ނުރައްކާތެރި ކެމިކަލް މެނޭޖްކުރުމަށް ޚާއްސަ ފެސިލިޓީތަކެއް އުތުރާއި ދެކުނުގައި ޤާއިމުކުރަނީ

ނުރައްކާތެރި ކެމިކަލް މެނޭޖްކުރުމަށް ޚާއްސަ ފެސިލިޓީތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ. މީގެ ފުރަތަމަ މަރުކަޒު މިހާރުވަނީ އައްޑޫ ސިޓީގައި ތަރައްޤީކޮށްފައެވެ.
ނުރައްކާތެރި ކެމިކަލް މެނޭޖްކުރަންޖެހެނީ އާއްމުންނަށް އޭގެ ނުރައްކާ ނުވާގޮތަށް ޚާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. ވޭތުވެދިޔަ ތަނުގައި މިކަން ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު އޭގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާތަކެއްވެސް ހިނގާފައިވެއެވެ. މިކަން ތަކުރާރުވިޔަނުދިނުމަށް ސަރުކާރުން މިހާރުވަނީ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކެމިކަލް ގުދަންކޮށް މެނޭޖްކުރެވޭނެ އިންތިޒާމުތަކާއެކު ޚާއްސަ ފެސިލިޓީތަކެއް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖެއަށް ނުރައްކާތެރި ގިނަ ޢަދަދެއްގެ ކެމިކަލް އެތެރެކުރާކަމަށެވެ. އަދި އެތަކެތި މެނޭޖްކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭކަމަށެވެ. އެގޮތުން މިފަދަ ފުރަތަމަ މަރުކަޒު މިހާރު އައްޑޫ ސިޓީގައި ތަރައްޤީކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމަރުކަޒު މިވަގުތު ވެމްކޯއާއި ހަވާލުކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިމަޝްރޫޢުގެ ދަށުން މިހާރު ރ.ވަންދޫގައިވެސް ނުރައްކާތެރި ކެމިކަލް މެނޭޖްކުރާނެ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ." ވަޒީރު ވިދާޅުވިއެވެ.
ކެމިކަލް ނައްތާލުމަށް ޚާއްސަ އުސޫލުތަކެއް ހެދިފައިވާއިރު ރައްކާތެރިގޮތުގައި ކެމިކަލް މެނޭޖްކޮށް ނައްތާނުލެވޭނަމަ އެއީ ނުރައްކާތެރި ސިއްޙީ އެކި މައްސަލަތަކަށް ހުށައެޅުމުގެ ފުރުސަތު އޮތް ކަމެކެވެ. އެހެންކަމުން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ކެމިކަލް މާއްދާތައް ރައްކާތެރިގޮތުގައި ނައްތާލުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެ ސަރަޙައްދުގެ ފެސިލިޓީއެއް ތިލަފުށީގައި އަދި ދެކުނު ފެސިލިޓީ އައްޑޫގައި ޤާއިމުކޮށް އުތުރުގެ ފެސިލިޓީ ރ.ވަންދޫގައި ޤާއިމުކުރުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ.
ރައްކާތެރިގޮތުގައި ކެމިކަލް މެނޭޖްކުރުމަށް ބާރުއެޅުމުގެ ގޮތުން ރާއްޖޭން މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީގައި ބައިވެރިވެފައިވާކަން ސަރުކާރުން ފާހަގަކުރައްވައެވެ. މިމުޢާހަދާގެ ދަށުން ޢަމަލުކުރުން ލާޒިމުކުރާ ކަންކަމުގެ ތެރޭގައި މަރކިއުރީ ހިމެނޭ އާލާތްތައް ދެނެގަނެ އެތަކެތި ފޭސް-އައުޓްކޮށް އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ޢާލާތްތައް ފާހަގަކުރުމާއި، އެތަކެތި ނައްތާލުމުގައި ކަނޑައެޅިފައިވާ، ތިމާވެށްޓަށާއި އިންސާނުންގެ ސިއްޙަތަށް ރައްކާތެރި މިންގަނޑުތަކަށް އަމަލުކުރުމަށް ބާރުއެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކަން ތަންފީޒުކުރުމަށް މުޢާހަދާގެ ދަށުން މާލީ އެހީ ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ