި ތަޅުއަޅުވައިފި

ކަރަންޓް މައްސަލަޔަށް ހައްލެއްނުލިބި ކަރަންޓް ނުލިބޭތީ މަޑަވެލީ އިންޖީނުގޭގައި މިރޭ ތަޅު އަޅުވައިފިއެވެ.
މަޑަވެލި ކައުންސިލްގެ ރައީސް އީމާން މުހައްމަދު ރަޝީދު ވިދާޅުވީ އިންޖީނުގޭގެ ޖަނަރޭޓަރ ތަކުގައި މައްސަލެޖެހޭތާ ދުވައްތަކެއް ވެފައިވާކަމުގައެވެ. އަދި އެއް ޖަނަރޭޓަރުގެ ފިއުލްޕަންޕް ހަލާކުވެ އެޖަނަރޭޓަރ ބޭނުންނުކުރެވޭއިރު ޖަނަރޭޓަރ ހެދޭނެގޮތެއްވެސްވެފައި ނުވާކަމަށް އީމާން ވިދާޅުވިއެވެ.
އީމާން ވިދާޅުވީ ޑިސެމްބަރު މަހުން ފެށިގެން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަމުންގެންދާކަމަށާއި ކޮންމެ ދުވަހަކުވެސް މަދުވެގެން ދެގަޑީއިރު ކަރަންޓް ކަނޑާލަން ޖެހޭކަމުގައެވެ. ނަމަވެސް އެވަރުންވެސް ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބި އިރުއިރުކޮޅާއި ރަށުން ކަރަންޓް ކެނޑެމުންދާކަމަށް އީމާން ވިދާޅުވިއެވެ.
އަދި މިއަދުވެސް ހަވީރުން ފެށިގެން ރަށުން ކަރަންޓްކެނޑި މިރޭވެސް އަލިކަމެއް ނުލުބޭކަމަށް އީމާން ވިދާޅުވިއެވެ. އީމާން ވިދާޅުވީ އެކަމާއި ގުޅިގެން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިންޖީނުގޭދޮށަށް އެއްވެ އަޑު އުފުލަމުން ގެންދާކަމުގައެވެ.
އަދި އިންޖީނުގޭ ޖަނަރޭޓަރުތައް ހެދޭނެކަމުގެ އުއްމީދެއް ނުލިބުމުން އިންޖީނުގެ ބަންދުކޮށް އެތާންގައި މިރޭ ތަޅު އަޅުވާފައިވަނީ އިންޖީނުގޭގެ މުވައްޒަފުންކަމަށްވެސް އީމާން ވިދާޅުވިއެވެ. އީމާން ވިދާޅުވީ މަޑަވެލި އިންޖީނުގެ ހިންގަމުން ގެންދަނީ ފެނަކަ ކޯޕަރޭޝަންގެ ދަށުންކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ