ސޯލާ ޕަވަރ މެދުވެރިކޮށް މަތި ދެކުނު ޕްރޮވިންސްގެ ހުރިހާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

14:30ސޯލާ ޕަވަރ މެދުވެރިކޮށް މަތި ދެކުނު ޕްރޮވިންސްގެ ހުރިހާ ރަށްތަކަށް 25 އަހަރު ދުވަހަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އިންޑިއާގެ ބީބީއެމް އިންފްރާސްޓްރަކްޗަރ ކުންފުންޏާއި އަޕަރ ސައުތު ޔުޓިލިޓީ ކުންފުންޏާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.ރައީސް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޕަރ ސައުތު ޔުޓިލިޓީގެ މެނޭޖިން ޑައިރެކްޓަރ އަހްމަދު ސައީދު މިއަދު ވިދާޅުވީ، 90 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ 25 މެގަވޮޓުގެ ކަރަންޓު އުފައްދާނެ ކަމަށެވެ. އަދި މި ޚިދުމަތް ގއ. އަދި ގދ. ގެ ހުރިހާ ރަށްތަކަށް ފޯރުކޮށްދޭނެ ކަމަށާއި މިކަމުގެ ސަބަބުން ތެޔޮ އަންދާ މިންވަރު 20 އިންސަތައަށް ދަށަށް ގޮސް، ކަރަންޓަށް ހޭދަކުރާ ޚަރަދު ދަށްވެގެންދާނެ ކަމުގައި ސައީދު ވިދާޅުވި އެވެ.އަދި މިއީ ބޫޓް މޮޑެލެއްގެ ދަށުން ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވާ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މި މަސައްކަތް އަނބުރާ ސަރުކާރާ ހަވާލުކުރާނީ 25 އަހަރަށް ފަހު ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މި މަސައްކަތަށް އެކަށީގެންވާ ދިވެހިން ތަމްރީނުކުރުމަށް އިންޑިއާގެ ބީބީއެމް ކުންފުނިން އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.މީގެ އިތުރުން މި ޕްރޮޖެކްޓް ފެށުމުގެ ގޮތުން ބޭނުންވާ ސާވޭތައް ކުރުމަށް ބޭރުގެ ޓެކްނިކަލް ސާވޭ ޓީމު 15 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އިންޑިއާގެ ބީބީއެމް އިންފްރާސްޓްރަކްޗަރ ކުންފުނިން ބުނީ މި ޕްރޮޖެކްޓުގެ ޓެކްނިކަލް މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފައި ވަނީ އިއާދަކުރުވަނިވި ހަކައިތައިގެ ޚިދުމަތްދެމުން އަންނަ ޗައިނާގެ ތަޖުރިބާކާރު ތިން ކުންފުންޏަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، އެ ކުންފުނިތަކުގެ ނަން އެ ފަރާތުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ