މި އަހަރުގެ ނައިޓް މާކެޓު މާދަމާ ރޭ ހުޅުވާނެ

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ނައިޓް މާކެޓް، 600 މޭޒުގެ ޖާގައާ އެކު މާދަމާރޭ ހުޅުވާނެ ކަމަށް ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން ބުނެފި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ އީދު ކަމަށްވާ ނައިޓް މާކެޓު މި އަހަރު ބާއްވަނީ ވިޔަފާރިވެިރންގެ ޖަމިއްޔާ އާއި އަލޯރާ ގުޅިގެން "އަލޯރާ ނައިޓް މާކެޓު" ގެ ނަމުގަ އެވެ.
ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނާއިބް ރައީސް އިސްމާއިލް އާސިފު ވިދާޅުވީ މި އަހަރުގެ ނައިޓް މާކެޓު މާދަމާރޭ ހުޅުވުމަށް ނިންމާފައިވާ އިރު މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ކަންބޮޑުވާ ކަމަށެވެ.
"މި ގޮތަށް މޫސުން އުޅޭ ކަމަށްވާ ނަމަ އެ ރޭ ހުޅުވުމެއް ނޯންނާނެ،" އާސިފު ވިދާޅުވި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ ބާޒާރު މާދަމާ ރޭ ހުޅުވާއިރު މި އަހަރުގެ ނައިޓް މާކެޓް ހިންގަމުންދާ ވަގުތު އެ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެއް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ. އެ ގޮތުން މި އަހަރުގެ ނައިޓް މާކެޓު ކުރިއަށް ދާނީ މި މަހުގެ 28 އިން 10 ދުވަހުގެ މުއްދަތަށެވެ.
ކޮންމެ އަހަރެއްގެ މިނިވަން ދުވަހާ ގުޅުވައިގެން މާލޭގައި ބާއްވަމުން އަންނަ
އެންމެ ބޮޑު ބާޒާރަށް ވަރަށް ގިނަ ބަޔަކު ޒިޔާރަތްކޮށް ވިޔަފާރިކުރެ އެވެ. އާންމުކޮށް އެ ބާޒާރު މަޝްހޫރުވެފައި އޮންނަނީ ފިހާރަތަކަށް ވުރެ ތަންކޮޅެއް އަގު ހެޔޮކޮށް އެއްޗެހި ގަންނަން ލިބޭ "މަގުމަތީ ބާޒާރު"ގެ ނަމުންނެވެ. ނައިޓް މާކެޓް އެންމެ ފުރަތަމަ ބާއްވާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން 1990 ވަނަ އަހަރު އެވެ. އޭރު އެ ބާޒާރު ބާއްވަނީ ޗާނދަނީ މަގުގަ އެވެ. އެކަމަކު މިހާރު ބާއްވަމުން އަންނަނީ މާލޭ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ