އާތު އަވާ 2009: ހޮނިހިރު ދުވަހު ހަވީރު 00: 4 ން އެ ރޭ 00: 12 އަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި

މި އަހަރުގެ އާތު އަވާ ފާހަގަކުރުމަށް ރާއްޖޭގައި ހިންގާ ޕްރޮގްރާމާ ގުޅުވައިގެން، ހޮނިހިރު ދުވަހުގެ ހަވީރު 00: 4 ން މެންދަމު 00: 12 ށް، ފައިމަގުގައި އުޅޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ މެދު މީހުން ހޭލުންތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ "އާތު އަވާ"އާ ގުޅުވައިގެން، ހޮނިހިރު ދުވަހުގެ އަށް ގަޑިއިރު ފައިމަގުގައި އުޅޭ ގޮތަށްވަނީ ނިންމާފަ އެވެ.
"ދުއްވާ އެއްޗެހި މިހާ ބޮޑަށް ގިނަވެފައިވާއިރު މަގުމަތި ވީހާ ވެސް ބޮޑަކަށް އަމާން ތަނަކަށް ހެދުމަށާއި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި މި ދުވަހު މި އަށް ގަޑިއިރުގެ ތެރޭގައި، ހުއްދަ ދެވިގެން ކޮންމެހެން ބޭނުންކުރަން ޖެހިވަޑައިގަންނަވާ ވެހިކަލެއް ފިޔަވައި ރާއްޖޭގެ އެއްވެސް ތަނެއްގައި ދުއްވާ އެއްޗެހި ބޭނުން ނުކުރެއްވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ،" ނޫސް ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ އެ ވަގުތު ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި ނަމަވެސް، ދުއްވާ އެއްޗެއް ކޮންމެހެން ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައި ބޭނުންކުރުމަށް ހާއްސަ ހުއްދައެއް ޓެކްސީ ސެންޓަރުތަކަށް ދޫކުރާނެ އެވެ. އަދި ސަލާމަތީ ކަންތައްތަކާއި އަލިފާނުގެ ހާދިސާތަކާއި ސިއްހީ އިމަޖެންސީތަކަށް އެމްބިއުލެންސާއި އަލިފާން ނިއްވުމަށް ބޭނުންކުރާ އުޅަނދުތައް ބޭނުންކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއްގެ ކުރިން އުޅަނދުތައް ޕާކިން ޒޯނުގައި ޕާކުކުރުމަށް ނުވަތަ ގަރާޖުތަކަށް ވެއްދުމަށް އިލްތިމާސްކުރާ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން އެދިފައިވެ އެވެ.
އެ މިނިސްޓްރީންގެ ޕްރޮޖެކްޓް އޮފިސަރު ސިޔާނާ ސަލީމް ބުރާސްފަތި ދުވަހު ވިދާޅުވީ ފައިމަގުގައި އުޅެން ހަމަޖައްސާފައިވާ ވަގުތުކޮޅުގެ ތެރޭގައި ފުލުހުންނާއި ސިފައިން މަގުމަތީގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.
"ފުލުހުން އާއްމުންނަށް ބާރުއަޅާނެ ވެހިކަލް ޕާކުކޮށްފައި ފައިމަގުގައި އުޅެން،" އޭނާ ވިދާޅުވި އެވެ. "މާލޭގައި ހާއްސަ ހުއްދައިގެ ގޮތުގައި ކޮންމެ ޓެކްސީ ސެންޓަރަކަށް ދެ ސްޓިކާ ދޫކުރާނެ. އެއީ އިމަޖެންސީކޮށް ކުރަންޖެހޭ ދަތުރުތަކަށް، މިސާލަކަށް އެއާޕޯޓަށް ދިޔުން ނުވަތަ އިމަޖެންސީގައި ހޮސްޕިޓަލަށް ދިޔުން ކަހަލަ. ރަށްރަށުގައި ރަށު އޮފީހުން ދޭ ހުއްދައެއް ލިބޭ މީހުންނަށް ދަތުރުކުރެވޭނީ."
އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ރާއްޖޭން ޖައްވަށް ދޫކުރާ ގޭހުގެ މިންވަރު ދުނިޔޭގެ ނިސްބަތުން ކުޑަ ނަމަވެސް، އާތު އަވާ ފާހަގަކުރުމުގެ ހަރަކާތުގައި ރާއްޖޭން ފުޅާ ދާއިރާއެއްގައި ބައިވެރިވުމަކީ ރާއްޖެއާ މެދު ބައިނަލްއަގްވާމީ ސަމާލުކަން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
އާތު އަވާ ފާހަގަކުރާނީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހު އެ ގައުމެއްގެ ރޭގަނޑު 30: 8 ން 30: 9 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ