ބޮޑުތިލަދުންމަތީގެ ތަރައްގީއަށް ރަށްތައް އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ގޮވާލައްވައިފި އެވެ.
'ހޮނިހިރު ބާޒާރު' ސަރަހައްދު ތަރައްގީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ އަތޮޅުތައް އުފެދިފައި އޮންނަ ގޮތުން ބޮޑު ތިލަދުންމައްޗަކީ މުހިންމު ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރަހައްދަކީ އިގްތިސޯދީ ގޮތުންވެސް މުހިންމު ދައުރެއް އަދާކުރާ އަތޮޅެއްކަން އާތިފް ފާހަގަކުރެއްވި އެވެ.
ބޮޑުތިލަދުންމަތީގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، އިގްތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން އަދި އިލްމީ ގޮތުންވެސް ބޮޑު ތިލަދުންމައްޗަކީ ރާއްޖޭގައި މުހިންމު ދައުރެއް އަދާކުރާ ސަރަހައްދެއް ކަމަށެވެ.
"ކާބަފައިންގެ ދަތުރުފަތުރުގެ ވިއުގާގެ ވަރުގަދަކަން ފާހަގަކޮށްލަން. ހާއްސަކޮށް ބޮޑުތިލަދުންމައްޗާއި ކުޅުދުއްފުއްޓަކީ ރާއްޖެއިން ބޭރަށް އަމިއްލަ ބައްތެލި ފަހަރުގައި، އަމިއްލަ އުޅަނދު ފަހަރުގައި މި ރަށްރަށުން ފުރައިގެން އުތުރު ކަރައަށް، ސީނު ކަރައަށް ދަތުރުކޮށް އަޅުގަނޑުމެންގެ އިގުތިސޯދީ ހަރަކާތްތައް އިތުރުކުރި ބައެއް." މޭޔަރު އާތިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އަމިއްލަ ފައިމަތީގައި އަޅުގަނޑުމެންގެ އިގްތިސޯދު ބިނާކުރި ބައެއް." އާތިފް ފާހަގަކުރެއްވި އެވެ.
އާތިފް ވިދާޅުވީ މިއަދު މިސަރަހައްދު މިއޮތީ އިގްތިސޯދީގޮތުން ވަރަށް ފަހަތުގައި ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނުވެގެންދިޔައިރުވެސް ތިލަދުންމައްޗާއި މިލަދުންމަޑުލުގައި ފަތުރުވެރިކަން ނެތް ކަމަށެވެ. އެކަމުގައި ރަށްތަކުގެ ޒިންމާއެއްވެސް އޮތްކަން ގަބޫލުކުރެވޭ ކަމަށާއި ރަށްތައް އެކުގައި މަސައްކަތްކޮށްފިއްޔާ ސަރަހައްދުގެ ޓުއަރިޒަމް އެޓްރެކްޝަންތައްވެސް މެޕް ކުރެވި، މުޅި ސަރަހައްދު ރާއްޖޭން ބޭރުގައި އިސްތިހާރުކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެއާލައިންތަކާއި ފަތުރުވެރިކަމުގެ ވިޔަފާރީގައި މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަގްވާމީ ވިޔަފާރިތަކާ މަޝްވަރާކުރެވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރާނެ މަގަށް ގެންނަން މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ބޭނުން ހިފިދާނެ ގޮތްތައް ފެންނަކަމަށް އާތިފް ވިދާޅުވި އެވެ.
"ހާއްސަކޮށް ރާއްޖެއަށް އެތެރެކުރާ ފެރިޝަބަލް މުދަލާއި ކޮންސްޓްރަކްޝަން މުދަލުގެ 30 ހަކަށް ޕަސެންޓް މި ގެންނަނީ އިންޑިއާއިން. އަޅުގަނޑުމެން މި އަތޮޅަކީ އެ ސަރަހައްދާ އެންމެ ގާތުގައި އޮތް އަތޮޅު. އަޅުގަނޑުމެނަށް ގެނެވޭނެ ފްރައިޓް ނުވަތަ ނާލުވެސް މާލެއަށް ގެންދިއުމަށްވުރެއް ކުޑަކޮށް." މޭޔަރު ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ ރަށްތަކުގައި ރައްކާތެރިކަމާއެކު މުދާ ގުދަންކުރެވުމަށްދާ ހަރަދުކުޑަވާނޭކަމަށާއި އެހެން ކަމުން ރަށްތައް އެކުގައި މަސައްކަތް ކުރެއްވިއްޖެނަމަ، ގިނަ އަދަދެއްގެ މުދާ އެއްފަހަރާ ގެނެވުމުގެ ފުރުސަތު ހުޅުވި މުދާ ގަންނަށް ލިބޭ އަގުވެސް ބޮޑުތަކުން ކުޑަކުރެވޭނެ ކަމަށެވެ. މޭޔަރު އާތިފް ވިދާޅުވީ، މުދާ މާލެއިން ގެނައުމުގެ ބަދަލުގައި ރާއްޖޭން ބޭރުން މި ސަރަހައްދުގެ ބަނދަރުތަކަށް ގެނެވޭނެ މަގު ކައުންސިލްތަކުން ރައްޔިތުންނަށް މިއަދު ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ރަށްތަކުން ސީދާ ބޭރަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓުވީ 1970 ގެ އަހަރުތަކުގެ ތެރޭގައި އޭރުގެ ސަރުކާރުން ގެނައި ސިޔާސަތުތަކާއެކު އެވެ. އަދި 1978 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ރަށްތައް މުޅިހެން މާލެއަށް ސަރުކާރުން ބަރޯސާކުރުވި އެވެ.
ބޮޑުތިލަދުންމަތީގެ ތަރައްގީއަށް ރަށްތައް އެކުގައި މަސައްކަތްކުރުމަށް އާތިފް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ