ނައިބު ރައީސްގެ މައްސަލަ ކޮމިޓީއަކަށް ހުށަހަޅައި ދިރާސާ ކުރަން ޖެހޭނެ: މެމްބަރު ރަޝީދު

ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 11 މެމްބަރުންގެ ކޮމިޓީއަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މިއަދު ވިދާޅުވެއްޖެ އެވެ. ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި ނަމަ، ތުހުމަތު ކުރާ ކަންކަން ވަކިވަކިން ތަހުގީގު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 11 މެމްބަރުންގެ ކޮމިޓީއަށް ފޮނުވަން ވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވަައިދުގައި އޮތް ނަމަވެސް، މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ގަވައިދަށް އިސްލާހު ގެނެސް އެއީ ކުރަން ނުޖެހޭ ކަމަކަށް ނިންމައިފަ އެވެ. ނައިބު ރައީސް ޖަމީލް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، ގަވައިދަށް މި ގެނައި އިސްލާހުގެ ނަތީޖާ އަކީ، އެ މައްސަލާގައި ހަމައެކަނި މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް، ގޮތެއް ނިންމުމެވެ. މަޖިލީހުގެ ގަވައިދުގައި ކުރިން ބުނެފައިވާ ތަހުގީގު ކުރުމުގެ އެއްވެސް ފުރުސަތެއް ނައިބު ރައީސަށް މިހާރު ލިބިވަަޑައެއް ނުގަންނަވާނެ އެވެ. މަޖިލީހުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަޝީދު ވިދާޅުވީ، ނައިބު ރައީސް ޖަމީލް މަގާމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަކުން ތަހުގީގުކޮށް، އެ މަނިކުފާނުގެ ފަރާތްޕުޅުން ވެސް ހެކި ހޯއްދެވުމުގެ ޖާގަ އޮންނަން ވާނެ ކަމަށެވެ. "އެހެން ނޫން ނަމަ ދިވެހި ތާރީހުން އެ ފެނިގެންދަނީ ވަރަށް ނުރަނގަޅު މަންޒަރެއް. ވަކި މީހަކަށް ގަވައިދު ހެދި، ވަކި މީހަކަށް ގާނޫނު ހެދި މިހެން އެކަން ދިއުމަކީ ގަބޫލު ކުރާނެ ކަމެއް ނޫން،" ރަޝީދު ވިދާޅުވި އެވެ. "މަނިކުފާނަށް [ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު] މަނިކުފާނު ނިސްބަތްވާ ސަރުކާރުން ވަކި ގޮތަކަށް ވަކި ކަމެއް ކުރަން އެންގެވީމާ އެއީ އުނދަގޫ ކަމެއް ކަމަށް ވެދާނެ. އެހެން ނުހައްދަވާށޭ އަޅުގަނޑު ދަންނަވާނީ. އެކަމެއް ކުރަން އޮންނަ ރަނގަޅު ހަމަތަކާއި އުސޫލުތަކުގެ ތެރެއިން މަސައްކަތް ކޮށްދެއްވާށޭ." ވަކި މީހަކަށް ގަވައިދު ހެދި، ވަކި މީހަކަށް ގާނޫނު ހެދި މިހެން އެކަން ދިއުމަކީ ގަބޫލު ކުރާނެ ކަމެއް ނޫން-- މެމްބަރު ރަޝީދު ރަޝީދު ވިދާޅުވި ގޮތުގައި ނައިބު ރައީސްގެ ހައްގަށް އުނިކަން އަންނަ ގޮތަށް، މަޖިލީހުގެ ގަވައިދަށް އާންމު ކޮމިޓީން އިސްލާހު ގެންނަނީ ހަމައެއް ލަމައެއް ނެތި އެވެ. އޭނާ ވިދާޅުވީ، ރައީސަށް، ނައިބު ރައީސަށް އިތުބާރު ނުކުރެވިއްޖެ ހާލަތެއްގައި، ނައިބު ރައީސް މަގާމުން ވަކިކުރައްވަން ޖެހޭ ކަމަށާއި އެކަމަކު ދިފާއުވެވަަޑައިގަތުމުގެ ހައްގު ނައިބު ރައީސަށް ފުރިހަމައަށް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ރަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމަށްޓަކައި އާންމު ކޮމިޓީގެ މެމްބަރުންނަށް މަޖިލީހުގެ ރައީސް ސިޓީފުޅު ފޮނުއްވާއިރު، ގަވައިދު ރަނގަޅަށް ބެލުމަށް ވެސް މެމްބަރުންނަށް ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. "ވަގުތުން ރިޔާސަތުން ސިޓީ އިއްވުމާ އެކު އެއް ބޭފުޅަކު ހުށަހަޅުއްވާނެ. އެއް ބޭފުޅަކު ތާއީދު ކުރައްވާނެ. އެ ހިސާބުން ވޯޓަށް އަހާނެ. އެ ހިސާބުން އެ ނިމިގެން ދަނީ. އެއީކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަން ވެގެން ވާނެ ގޮތެއް ނޫން. އަޅުގަނޑުމެންނަށް ވަގުތު ލިބެން ޖެހޭނެ. ބައެއް ހާލަތްތަކުގައި ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާ ވެސް ކުރަން ޖެހިދާނެ،" ރަޝީދު ވިދާޅުވި އެވެ. ނައިބު ރައީސް ޖަމީލް މަގާމުން ވަކިކުރުން އަވަސް ކުރުމުގެ ބޭނުމުގައި މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައި ނަމަވެސް އެ ކަންބޮޑުވުން ރަޝީދު ފިޔަވައި މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން ވެސް މިހާތަނަށް ފާހަގައެއް ނުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ