އައިޕީޔޫގެ މުހިންމު 2 މަގާމަކަށް މަޖިލީހުގެ މެންބަރު އަސްމާ އަދި ސައުދާ އިންތިހާބުވެވަޑައިގެންފި

އިންޓާ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ މުހިންމު ދެ މަގާމަކަށް ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރަކު އިންތިހާބުވެވަޑައިގެންފިއެވެ.
ޖެނީވާގައި މިހާރު ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި އައިޕީޔޫގެ ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްގައި އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލް ކުރުމަށް އިންތިހާބުކޮށްފައި ވަނީ މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދުއެވެ.
ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލް ކުރުމަށް އިންތިހާބުކޮށްފައި ވަނީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ. މި ދެ މަގާމަކީ ވެސް އޭޝިޔާ ޕެސިފިކް ސަރަހައްދުގެ އަންހެން މެންބަރުންނަށް ހުޅުވާލެވުނު ދެ މަގާމެކެވެ.
ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާނޫނުހަދާ މަޖިލިސްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަކާލާތުކުރުމަށް އައިޕީޔޫގައި އުފައްދާފައިވާ ހާއްސަ ޕްލެޓްފޯމެކެވެ. ގާނޫނުހަދާ މަޖިލިސްތަކުގެ ޖުމްލަ މެންބަރުންގެ ތެރެއިން ޒުވާނުންގެ ނިސްބަތަކީ 3 އިންސައްތައަށްވުރެ ކުޑަ އަދަދަކަށްވާތީ، ގާނޫނުހަދާ މަޖިލިސް ތެރޭގައާއި އަދި ދުނިޔޭގެ މައިދާނުގައިވެސް ސިޔާސީ ނިންމުންތައް ނިންމުމުގައި އެމީހުންގެ އަޑު އިއްވުމުގައި މި ފޯރަމްއިން އިސް ދައުރެއް އަދާކުރެއެވެ.
ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމް އަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް ގާނޫނުހަދާ މަޖިލިސްތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވެދީ، އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ސިޔާސަތުތަކާއި ފިޔަވަޅުތަކާ ބެހޭގޮތުން ގާނޫނުހަދާ މަޖިލިސްތަކަށް ލަފާދިނުމަށް އައިޕީޔޫގައި އުފައްދާފައިވާ ގްރޫޕެކެވެ.
މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އައިޕީޔޫގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. ރައްޔިތުންގެ މަޖިލިސް އައިޕީޔޫގެ މެންބަރަކަށްވީ 2005 ވަނަ އަހަރުގައެވެ.
ރައްޔިތުންގެ މަޖިލީހަކީ އައިޕީޔޫގެ މެންބަރު ގައުމުތަކުގެ ތެރެއިން ހަރަކާތްރެރި އެއް ގާނޫނުހަދާ މަޖިލިސްކަމަށް އައިޕީޔޫއިން ފާހަގަކޮށް، މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް އައިޕީޔޫގެ އެސެމްބްލީގައި ދައްކާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ