މިސްރުގެ ރައްޔިތުން އާ ގާނޫނު އަސާސީއަށް އާން ބަސް ބުނެފި

މިސްރުގައި އެ ގައުމުގެ އާ ގާނޫނު އަސާސީ އާއިމެދު ނެގި ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓުގައި އެގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އާ ގާނޫނު އަސާސީއަށް ތާއީދުކޮށްފިއެވެ.
މިސްރުގެ އިލެކްޝަން ކޮމިޝަނުން މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފައި ވާއިރު، ވޯޓުލީ މީހުންގެ 63.8 އިންސައްތަ މީހުން ވަނީ އާ ގާނޫނު އަސާސީ ބަލައިގަންނަ ކަމަށް ބުނެފައެވެ. އަދި އާ ގާނޫނު އަސާސީ ބަލައި ނުގަތުމަށް ވޯޓުލީ މީހުންގެ 32.9 އިންސައްތަ މީހުން ވޯޓު ލާފައި ވާއިރު، މި ވޯޓުގައި ޖުމްލަ 52 މިލިޔަން މީހުން ބައިވެރިވި ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ސާމިރް އަބްދުލް މާޓީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ވޯޓުލީ މީހުން އާ ގާނޫނު އަސާސީއަށް އާން ބަސް ބުނެފައި ވާއިރު، މި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން ރައީސް މުހަންމަދު މުރުސީއާއި ގާނޫނު ހެދުމުގެ ބާރުތައް (ލެޖިސްލޭޓިވް ޕަވާސް) ނޫން އެހެން މަގާމުތަކަށް މީހުން ހޮވުމަށް ތިން މަސްދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ.
ހިޔާލު ހޯދުމުގެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފައި މިވަނީ އިދިކޮޅު އެއްމެ ބޮޑު ޕާޓީ ކަމަށްވާ ނޭޝަނަލް ސެލްވޭޝަން ފްރަންޓުން އިންތިހާބުގެ ނަތީޖާ ސަރުކާރުން އޮޅުވާލާފައި ވާކަމަށް ބުނެ، އެކަން ތަހުގީގު ކުރަން ގޮވާލުމާއި ގުޅިގެން އެ މައްސަލަތައް ބެލުމަށް ކަމަށްބުނެ އިއްޔެ އިއުލާނު ކުރަން ހަމަޖެއްސި ރަސްމީ ނަތީޖާ އިއުލާނުކުރުން އެންމެފަހުވަގުތު ފަސްކުރުމަށްފަހުއެވެ.
ވަގުތީ ނަތީޖާތަކުން ދެއްކިގޮތުގައި އާ ގާނޫނު އަސާސީ ބަލައިގަނެފައިވަނީ ވޯޓު ލީ މީހުންގެ 60 އިންސައްތަ މީހުންނެވެ. މި ނަތީޖާ އާއި އެކު އެ ގައުމުގެ ސިޔާސީ މަޝްރަހު އިތުރަށް ހަލަބޮލިވެގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ގައުމުގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުންވަނީ ބުނެފައެވެ.
އިދިކޮޅު ފަރާތްތަކުން މި ގާނޫނު އަސާސީއަށް ތާއީދު ނުކުރަނީ އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިއްޖެނަމަ މިސްރުގައި ޒަމާނުއްސުރެ އޮތް މެދުމިންގަނޑުގެ ދީނީ އާދަތައް އުވި، މުސްލިމުންނޫން އެހެން ދީންތަކުގެ މީހުންނަށް އެ ގައުމުގައި އުޅެން ދަތި ވާނެ ކަމަށް ބުނެއެވެ. އިދިކޮޅު ފަރާތްތަކުން މިހެން ބުނެފައިވާ އިރު އެ ގާނޫނު އަސާސީ ޑްރާފްޓް ކުރި ހާއްސަ މަޖިލީހުގެ ތިން ބައިކުޅަ ދެ ބަޔަކީ މުސްލިމް ބްރަދަހުޑްގެ ކެނޑިޑޭޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ