ހދ. ކުޅުދުއްފުއްޓަށް މިދިޔަ ހުކުރު ދުވަހު ވަޑައިގެންނެވި އެނާޖީ މިނިސްޓަރު އަހުމަދު އަބްދުﷲ އަށް އެ ރަށުގައި ބަޔަކު ހަމަލަދީ މާރާމާރީ ހިންގި މައްސަލައިގައި 29 މީހަކު ހައްޔަރުކޮށް ތަހުގީގަށް މާލެ ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވާ އަހުމަދު އަބްދުﷲ އަށް ހަމަލަދީ އަނިޔާތަކެއް ދިން ކަމުގެ ތުހުމަތުގައި 31 މީހަކު ސުވާލުކުރަން ގެންދިޔަ އެވެ. އެހެން ނަމަވެސް ރޭ ދަންވަރު މާލެ ފޮނުވާލައިފައި ވަނީ އޭގެ ތެރެއިން 29 މީހެކެވެ. އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ މި ރަށުގެ ފިރިހެނުންނެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ނުދެ އެވެ.
މިނިސްޓަރު އަހުމަދު އަބްދުﷲ އަށް މި ރަށުގެ ބަޔަކު އަނިޔާކުރީ ކީއްވެކަން އަދި ވަނީ މުޅިން ސާފުވާ ގޮތް ނުވެފަ އެވެ. ނަމަވެސް، މި ރަށު ބަޔަކު އެމަނިކުފާނާ ދެކޮޅަށް މާރާމާރީ ހިންގައިފައި ވަނީ ޒުވާނުންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި އުފެދުނު ހަމަނުޖެހުމާ ގުޅިގެންނެވެ.
ކުޅުދުއްފުއްޓަށް ކޮށްދެއްވާނެ ކަމަށް އެކި ފަހަރުމަތިން އަހުމަދު އަބްދުﷲ ވިދާޅުވެފައިވާ ބައެއް ކަންތައްތަކުގެ ވާހަކަ އެ ގްރޫޕްގެ ބައެއް މީހުން ބުނުމުން، އެއީ ނުދައްކަވާ ވާހަކަތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ބުނެ އެވެ. އެހެންވެ، ބައެއް މީހުން އަހުމަދު އަބްދުﷲގެ އިސްތިއުފާއަށް ގޮވައި، "ރަށުން މިހާރު ބާލަންވީ ކަމަށް" ބުނެ ބައެއް މީހުން އެތާނގެ ތެރޭގައި އަޑުގަދަކޮށްފައި ވެ އެވެ. އެ ހިސާބުން ބައްދަލުވުން ބޭއްވި އަތޮޅުގެއިން ގަދަކަމުން މިނިސްޓަރު ނެރެ، ފާލަން ކައިރިއަށް ގެންދިޔައީ އެވެ.
ފާލަމަށް ގެންދިޔަ މަގުމަތީގައި މިނިސްޓަރުގެ ހަށިކޮޅަށް އެކިއެކި އަނިޔާތައް އެ ރަށުން ވަނީ ދީފަ އެވެ. އޭގެތެރޭގައި ގައިކޮޅުގައި ސިނގިރޭޓް ބުރި ޖެއްސުމާއި ތެޅުމުގެ އިތުރުން ވެލި ވެސް އުކުން ހިމެނެ އެވެ. އެއް ބަޔަކު ބުނާ ގޮތުން މިނިސްޓަރު ރަށުން ބޭލީ "ވަރަށް އިހާނެތިކޮށެ"ވެ.
މިނިސްޓަރު އަހުމަދު އަބްދުﷲ އަށް ހަމަލަދިން މައްސަލައިގައި 29 މީހަކު ހައްޔަރުކޮށް މާލެ ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ