އެމެރިކާގެ ރިޔާސީ އިންތިޚާބު: މުހިންމު ހިސާބުތައް
މިއަދު އެމެރިކާގައި ނަގާ ރިޔާސީ އިންތިޚާބަކީ ތާރީޚީ ގޮތުން ބަލާއިރު އެންމެ ވާދަވެރި އެއް އިންތިޚާބު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އިންތިޚާބުގެ ނަތީޖާ ވަރަށް ހަމަހަމަވާނެ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ. ތިރީގައި އެވަނީ އިންތިޚާބާ ބެހޭ މުހިންމު ހިސާބުތަކެވެ. ކެމްޕޭން ޚަރަދު: ރިޔާސީ އިންތިޚާބުގެ ޚަރަދު އުޅެނީ ދެ ބިލިއަން ޑޮލަރުގަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރާއްޖޭގެ ދެ އަހަރުގެ ބަޖެޓެވެ. ވޯޓު ލާ މީހުންގެ އަދަދު: އެމެރިކާގެ އިންތިޚާބުގައި މި އަހަރު 160 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ. އާލީ ވޯޓު: އިންތިޚާބު އޮންނަ ދުވަހުގެ ކުރިން ވޯޓު ލާން ބޭނުން މީހުންނަށް ވެސް އެފުރުސަތު އޮތީ ހުޅުވިފަ އެވެ. އެގޮތުން މި އަހަރު 30 މިލިއަން މީހުންނަށް ވުރެ ގިނަ މީހުން އެފުރުސަތުގެ ބޭނުން ހިފި އެވެ. އެކަމަކު އެ ވޯޓުތައް ގުނާނީ މިއަދު އެވެ. އިލެކްޓޯރަލް ވޯޓު: އެމެރިކާގެ އިންތިޚާބު ކާމިޔާބުކުރެވޭނީ ޕޮޕިއުލާ ވޯޓު (ގިނަ މީހުންގެ ވޯޓު) ލިބިގެންނެއް ނޫނެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުވުން އޮންނަނީ އިލެކްޓޯރަލް ކޮލެޖް ވޯޓު ނުވަތަ އިލެކްޓޯރަލް ވޯޓު އެންމެ ގިނައިން ހޯދާ ކެންޑިޑޭޓަކަށެވެ. އިލެކްޓޯރަލް ވޯޓުގެ އަދަދަކީ 538 އެވެ. އެއީ ކޮންގްރެސް އާއި ސެނެޓުގައި ތިބި މެމްބަރުންގެ އަދަދެވެ. ކޮންގްރެސްގައި އެ ސްޓޭޓެއް ތަމްސީލްކުރާ މެމްބަރުންގެ އަދަދަށް އިލެކްޓޯރަލް ވޯޓު ލިބޭނެ އެވެ. އެކަމަކު އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރެވޭނީ އެ ސްޓޭޓަކުން އެންމެ ގިނަ ވޯޓު ހޯއްދަވާ ރިޔާސީ ކެންޑިޑޭޓަކަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ އިލެކްޓޯރަލް ވޯޓު ލާން ސްޓޭޓުން ކަނޑައަޅާ މީހުން ވޯޓު ދޭން ޖެހޭނީ އެ ސްޓޭޓެއްގެ އާންމުންގެ ވޯޓު ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށާއި އޭނާގެ ރަނިން މޭޓަށެވެ. މިސާލަކަށް އެންމެ ގިނަ އިލެކްޓޯރަލް ވޯޓު އޮތީ ކެލިފޯނިޔާ އަށެވެ. އެ ސްޓޭޓްގެ 55 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާނީ އެ ސްޓޭޓްގައި އެންމެ ގިނަ މީހުން ވޯޓު ލާ ކެންޑިޑޭޓަކަށެވެ. އިލެކްޓޯރަލް ވޯޓު ލާ ދުވަސް: އިލެކްޓޯރަލް ވޯޓު ލުން އޮންނާނީ ޑިސެމްބަރު ،17 2012 ގަ އެވެ. މިއީ އަސްލު ރަމްޒީ ކަމެކެވެ. އޭރު އޮންނާނީ އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓް އެނގިފަ އެވެ. އެހެން ދެ އިންތިޚާބު: ރިޔާސީ އިންތިޚާބާ އެކު ކޮންގްރެސްގެ ބައެއް ގޮނޑިތަކާއި ސެނެޓްގެ ބައެއް ގޮނޑިތަކުގެ އިންތިޚާބު ވެސް އެކުއެކުގައި ކުރިއަށް ދާނެ އެވެ. އަދި ބައެއް ސްޓޭޓްތަކުގެ މަޖިލިހުގެ އިންތިޚާބު ވެސް މިއަދު އޮންނާނެ އެވެ. އެހެން ޕާޓީތައް: ގިނަ މީހުންނަށް އެނގެނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީ ކަމެވެ. އެހެންނަމަވެސް އިތުރު އެހެން ހަތަރު ޕާޓީއަކުން ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެ އެވެ. ތަފާތަކީ އެ ބޭފުޅުންނަށް އިންތިޚާބު ކާމިޔާބުކުރެއްވުމުގެ ފުރުސަތު ހަނިކަމެވެ. ޖެނުއަރީ ،20 2013: އެމެރިކާގެ އާ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ މި ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ