އދ.ގެ އިންސާނީ ޙައްޤުތަކބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން ނިންމާލައިފި

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 57 ވަނަ ސެޝަންގެ ބައްދަލުވުން ނިންމާލައިފިއެވެ.
މި އަހަރުގެ ސެޕްޓެމްބަރ 9 އިން އޮކްޓޯބަރ މަހުގެ 11 އަށް ކުރިއަށް ދިޔަ އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 57 ވަނަ ސެޝަންގައި 37 ޤަރާރެއް ފާސްކޮށްފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި މީގެ ތެރެއިން 16 ޤަރާރެއް ރާއްޖެއިން ވަނީ ކޯ-ސްޕޮންސާކޮށްފައެވެ.
އެގޮތުން އިންޓަނެޓުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ޙިމާޔަތްކުރުމާބެހޭ ޤަރާރާއި، މުޖުތަމަޢުގައި ނުކުޅެދުންތެރިކަމާއި ނިކަމެތިކަން ތަހައްމަލުކުރާ ފަރާތްތަކާއި އުމުރުން ދުވަސްވީ ފަރާތްތައް ހިމެނޭގޮތަށް އިންސާނީ ހައްޤުތައް ފުރިހަމައަށް ހޯދުމަށްޓަކައި އެކަމަށް މަގުފަހިކުރުމާބެހޭ ޤަރާރާއި، ބަޔޯޑައިވާސިޓީ އާއި އިންސާނީ ޙައްޤުތަކާބެހޭ ޤަރާރާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ޙިމާޔަތްކުރުމުގައި ހެޔޮވެރިކަމުގެ ދައުރާބެހޭ ޤަރާރާއި، ލޯކަލް ގަވަމަންޓާއި އިންސާނީ ޙައްޤުތަކާބެހޭ ޤަރާރާއި އަދި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމާ ގުޅޭ ޙައްޤާބެހޭ ޤަރާރު ހިމެނެއެވެ.
އަދި ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ސެޝަންގައި، ތަފާތު ތީމެޓިކް ދާއިރާތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބަޔާންތައް ހުށަހަޅާފައި ވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަހަރުގެ ސެޝަންގައި ދިވެހިރާއްޖެއިން 50 ޖޮއިންޓް ސްޓޭޓްމަންޓެއް ކޯ-ސްޕޮންސަރ ކޮށްފައިވާ ކަމަށެވެ.
އެގޮތުން، އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއި ނޮން އެލައިންޑް މޫވްމަންޓް (ނާމް) ގެ ބަޔާންތަކާއި ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓަށް ބަހުސްކުރުމުގެ ގޮތުން ބޭއްވި އިންޓަރެކްޓިވް ޑައިލޮގްގައި، ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤަޢުމުތަކުގެ ފަރާތުން ދިވެހިރާއްޖެއިން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބަޔާނެއް ހުށަހަޅައިދީފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ފަލަސްޠީނުގައި އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައާއި ހަމަނުޖެހުން ހުއްޓާލުމަށާއި، ފަލަސްޠީނަށް އިސްރާއީލުން ކުރިމަތި ކުރަމުންދާ ލާއިންސާނީ ޙަމާލާތަކަށް ޖަވާބުދާރީކުރުވުމާއި، އެޤަޢުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮވާލާ ޖޮއިންޓް ސްޓޭޓްމަންޓްތަކެއް ކޯ-ސްޕޮންސަރކޮށް، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށާއި އ.ދ.ގެ ރިލީފް އެންޑް ވޯކާސް އެޖެންސީ ފޮރ ޕަލެސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (އަންރުވާ) އުވާލަން ގޮވާލައި އެ އިދާރާއިން ކުރާ މަސައްކަތް ކުށެއްގެގޮތުގައި ކަނޑައެޅުމަށް އިސްރާއީލުން ކުރަމުންގެންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ޖޮއިންޓް ސްޓޭޓްމަންޓެއްވެސް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރކޮށްފައި ކަމަށް ފޮރިން އިން ވަނީ ބުނެފައެވެ.
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 57 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. މީގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ އ.ދ. ގެ ދާއިމީ މިޝަންގެ ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ މަރިޔަމް ފާތިކާ ފަޔާޟް، ތާރޑް ސެކްރެޓަރީ އާމިނަތު ޝަދާ އިބްރާހިމް އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ