ތުޅާދޫ ބައި އިލެކްޝަން ނުބާއްވަން ހައި ކޯޓުން ދެވަނަ ފަހަރަށް އަމުރުކޮށްފި

ތުޅާދޫ އާޒާދު، އުމައިރާ އަބޫބަކުރު ދައުވާކޮށް ޑީއާރްޕީން ތަދައްހުލް ވެފައިވާ މައްސަލާގައި ވަގުތީ އަމުރު ނެރުއްވަމުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ދައުވާއާ ގުޅިގެން ހުކުމެއް ކުރުމުގެ ކުރިން ނުވަތަ ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އިންތިހާބު ބާއްވައިފި ނަމަ ދައުވާކުރާ ފަރާތަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް އިއްތިފާގުވެ ވަޑައިގެންފައިވާ ކަމަށެވެ. އިންތިހާބީ ޝަކުވާގެ މި މައްސަލަ ބެއްލެވީ އަބްދުލްޣަނީ މުހައްމަދާއި އަޒްމިރަލްދާ ޒާހިރާއި އައްބާސް ޝަރީފެވެ. ރިއާސަތު ބެލެހެއްޓެވީ އަބްދުލްޣަނީ އެވެ. ތުޅާދޫ ކައުންސިލްގައި ހިމެނޭ ޑީއާރްޕީގެ ހަމަ އެކަނި މެންބަރު ކަމަށްވާ އުމައިރާގެ ދައުވާގައި ބުނެފައި ވަނީ އޭނާގެ ގޮނޑި ހުސްވެފައިވާ ކަމަށް ބަލައި ބައި އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް އިން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި މީގެ ކުރިން ހައި ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ވެސް ހިލާފަށް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން އިންތިހާބެއް އިއުލާން ކުރަންވާނީ ގޮނޑި ހުސްވެފައިވޭތޯ ކަށަވަރު ކުރުމަށްފަހުގައި ކަމަށް ކުރިން ހައި ކޯޓުން ނިންމާފައިވާކަން އުމައިރާގެ ވަކީލު އަހްމަދު ޝަފީގު ޝަރީއަތުގައި ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ ހޮނިހިރު ދުވަހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން އިއުލާން ކޮށްފައި ވަނީ އެކަން އެކަށީގެންވާ ވަރަށް ނުބަލައި ކަމަށެވެ. ޑީއާރްޕީގެ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އުމެއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ނިންމާފައިވާ ފުރިހަމަ އެއްވެސް ލިޔުމެއް ނެތް ކަމަށެވެ. އެފަދަ ލިޔުމެއް ވެސް ނެތި އިންތިހާބު ނުބޭއްވޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި އިންތިހާބެއް ބާއްވާ ނަމަ އިންތިހާބު ގޮނޑި ހުސްވި ތާރީހު ބުނަންޖެހޭނެ ކަމަށާއި އެކަމަކު އިލެކްޝަންސް އިން މިއަދާ ހަމައަށް ވެސް އެ ތާރީހެއް ބަޔާންކޮށްފައި ނުވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. ނަމަވެސް އިލެކްޝަނުން ޝަރީއަތުގައި ބުނީ އިންތިހާބު ބޭއްވުމަށް އިއުލާނުކޮށްފައި ވަނީ ހައި ކޯޓުން ކުރިން ކަނޑައެޅި ގޮތަށް، ގޮނޑި ހުސްވެފައި ވޭތޯ ބެލުމަށް ފަހުގައި ކަމަށެވެ. ތުޅާދޫ ބައި ލެކްޝަނަށް މިފަހަރު އިއުލާނުކޮށްފައި ވާއިރު ކުރިން އިންތިހާބު ބާއްވަން އުޅުނު އިންތިހާބު ނުބޭއްވުމަށް ހައި ކޯޓުން ހުކުމްކުރީ އިންތިހާބު ބާއްވަނީ ގޮނޑި ހުސްވެފައިވާކަން ކަށަވަރުނުކޮށް ކަމަށް ހައި ކޯޓުން ކަނޑައެޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ