ސިފައިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ސާބިތުވެފައިވާތީ، އޭނާއާ މެދު ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮތީ ކެތްމަދުވެފައި ކަމަށާއި އެ މައްސަލައިގައި ފިޔަވަޅެއް ނޭޅި އޮތީ ސިވިލް ކޯޓުން ކުރި ހުކުމުގެ ސަބަބުން ކަމަށް ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ގާޒީއާ މެދު ޖޭއެސްސީން ފިޔަވަޅުއެޅުން ލަސްވާ ސަބަބެއް ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ޖޭއެސްސީގެ މެމްބަރުން ހާޒިރުކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް ހުންނެވި އާދަމް މުހައްމަދު ވިދާޅުވީ ފިޔަވަޅު އެޅުމަށް ކެތްނުލެވި ނަމަވެސް، އެ ކޮމިޝަނުން ކަމެއް ނިންމަންޖެހޭނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ކަމަށެވެ. އެ ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުން ފަނޑިޔާރަކާ މެދު ފިޔަވަޅެއް އެޅުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު އެ ފަނޑިޔާރަކަށް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޮތުން އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމާ އެކު، ޖަވާބުދާރީވުމަށް އޭނާ އަށް ވެސް ފުރުސަތު ދިން ކަމަށާއި ނަމަވެސް އޭނާ ކޮމިޝަނަށް އެއްވެސް ޝަކުވާއެއް ހުށަނާޅުއްވައި، މައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓަށް ކަމަށް އާދަމް ވިދާޅުވި އެވެ.
އެ މައްސަލައިގައި އަބްދުﷲ ގާޒީއާ މެދު ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން ހުކުމްކުރުމުން، އެ ހުކުމަށް ތަބާވަންޖެހޭ ކަމަށާއި އެ ހުކުމް ދެމިއޮތްހާ ހިނދަކު އޭނާގެ މައްޗަށް އެ މައްސަލައިގައި ޖޭއެސްސީން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަތައް ހުރުމުން މައްސަލަ ތަހްގީގުކުރެއްވުމުގެ ކުރިން ފިޔަވަޅެއް ނޭޅުއްވީ ކީއްވެތޯ، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ސުވާލުކުރެއްވުމުން އާދަމް ވިދާޅުވީ އެފަދަ ފިޔަވަޅެއް އެޅޭނީ އެ މައްސަލައެއް ތަހްގީގުކުރާ ކޮމިޓީއަކުން އެދުމުން ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީގެ މައްސަލަ ތަހްގީގުކުރި ކޮމިޓީން އެފަދަ ގޮތަކަށް އެދިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީގެ މައްސަލަ ބައްލަވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވީ ޖޭއެސްސީގެ މެމްބަރު އައްޝައިޚް ޝުއައިބު އަބްދުއްރަހްމާނާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަދި އާންމު ފަރުދެއްގެ ހައިސިއްޔަތުން ކުރީގެ އިލެކްޝަންސް ކޮމިޝަނަރު އިބްރާހިމް ރަޝާދެވެ.
ޖޭއެސްސީގެ ރައީސް ވިދާޅުވީ އަބްދުﷲ ގާޒީއާ މެދު ޖުމުލަ 11 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޮމިޝަނުން ނިންމާފައިވާ ސުލޫކީ މައްސަލައަކީ 2009 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި މި އަހަރު ވެސް އަބްދުﷲ ގާޒީއާ ބެހޭ ގޮތުން ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އާދަމް ވިދާޅުވި އެވެ.
ފަނޑިޔާރުން ދާއިމީކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ގަބޫލުކުރައްވަންތޯ އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ސުވާލުކުރެއްވުމުން އާދަމް ވިދާޅުވީ "ފަނޑިޔާރުން އައްޔަންކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާނީ ކޯޓަކުން" ކަމަށާއި "އަދި މިހާ ހިސާބަށް ކޯޓަކުން އެފަދަ ނިންމުމެއް ނިންމާފައި ނެތް" ކަމަށެވެ.
ފަނޑިޔާރުން ދާއިމީކުރެއްވުމަށް އެކުލަވާލި މިންގަނޑު ވެސް ފާސްކުރީ ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ކަމަށާއި މިހާރު މައްސަލަ ޖެހިގެން އުޅޭ އަބްދުﷲ ގާޒީގެ ޝަރުތު ހަމާވާކަމަށް ނިންމީ ވެސް ކޮމިޝަނުގެ އަޣުލަބިއްޔަތުން ކަމަށް އާދަމް ވިދާޅުވި އެވެ. އަދި އޭނާއަކީ ޝަރުތު ހަމަނުވާ ފަނޑިޔާރެއް ކަމަށް މިހާތަނަށް އެއްވެސް ކޯޓަކުން ނިންމާފައި ނެތުމުން، އޭނާ އަކީ ފަނޑިޔާރެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.
މިހާރު އުފެދިފައިވާ މައްސަލަ ހައްލުކުރެއްވުމަށް، ޖޭއެސްސީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ މަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ކުރެއްވީ ކޮންމެ ކަމެއްތޯ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ ސުވާލުކުރެއްވުމުން ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި މިހާރު އުފެދިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި އެ ކޮމިޓީތަކުގެ މަސައްކަތް ނިމުމުގެ ކުރިން މި މައްސަލައިގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެއްވެސް ވާހަކައެއް ވިދާޅުނުވުމަށް ކައުންސެލް ޖެނެރަލް ލަފާދެއްވާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމަށް އިދިކޮޅު ޕާޓީތަކުގެ އެއްވެސް މެމްބަރެއް ވަޑައެއްނުގަންނަވަ އެވެ. އެއީ ޖޭއެސްސީގެ މެމްބަރުން ހާޒިރުކުރަން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ބައްދަލުވުމުގައި އެ ބޭފުޅުން ހުށަހެޅި ކަންކަން އެމްޑީޕީގެ މެމްބަރުން ގަބޫލުނުކުރެއްވުމުންނެވެ. އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ބޭނުންފުޅުވީ ޖޭއެސްސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސިއުޓާ ޖެނެރަލް ވެސް ކޮމިޓީ އަށް ހާޒިރުކުރުމަށެވެ.
އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅަން މި ތިބީ ކެތްނުލަވާފައި: ޖޭއެސްސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ