މިޔަރުގެ ދިރާސާތަކަށް ހާއްސަ ފުރަތަމަ ސެންޓަރު ފުވައްމުލަކުގައި ހުޅުވައިފި

މިޔަރުގެ ދިރާސާތައް ކުރަން ރާއްޖޭގެ ފުރަތަމަ ހަބް، ފުވައްމުލަކުގައި އިއްޔެ ހުޅުވައިފި އެވެ. 
"ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް"ގެ ނަމުގައި އެ ސެންޓަރު ހުޅުވައިދެއްވީ ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގެވެ. 
އެ ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން ހުޅުވި ސެންޓަރުން މިޔަރުގެ ދިރާސާތައް ކުރުމާއި އެކަމާ ގުޅޭގޮތުން ކިޔަވައިދީ އަދި އާ އީޖާދުތަކަށް މަގުފަހިކޮށްދޭނެ ކަމަށެވެ. 
މީގެ ތިން އަހަރު ކުރިން، ޖެނުއަރީ 2023 ގައި އުފެއްދި މިޔަރު ޕްރޮގްރާމުން ދަނީ ރާއްޖެއާ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ރާއްޖޭގައި މިޔަރާ ގުޅޭ ދިރާސާތައް ހެދުމާއި އެ ތަކެތި ރައްކާތެރިކުރަން ވަކާލާތުކުރަމުންނެވެ.
ފުވައްމުލަކަކީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ޝާކް ޕޮއިންޓަށް ހެދުމަށް ކައުންސިލާއި އެ ރަށުގެ ޑައިވިން ސެންޓަރުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. 
އެ މަސައްކަތްތަކުގެ ތެރެއިން އޭޝިއާގެ އެންމެ ބޮޑު އަދި އެންމެ ފަހުރުވެރި ޑައިވިން އެކްސްޕޯގައި ފުވައްމުލަކަށް ވަނީ 'ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން' އެވޯޑު ވެސް ޑިސެމްބަރު، 2024 ގައި ލިބިފަ އެވެ. 
ރާއްޖޭން މިހާރު މަދުން ފެންނަ ބާވަތްތަކުގެ މިޔަރާއި މަޑީގެ ބާވަތްތައް ފުވައްމުލަކުގެ ކަނޑުން ފެންނާތީ، މިޔަރުތައް ކައިރިން ބަލައި، އެ ސަރަހައްދުގައި ފީނުމަށް ކޮންމެ މަހަކު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އެ ރަށަށް ޒިޔާރަތްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ