ރައީސް ކަމަށް ކުރިމަތިލައްވަފާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ

ރައީސްކަމުގެ މަގާމަށް އަދިވެސް ކުރިމަތިލައްވަފާނެ ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަން 30 އަހަރު ކުރައްވާފައިވާ މައުމޫން އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަލުން ވެރިކަމަށް ވަޑައިގަތުމަކީ އެމަނިކުފާނު އެންމެ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށް ވިޔަސް އަލުން ރައީސްކަމަށް ކުރިމަތިލެއްވުން އެއީ އެ މަނިކުފާނުގެ އިހްތިޔާރުން ބޭރުގައި ކުރައްވާ ކަމަކަށް ނުވާނެ ކަމަށެވެ.
"ކޮންމެ ގޮތެއް އިޚްތިޔާރު ކުރަން ޖެހުނަސް ތައްޔާރަށް މިހުރީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ވެރިކަމުގައި 30 އަހަރު ޚިދުމަތް ކުރައްވާފައިވާއިރު، އަލުން ވެރިކަމަށް ވަޑައިގަތުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ކަންތައްތައް ވަރަށް އަވަސް އަވަހަށް ބަދަލުވާކަމަށްވެސް ކުރީގެ ރައީސް ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ ޕާޓީ، ޕީޕީއެމްގެ ކޮންގްރެސް އަންނަ ޖެނުއަރީ މަހު ބާއްވާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކޮންގްރެސްގައި ރިއާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް އެ ބޭފުޅަކު ވާނީ ޕާޓީގެ ރިއާސީ ކެންޑިޑޭޓަށް ކަމަށެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓަށް ވެދާނެތޯ ސުވާލުކުރުމުން މައުމޫން ވިދާޅުވީ ވަހީދު ޕީޕީއެމްއާ ގުޅިވަޑައިގެން، ޕްރައިމަރީ ކާމިޔާބުކުރައްވައިފި ނަމަ އެމަނިކުފާނަށް ވެސް ފުރުސަތު އޮންނާނެ ކަމަށާއި އެހެން ނަމަވެސް ޕްރައިމަރީގައި އެހެން ބޭފުޅުން ވެސް ވާދަކުރައްވަފާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ