ޕެޓްރޯލާއި ޑީސަލް ލިޓަރެއްގެ އަގު 10.30ރ. އަށް ބޮޑުކޮށްފި

ޕެޓްރޯލާއި ޑީސަލް ލިޓަރެއްގެ އަގު 10.30ރ. އަށް އަދި ކަރާސީނު ލިޓަރެއްގެ އަގު 11.30ރ. އަށް މިއަދުން ފެށިގެން އެސްޓީއޯ އިން ބޮޑުކޮށްފި އެވެ. މިއީ ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި މި ބާވަތްތަކުގެ އަގު މައްޗަށް ނުދާހާ މަތީ މިންވަރެކެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެކޮށް ވިއްކާ ކުންފުނިން ބުނި ގޮތުގައި ޕެޓްރޯލް ލިޓަރަކުން މިއަދު ބޮޑުކުރީ 45 ލާރި އެވެ. ޑީސަލް ލިޓަރަކުން 30 ލާރި ބޮޑުކުރިއިރު ކަރާސީނު ލިޓަރަކުން ދެ ރުފިޔާ ބޮޑުކޮށްފައި ވެ އެވެ.
އާންމުންނާއި ސަރުކާރު ހިއްސާވާ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ތެލުގެ ބާވަތްތަކުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ ބާވަތްތަކުގެ އަގު ރިކޯޑު މިންވަރަކަށް މައްޗަށް ދިއުމާ ގުޅިގެންނެވެ.
"ސިންގަޕޯ ޕްލެޓްސް އަށް ބަލާއިރު ޑީސަލް އަދި ޕެޓްރޯލްގެ އަގު، ނޮވެމްބަރު މަހު އެވްރެޖް އުޅުނީ 105.86 ޔޫއެސް ޑޮލަރުގައި. ކަރާސީނު އުޅުނީ 112.89 ޑޮލަރުގައި. މީގެ އިތުރުން ތެޔޮ ސާފުކުރުމާއި ތެޔޮ އުފުލުމުގެ އަގުތައް ވަނީ މައްޗަށް ގޮސްފައި،" އެސްޓީއޯގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ވާގޮތުގައި އެމެރިކާ ޑޮލަރުގެ އަގު ވަރަށް ބޮޑުތަން ދަށަށް ދިއުމުގެ ސަބަބުން ވެސް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވެ އެވެ.
އެސްޓީއޯ އިން މިދިޔަ މަހުގެ 12 ވަނަ ދުވަހު ޕެޓްރޯލް ލިޓަރަކުން 60 ލާރި އަދި ޑީސަލް ލިޓަރަކުން 90 ލާރި ބޮޑުކުރި އެވެ. އަދި ކަރާސީނުގެ އަގު ވެސް އޮކްޓޫބަރު ދެ ވަނަ ދުވަހު އެސްޓީއޯ އިން ބޮޑުކޮށްފައި ވެ އެވެ.
ތެލުގެ ބާވަތްތަކުގެ އަގަށް މިއަދު ބަދަލު ގެނައުމުގެ ކުރިން ޕެޓްރޯލް ލިޓަރެއް ވަކިން ވިއްކަމުން އައީ 9.85ރ. އަށް އަށެވެ. އަދި ޑީސަލް ލިޓަރެއް 10ރ. އަށް ވިއްކިއިރު ކަރާސީނު ލިޓަރެއް ވިއްކައިފައި ވަނީ 9.30ރ. އަށެވެ.
އެސްޓީއޯ އިން އިއުލާނުކުރާ އަގުތަކަކީ އެ ކުންފުނީގެ 66.67 ޕަސެންޓް ހިއްސާވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހަމައެކަނި މާލޭގައި ތެޔޮ ރީޓެއިލްކޮށް ދޫކުރާ އަގުތަކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ އަށް ތެޔޮ އެތެރެކޮށް ވިއްކާ ބައެއް އެހެން ފަރާތްތަކުން ވެސް ތެލުގެ އަގަށް މިއަދު ވަނީ ބަދަލު ގެނެސްފަ އެވެ.
ޓެކްސީ ދަތުރެއްގެ އަގު، މިއަދުން ފެށިގެން 20ރ. އަށް ބޮޑުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ ހުއްދަ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ