ނަޝީދާ މެދު ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަށް ވަނީ ބަރުވެފައި: އުމަރު
        ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ގާނޫނީ ބާރުވެރިކަން ހިންގުމަށް މުއައްސަސާތައް އަދިވެސް ފަހަތު ފަޔަށް ބަރުވެފައިވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.      ނަޝީދުގެ ވެރިކަން ބަދަލުވިތާ އެއް އަހަރު ފާހަގަކުރުމަށްޓަކައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ އަވަހަށް ބަލައި ނަޝީދާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އުމަރު ވިދާޅުވީ އެއްވެސް ރައީސަކަށް ފަނޑިޔާރަކު "ވަގަށް" ނަގައިގެން ނުގެންގުޅެވޭނެކަން ކުރިމަގުގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އަންގައިދޭންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރުގެތަކާއި ޕްރޮސިކިއުޓަ ޖެނެރަލް ވެސް ކުރައްވަންވީ ކަމަކީ ގާނޫނާ ހިލާފުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމެވެ.   "ފަހަތު ފަޔަށް ބަރު ނުވެ މުހައްމަދު ނަޝީދާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަން،" ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވި އެވެ.   އޭނާ ވިދާޅުވީ ފެބްރުއަރީ 7 އައީ ނަޝީދުގެ ވެރިކަމުގައި ވެސް މުއައްސަސާތައް ފެއިލްވެފައި އޮތުމުންނާއި އޭރުގެ އިދިކޮޅު ޕާޓީ ޑިއާރުޕީ ވެސް ފެއިލްވުމުން ކަމަށެވެ. "އޭރުގެ ޑީއާރުޕީ ވެސް އޮތީ ފެއިލްވެފައި. ހުރިހާ އެއްޗެއް ފެއިލްވުމުގެ ނަތީޖާއަކީ ރަބަރު ވަޒަނާއި ކަރުނަ ގޭހުގެ ތެރެއިން ގޮސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުން،" ޕީޕީއެމް އުފެއްދުމުގެ ކުރިން ޑީއާރުޕީގައި އުޅުއްވި އަދި އެ ޕާޓީގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި އުމަރު ވިދާޅުވި އެވެ.        އުމަރު ސިފަކުރެއްވި ގޮތުގައި ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަކީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުން ފަދަ ޖިހާދެކެވެ. ޕޯޗްގީޒުން ރާވާފައި އޮތީ ދިވެހިންގެ ކަރަށް ރާ އަޅަން ކަމަށާއި ނަޝީދު ރާއްވަވާފައި އޮތީ، އެ މަނިކުފާނު އުފައްދަވާ ކޮމިޝަނަކުން ނަޝީދު ބޭނުންފުޅުވާ ފަނޑިޔާރުން ލައްވައިގެން ޝަރުއީ ނިޒާމު ހިންގެވުމަށް ކަމަށް އުމަރު ވިދާޅުވި އެވެ.       އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓްގައި ވަނީ ދައުވާ އުފުލައިފަ އެވެ. އެ ދައުވާ އަނބުރާ ނެގުމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ހުށަހެޅިއިރު އެ ދައުވާ ހުއްޓުވުމަށް ވެސް އެމްޑީޕީން މިއަދު ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. 
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
            