އަލީ ވަހީދުގެ މައްސަލައާއި އެކު މަހުލޫފުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ވެސް ހުއްޓާލައިފި

ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް މެދުކަނޑާލުމަށް ހައިކޯޓުން ނެރުނު އަމުރާއި އެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ވެސް ހުއްޓާލައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދުވަސްވަރު އިނދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެފައިވާތީ ދެ މެމްބަރުންގެ މައްޗަށް ވެސް ކުރަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ދަތި ކުރުމުގެ ދައުވާއެވެ. އަލީ ވަހީދާއި މަހުލޫފުގެ މައްޗަށް ވަކިވަކިން ދައުވާކޮށްފައިވީ ނަމަވެސް އެއީ އެއްމައްސަލައަކަށްވާތީ އެދެ ދައުވާގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންދަނީ އެކުއެކީގައެވެ.
އަލީ ވަހީދުގެ މައްސަލަ މަޑު ޖައްސާލުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރާ އެކު މަހުލޫފުގެ މައްސަލަ ވެސް މަޑު ޖައްސާލާފައިވަނީ އެ ދެދައުވާ ކުރިއަށް ގެންދަނީ އެއްމައްސަލައެއްގެ ގޮތުގައި ކަމަށްވާތީ ކަމަށް ކޯޓުން ބުނެއެވެ.
މަހުލޫފުގެ މައްސަލައިގެ އަޑުއެހުންތައް ހުއްޓާލާފައިވާތީ އޭނާވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައެވެ.
"އަޅުގަނޑުވާނީ ކުރިން ވެސް ދެ ދައުވާ ވަކި ވަކި މައްސަލަތަކެއްގެ ގޮތުގައި ވަކިން ކުރިއަށް ގެންގޮސް ދިނުމަށް އެދިފައި. ހަގީގަތުގައި ވެސް އަޅުގަނޑު ބޭނުންވޭ މިމައްސަލަ އަވަހަށް ނިމެން. އަޅުގަނޑުގެ ދައުވާ ވަކިން ނަމަވެސް ކުރިއަށް ގެންގޮސް ދިނުމަށް އެދެން. އަޅުގަނޑުގެ ނެތް އިޖުރާއީ މައްސަލައެއް ވެސް ނުކުތާއެއް ވެސް،" މަހުލޫފު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ