ޔުމްނު ވެއްޓުނު ހާދިސާ: ދަންވަރުން ފެށިގެން ޔުމްނު ހޮސްޕިޓަލަށް ގެންދިއުމާ ހަމައަށް ވީޑިއޯއިން ފެންނަ މަންޒަރު ޔުމްނު ވެއްޓުނު ހާދިސާ: ދަންވަރުން ފެށިގެން ޔުމްނު ހޮސްޕިޓަލަށް ގެންދިއުމާ ހަމައަށް ވީޑިއޯއިން ފެންނަ މަންޒަރު

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް އޭޕްރީލް 18، ވަނަ ދުވަހު ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ހަގީގަތް އަދި ވެސް އޮތީ ފޮރުވިފަ އެވެ.
ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ގޮތް މުޅިން ސާފުނުވާއިރު، އެ މައްސަލައިގައި ޖަވާބު ނުލިބޭ ސުވާލުތައް އެހާ ގިނަ އެވެ. އެއް ބަޔަކު ތުހުމަތު ކުރާ ގޮތުގައި ބަޔަކު ޔުމްނު ވައްޓާލީ އެވެ. ފުލުހުން ބުނަނީ ޔުމްނު ވެއްޓުމުގައި އިތުރު މީހެއްގެ ބައިވެރިވުން ނެތް ކަމަށެވެ.
ޔުމްނު ވެއްޓުނު އިރު އޭނާއާއެކު ހުރި ކަމަށް މިހާތަނަށް ބެލެވިފައި އޮތީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް އެކަންޏެވެ. ފުލުހުން އާންމު ކުރި ވީޑިއޯތަކުން ވެސް ޔުމްނުއާއެކު ފެންނަނީ ރައުދު އެކަންޏެވެ.
އެކަމަކު، ލިބުނު އަނިޔާތަކަށް މެލޭޝިޔާގައި ފަރުވާދެމުން އަންނަ ޔުމްނުއާ ހަވާލާދީ އޭނާގެ އާއިލާއިން ދާދި ފަހުން ބުނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓުނުއިރު، ރައުދުގެ އިތުރުން ވެސް އެހެން ބަޔަކު ވެސް ތިބި ކަމަށެވެ. އެއީ އޭގެ ކުރިން ރޭ ޔުމްނުއާއެކު ހަރަކާތްތެރި އަށް މީހުންގެ ތެރެއިން ހަތަރު މީހުން ކަމަށް ޔުމްނުއާ ހަވާލާދީ އާއިލާއިން ބުންޏެވެ.
ޔުމްނު އާއި ރައުދު ފެންޓެނޯއީއަށް ވަންނަ ކަމަށް ބެލެވެނީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އޭގެ ކުރިން ހަތަރު މީހަކު ހ. ކަށިވެލި ކިޔާ ގެއަކަށް ދިޔަ އެވެ. އެއީ ޔުމްނުއާއެކު އުޅުނު މީހުންގެ ތެރެއިން އެކެއްގެ ގެ އެވެ. ފުލުހުން ބުނާ ގޮތުގައި ކަށިވެލީގައި އެ ހަތަރު މީހުން ހޭދަ ކުރީ 10 ވަރަކަށް މިނެޓެވެ.
އޭގެ ކުރިން ޔުމްނު އާއި އޭނާއާއެކު އުޅުނު މީހުން ދިޔައީ މއ. މާންދޫގޭދެކުނު ގެއަށެވެ. ގިނަ ވަގުތު ހޭދަ ކުރީ އެ ގޭގަ އެވެ. މާންދޫގޭދެކުނު ގޭގައި ޔުމްނުއާއެކު ނުވަ މީހުން ހަރަކާތްތެރިވުމަށްފަހު، ގްރޫޕު ބައިވެ، ކަށިވެއްޔަށް ދިޔައީ ޔުމްނުއާއެކު ހަތަރު މީހުން ކަމަށް ފުލުހުން ބުނެ އެވެ. ފެންޓެނޯއީއަށް އޭގެ ފަހުން ދިޔައީ ޔުމްނު އާއި ރައުދު އެކަނި ކަމަށް ފުލުހުން ބުނެ އެވެ.
އެހެންކަމުން ފުލުހުން އަދި ޔުމްނުގެ އާއިލާއިން ބުނާ ބަހުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުއްޓެވެ. އެ ވާހަކަތައް އެހެން ދެކެވެމުން ދަނިކޮށް، އަދަދު އަށް ވަނީ ފެންޓެނޯއީ ގޭގެ ދޮރުމަތި ފެންނަ ވީޑިއޯ ފުޓޭޖެއް ލިބިފަ އެވެ. ވީޑިއޯ ފުޓޭޖު ފެށެނީ ދަންވަރު 2:40 ގަ އެވެ. ފުޓޭޖު ނިމެނީ ހެނދުނު 8:31 ގަ އެވެ.
އެ ވީޑިއޯ ފުޓޭޖަކީ އެއްވެސް މިންވަރަކަށް އެޑިޓުކޮށްފައިވާ ފުޓޭޖެއް ނޫން ކަން މި ނޫހުން ބެލި ބެލުމުން މިހާތަނަށް އެނގިފައިވެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ އެ ވީޑިއޯގައި ފެންނަ މަންޒަރުތަކަށެވެ.
ފުލުހުން ބުނާ ގޮތުން ޔުމްނު އާއި އޭނާއާއެކު އުޅުނު ގްރޫޕުން މާންދޫގޭދެކުނުގެއިން ނުކުތީ ފަތިހު 3:40 ހާއިރު އެވެ. އެއަށްފަހު ޔުމްނު، އަދި އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ރައުދު ހިމެނޭހެން ހަތަރު މީހަކު އަމީނީ މަގުގައި ހުންނަ ގ. ކަށިވެލި ގެއަށް ދިޔަ ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް ފުލުހުންގެ އެ ވާހަކަތަކަށް ބާރުދޭނެ ވީޑިއޯއެއް ފުލުހުން އާންމެއް ނުކުރެ އެވެ. އަދި މި ނޫހަށް ވެސް އެފަދަ ވީޑިއޯއެއް ފެނިފައެއް ނުވެ އެވެ.
ކަށިވެލިގޭގައި ހުރި ކެމެރާތަކުގެ ފުޓޭޖުތައް ބެލި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި 4:10 ހާއިރު، ރައުދު އާއި ޔުމްނުގެ އިތުރުން ޔައްސާރު އަދި މި މައްސަލައިގައި ހިމެނޭ އައިމިނަތު ޖުނައިނާ ޖަމްޝީދު، ކަށިވެލިގޭގައި ތިއްބެވެ.
ފުލުހުން ބުނި ވާހަކަތަކާއި އެ ވާހަކަތައް ދިމާވެ އެވެ.
ކަށިވެލި ގެއިން ނުކުމެގެން ރައުދު އަދި ޔުމްނު ފެންޓެނޯއީއަށް ދިޔައީ އެކަނި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން އާންމު ކުރި ވީޑިއޯތަކުން ވެސް އެ މަންޒަރު ފެނެ އެވެ. މި ނޫހުން ބެލި ފެންޓެނޯއީ ގޭގެ ދޮރުމަތި ފެންނަ ކެމެރާއަށް ޔުމްނު ފުރަތަމަ އަރަނީ އެ ރޭ 4:29 ގަ އެވެ. އޭގެ މިނެޓެއްހާއިރު ފަހުން އެ ވީޑިއޯއިން ރައުދު ފެނެ އެވެ.
އޭރު ޔައްސާރު އަދި ޖުނެއިނާ ތިބި ތަނެއް ކަށަވަރެއް ނޫނެވެ. ނަމަވެސް އެ ދެ މީހުން ވެސް ކަށިވެލި ގެ ދޫކޮށް ދިޔަ ކަމަށް ބައެއް މީހުން ބުނެ އެވެ. ނަމަވެސް އެކަން ކަށަވަރު ކުރާނެ އެއްވެސް ވީޑިއޯއެއް މި ނޫހަށް މިހާތަނަށް ފެނިފައެއްނުވެ އެވެ.
މި ނޫހަށް ލިބިފައިވާ ފެންޓެނޯއީ ގޭގެ ދޮރުމަތި ފެންނަ ފުޓޭޖު ފެށެނީ އެ ރޭ ދަންވަރު 2:40 ގަ އެވެ.
އެ ވީޑިއޯ ފުޓޭޖުން ފެންޓެނޯއީއަށް ފުރަތަމަ ވަންނަ މީހަކަށް ފެންނަނީ ޔުމްނު އެވެ. ދެން ރައުދު އެވެ. އޭގެ ފަހުން އަދި އޭގެ ކުރިން ވެސް އިތުރު މީހަކު އެ ގެއަށް ވަންނަތަނެއް ނުފެނެ އެވެ.
އެ ގެއިން ފުރަތަމަ ފަހަރަށް މީހަކު ނުކުންނަނީ ފަތިހު 4:55 ގަ އެވެ. އެއީ އެ ގޭގެ ތިރީ ފަންގިފިލާއެއްގައި ދިރިއުޅޭ މީހެކެވެ. އޭނާ ނުކުންނަނީ ފަތިސް ނަމާދަށް ދިޔުމަށެވެ.
އޭގެ ވިއްސަކަށް ސިކުންތު ފަހުން ރައުދު އެ ގެއިން ނުކުމެ އެވެ. ޔުމްނު އަދި ރައުދުއާއެކު އޭގެ ކުރިން ރޭ އުޅުނު އިތުރު މީހަކު އެ ގެއަށް ވަންނަ ތަނެއް އެ ވަގުތުތަކަކު ނުފެނެ އެވެ. އެ ގްރޫޕުގައި ނުހިމެނޭ މީހަކު އެ ގެއަށް ވަންނަ މަންޒަރު ވެސް ވީޑިއޯއަކުން ނުފެނެ އެވެ.
ފަތިސް ނަމާދަށް ދިޔަ، އެ ގޭގައި ދިރިއުޅޭ މީހާ އެނބުރި ގެއަށް އަންނަނީ ހެދުނު 6:27 ގަ އެވެ. ގެއަށް ވަނުމުގެ ކުރިން އެ މީހާ ޔުމްނު ވެއްޓިފައި އޮތް ފުރާޅާ ދިމާލަށް މައްޗަށް ބަލަ އެވެ.
އެ މީހާ ދެވެނަ ފަހަރަށް ގެއިން ނުކުމެ އެވެ. އޭރު އޭނާ ހުރީ ލައިގެން ހުރި އެއްޗެހި ބަދަލުކޮށް ދުވަން ނުވަތަ ކަސްރަތު ކުރުމަށް ޓީޝާތަކާއި ސޯޓެއްލާ ބޫޓަށް އަރައިގެންނެވެ. އެއީ ގަޑިން 6:51 ގަ އެވެ. އެފަހަރު ވެސް އޭނާ ފުރާޅާ ދިމާލަށް ބަލަ އެވެ. ނަމަވެސް މަޑުނުކޮށް އެ ތަނުން ދާތަން ފެނެ އެވެ. އެ މީހާ ދެން އެނބުރި އަންނައިރު ގޭ ކައިރި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެ އެވެ. އޭނާ އާ ވާހަކަ ދެއްކުމަށް މި ނޫހުން ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެ އެވެ.
މި މީހާ ދުވަން ނުކުތް ފަހުން އެ ގެއަށް ދެން ވަންނަނީ ޔުމްނު ފުރާޅު މަތީ އޮތް މަންޒަރު ފެނިގެން ބަޔަކު ރިޕޯޓު ކުރުމުން ސީނަށް ދިޔަ ފުލުހުންނެވެ.
މި ނޫހަށް ލިބުނު ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި ފެންޓެނޯއީއަށް ފުލުހުން ދިޔައީ ހެދުނު 7:29 ގަ އެވެ. ސީނަށް ފުރަތަމަ އެޓެންޑު ވަނީ ފިރިހެން އަދި އަންހެން ފުލުހެކެވެ. ދެ އޮފިސަރުން ފުރަތަމަ ވަންނަނީ ފެންޓެނޯއީ ގޭގެ ކުރިމަތީ ހުންނަ އިމާރާތަކަށެވެ.
ޔުމްނު ވެއްޓިފައި އޮތް މަންޒަރު ފެނިގެން ފުލުހުންނަށް އެކަން ރިޕޯޓުކުރީ އެ އިމާރާތުގައި އުޅޭ މީހެއް ކަމަށް ބެލެވެ އެވެ.
އެ ގެއިން ނުކުމެ، މަގު ހުރަސްކޮށް ފުލުހުން ފެންޓެނޯއީ އަށް ވަންނަނީ 7:32 ގަ އެވެ. ފުލުސް އޮފިސަރަކު ގެއަށް ވަދެ ނުކުމެ، ޔުމްނު ވެއްޓިފައި އޮތް ފުރާޅާ ދިމާލަށް ބެލުމަށްފަހު އަނެއްކާ ވެސް އެ ގެއަށް ވަދެ އެވެ. އޭގެ ފަހުން ފެންޓެނޯއީ ގޭގައި ދިރިއުޅޭ ބައެއް މީހުން އެ ގެއިން ނުކުމެ، ވަންނަ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
ފުލުހުން އެހީއަށް އެދުމުން އެތަނަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ވެހިކަލެއް އަންނަނީ ގަޑިން 7:40 ގަ އެވެ.
ޔުމްނު ފުރާޅުމަތީ އޮއްވައި އޭނާ ކައިރިއަށް މީހަކު އަރާ އުޅޭ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ކުރިން ވައިރަލްވި އެވެ. އެއީ ކާކުތޯ އަދި އޭނާ އެ ކުރަނީ ކަމަކާމެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. މީގެ ކުރިން ފުލުހުން ބުނެފައިވަނީ އެއީ ސީނަށް އެޓެންޑުވި ރެސްކިއު އޮފިސަރެއް ކަމަށެވެ.
ވީޑިއޯ އިން މިކަން ކަށަވަރުވެ އެވެ. އެ އޮފިސަރު އެމްއެންޑީއެފްގެ ވެހިކަލް އިން ފައިބާތަން އަދި ހަރުގަނޑު ހިފައިގެން ފެންޓެނޯއީއަށް ވަންނަ ތަން ވީޑިއޯ އިން ފެނެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ އިން ފެންނަނީ އެ ހަރުގަނޑެވެ. ސިފައިން ޔުމްނު އޮތް ފުރާޅަށް އެރީ ފެންޓެނޯއީ ގޭގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގެ ކުޑަދޮރުން ހުރަހަށް ހަރުގަނޑު ބާއްވައިގެންނެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އަދި އެ ސަރަހައްދަށް ސިފައިން އައިސް ހަރަކާތްތެރިވާ މަންޒަރު ---
ޔުމްނު ހޮސްޕިޓަލަށް ގެންދިއުމަށް އެތަނަށް އެމްބިއުލާންސް ދިޔައީ 7:53 ހާއިރެވެ. ކެމެރާ ފްރޭމަށް އެމްބިއުލާން ނޭރިޔަސް އެތަނަށް ދިޔަ ނަރުހާއި ޑްރައިވަރު ފެނެ އެވެ. ބެލެވޭ ގޮތުގައި އެމްބިއުލާންސް ބާއްވާފައި އޮތީ ބުރުޒު މަގާއި ކަލާފާނު ހިނގުން ގުޅޭ ކަންމަތީގަ އެވެ.
ފުރާޅުން ބާލައިގެން ފެންޓެނޯއީ ގޭގެ ކުރިމަތީ ބަހައްޓާފައި ހުރި ސްޓްރެޗަރަށް ޔުމްނު އެރުވީ ގަޑިން 8:00 ޖެހި އިރު އެވެ. އޭނާ ހޮސްޕިޓަލަށް ގެންދަން އެ ސަރަހައްދުން ގެންދިޔައީ ހަމަ އެ ވަގުތު އެވެ.
އޭގެފަހުން އެ ސަރަހައްދަށް އާންމުންގެ މަދު ބަޔަކު އެއްވެ، ވާހަކަ ދައްކަން ތިބޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އަދި، ފުލުހުންގެ ފޮރެންސިކު ޓީމެއް ވެސް ފެންޓެނޯއީ އަށް އާދެ އެވެ. ނަމަވެސް އެ ގެ ކްރައިމް ސީނެއްގެ ގޮތުގައި ބަންދުކޮށް ވަދެ ނުކުތުން މަނާ ކުރާ ތަނެއް ފުޓޭޖުތަކުން ނުފެނެ އެވެ.
މި ނޫހަށް ލިބިފައިވާ ފުޓޭޖުތައް ނިމެނީ 8:30 ހާއިރު އެވެ. އޭރު ފުލުހުންގެ ޓީމަކުން ދިޔައީ ފެންޓެނޯއީ ގޭގެ އެތެރޭގައި ހަރަކާތްތެރިވަމުންނެވެ. ގޭގެ ބޭރުން ފެންނަން ހުރި ފުރަތަމަ ސީނަށް އެޓެންޑުވި އަންހެން ފުލުސް އޮފިސަރު އެކަންޏެވެ.
ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ ކުޑަ އިރުކޮޅެއް ފަހުން ރައުދު އެ ގެއިން ނުކުންނަ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. އެއިރު ގަޑިން 4:55 އެވެ.
ރައުދަށް ވުރެ ކުރިން އެހެން މީހަކު ވެސް އެ ގެއިން ނުކުމެ އެވެ. މި ނޫހުން އެކި މީހުންނާ ސުވާލު ކުރުމުން ބުނީ އެއީ އެ ގޭގައި ކުއްޔަށް އުޅޭ މީހެއް ކަމަށެވެ. އޭނާ ގެއިން ނުކުންނަނީ ރައުދަށް ވުރެ ސިކުންތުތަކެއް ކުރިންނެވެ.
ފެންޓެނޯއީ ގެއިން ނުކުތް ގޮތަށް ރައުދު ބަލަނީ މައްޗަށެވެ. އޭނާ ބަލަނީ ފެންޓެނޯއީ އަދި، ޔުމްނު އޮތް ހ. މިޓާޒްގޭގެ ފުރާޅާ ދިމާލަށެވެ. އަދި ޔުމްނު އަށް ގޮވާ ކަމަށް ބެލެވޭ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.
އޭގެ ފަހުން ރައުދު ގޮސް އިށީންނަނީ އެ އިމާރާތުގެ ކުރިމަތީ ހުރި ސައިކަލެއްގަ އެވެ. އޭރު ރައުދު އަތުގައި އޭނާގެ ފޯނު އޮތެވެ.
ފެންޓެނޯއީ އިމާރާތުގެ ތިރީގައި ހުންނަ ބުރުޒު ކޭޓަރިންގައި މަސައްކަތް ކުރާ މީހުންގެ ހަރަކާތްތައް ވެސް ކެމެރާއަށް އަރާފައިވެ އެވެ. އެގޮތުން ރައުދު، ޔުމްނުއަށް ގޮވާ އަޑަށް އެ ތަނުން އެކަކު ފެންޓެނޯއީގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ބޯދިއްކޮށްލަ އެވެ. އޭރު މަގުމަތީ ހުރި ބުރުޒުގެ މުވައްޒަފަކާ ރައުދު ވާހަކަ ދައްކަ އެވެ.
ނިވިފައި އޮތް ފޯނު ދެއްކުމަށް ފަހު ރައުދު އިޝާރާތް ކުރަނީ ފުރާޅާ ދިމާލަށެވެ. ބޮޑަށް ހީވަނީ ފޯނު ކޯލެއް ކުރަން އެދެނީ ކަމަށެވެ. ބުރުޒުގެ މުވައްޒަފު އެކަމަށް ދެކޮޅު ހަދައި އެ ތަނުން ދުރަށްދެ އެވެ. އެއަށްފަހު ވެސް ރައުދު މައްޗަށް ބަލަން ހުއްޓެވެ. ދޮޅު މިނެޓެއް ހާއިރު މަގުމަތީ އުޅުމަށް ފަހު ރައުދު އަނެއްކާ ވެސް ވަންނަނީ ފެންޓެނޯއީ އަށެވެ.
ދެވަނަ ފަހަރަށް ރައުދު އެ ގެއިން ނުކުންނަނީ އޭގެ ތިން ވަރަކަށް މިނެޓު ފަހުންނެވެ. އެ ފަހަރު ވެސް އޭނާ ނުކުމެ ބަލަނީ މައްޗަށެވެ. އޭގެ 30 ސިކުންތު ފަހުން ގޭގެ ދޮރުމައްޗަށް ދިޔުމަށް ފަހު ދަނީ ކަލާފާނު ސްކޫލާ ދިމާލަށެވެ.
ފެންޓެނޯއީ ގޭ ކައިރިއަށް ރައުދު އަނެއްކާ އެނބުރި އަންނަނީ 5:03 ގަ އެވެ. އެނބުރި އައިސް އޭނާ ފުރަތަމަ ދަނީ ފެންޓެނޯއީގޭގެ ދޮރު ހުރަސްކޮށް ހުޅަނގަށެވެ. ގޮސް މަޑުކުރަނީ ފެންޓެނޯއީ ގެއާ ޖެހިގެން އޮންނަ ގޯޅިން އޭރު ނެރެފައި އޮތް ބުރުޒު ކޭޓަރިންގެ ވޭން ކައިރި އެވެ. އާންމުކުރި ވީޑިއޯގައި ފެންނަ މީހާ އަކީ އެ ތަނުގެ މުވައްޒަފެކެވެ.
އެ ވެހިކަލް ކައިރި ހުރުމަށް ފަހު ދުވެފަ ކަހަލަ ގޮތަކަށް ރައުދު އަނެއްކާ ވެސް އައިސް ފެންޓެނޯއީ އަށް ވަދެ އެވެ. މިފަހަރު ރައުދު އެ ގޭގައި ހަތަރު ވަރަކަށް މިނެޓު ހޭދަކުރި އެވެ. މިފަހަރު ނުކުމެ ވެސް ރައުދު މައްޗަށް ބަލާ ކޮންމެވެސް ވާހަކައެއް ދައްކާ މަންޒަރު ފެނެ އެވެ.
އެހެން ދެތިން މިނެޓު ހޭދަކުރުމަށް ފަހު އޭނާ އަނެއްކާ ވެސް ފެންޓެނޯއީއާ ދިމާލަށް އާދެ އެވެ. އޭރު އޭނާ ހުރީ ފޯނުން މީހަކަށް ގުޅައިގެންނެވެ. ފޯނުން ވާހަކަ ދައްކާތަން ވެސް ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. މިއީ މި ނޫހަށް ލިބިފައިވާ ކެމެރާ ފުޓޭޖަށް ރައުދު އަރާ ފަހު ފަހަރެވެ.
ޔުމްނު ވެއްޓުނު ފަހުން ރައުދު ނުކުމެ އޭނާގެ ފޯނު ޗާޖު ކުރުމަށް އާންމުންގެ މީހެއް އަތަށް ދިން ވާހަކަ މީގެ ކުރިން ގެނެސްދީފައިވާނެ އެވެ. އެ މީހާ ބުނި ގޮތުން ރައުދު އަތަށް ފޯނު ހަވާލުކުރިއިރު ފެންޓެނޯއީ ގޭގެ ހުޅަނގުން އޮންނަ ހަނި ގޯޅި ކައިރި އިތުރު ދެ މީހަކު އޭނާއާ ވާހަކަ ދައްކަން ތިއްބެވެ. އެ މަންޒަރުތައް ފުޓޭޖަށް އަރާފައިވެ އެވެ.
މި ނޫހުން އިތުރަށް ބެލި ބެލުމުން އެ ދެ މީހުން އެ ސަރަހައްދުން އެއް ފަހަރަށް ވުރެ ގިނައިން ފެނިފައިވެ އެވެ. އާންމުންގެ މީހާ ބުނިހެން ފުރަތަމަ އެ ދެ މީހުން އެ ސަރަހައްދަށް ދަނީ 5:20 ގަ އެވެ. އެ ފަހަރު އެ ދެ މީހުން ރައުދު އާ ވާހަކަދައްކަން މިނެޓެއްހާއިރު ތިބެ އެވެ. ރައުދު އޭނާގެ ފޯނުން އެ މީހުންނަށް ކޮންމެވެސް އެއްޗެއް ދައްކާތަން ފެންނަ މަންޒަރު ވެސް ފެނެ އެވެ.
އެއަށްފަހު ރައުދު ކޮންމެވެސް މީހަކަށް ގުޅާތަން ފެނެ އެވެ. އެ ފަހަރު އެ ދެ މީހުން ނައްޓާލާއިރު ރައުދު ހުންނަނީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ.
މި ދެ މީހުންނަކީ ވެސް ދެ ފިރިހެނުންނެވެ. އޭގެތެރެއިން އެކަކު ކަޅު ކުލައިގެ ގަމީހެއް ނުވަތަ ޓީޝާޓެއް ލައިގެން އިން އިރު އަނެކަކު އިނީ ހުދު ގަމީހެއް ލައިގެންނެވެ. ދުއްވަން ތިބީ މައިގަނޑު ގޮތަކަށް ރަތް އަދި ކަޅު ކުލަ ހުރި އެކްސައިޓާ ސައިކަލެކެވެ.
އެ ސަރަހައްދުން ރައުދު އާ ވާހަކަދައްކާ ދެ މީހުން ސައިކަލުގައި ހަރަކާތްތެރިވާ މަންޒަރުތައް ---
ރައުދު އެ ސަރަހައްދުން ދަނީ 5:25 ހާއިރު ކަމަށް ކުރިން ވާނީ ބުނެފަ އެވެ. މި ދެ މީހުން ދެވަނަ ފަހަރަށް އެ ސަރަހައްދަށް ދަނީ ރައުދު ދާ ފަހުންނެވެ. އޭރު ގަޑިން 5:37 ވެއްޖެ އެވެ. އެ ފަހަރު ދެ މީހުން އައިސް ކުރިން ރައުދު އާ ވާހަކަ ދެއްކި ސަރަހައްދުގައި މަޑުކޮށްލާ، ފެންޓެނޯއީ ގެ ހުޅަނގުން އޮންނަ ހިމަ ގޯޅި ތެރެއަށް ބަލައިލުމަށްފަހު ކުރިއަށް ދުއްވާފައި ދެ އެވެ.
ތިންވަނަ ފަހަރަށް އެ ސަރަހައްދަށް ދަނީ ހުދު ގަމީސް ލައިގެން އިން މީހާ އެކަންޏެވެ. އޭގެ ކުރީ ދެބުރު ސައިކަލު ދުއްވަން އިން މީހާ މިފަހަރަކު ނާދެ އެވެ. އޭރު ގަޑިން 5:43 އެވެ. މިފަހަރުވެސް އޭނާ އެ ގޯޅި ކައިރިއަށް ސައިކަލުގެ ދުވެލި މަޑުކޮށްލާ އެ ތަނަށް ބަލައިލަ އެވެ. އަނެއްކާވެސް ކުރިއަށް ދަނީ އެވެ.
ހަތަރު ވަނަ ފަހަރަށް ހަމަ އެ މީހާ އެ ސަރަހައްދަށް އައީ ގަޑިން 5:46 ގަ އެވެ. ކުރިން ބެލި ގޯޅިއާ ހަމައަށް ދިއުމުގެ ކުރިން މިފަހަރު އޭނާ ފެންޓެނޯއީ ގެ ދޮރާ ދިމާލަށް ބަލަ އެވެ. އަދި ކުރިން ފަހަރުތަކާ ހިލާފަށް ސައިކަލުގައި ގޮސް ގޯޅި ތެރެއަށް ވަދެ އެވެ. ގޯޅި ތެރޭގައި ދެ މިނެޓު މަޑުކުރުމަށްފަހު އޭނާ ނުކުމެގެން ބުރުޒު މަގުން ހުޅަނގަށް ދަނީ 5:48 ގަ އެވެ. ބުރުޒު މަގުން ގޮސް އޭނާ އަޅަނީ ކަށިމާ ހިނގުމަށެވެ. މިއީ ފުޓޭޖަށް އޭނާ އަރާ ފަހު ފަހަރެވެ.
މިއީ ކޮން ބައެއްކަން ހޯދަން މި ނޫހުން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވާގޮތް ވެފައެއް ނުވެ އެވެ. ނަމަވެސް މި ދެ މީހުން ފެންޓެނޯއީ އަށް ވަންނަ މަންޒަރެއް ފުޓޭޖުން ނުފެނެ އެވެ.
އެވިޑް ކޮލެޖުގެ ސީސީޓީވީ ފުޓޭޖު.
ނޯޓް: މި ވީޑިއޯ ފުޓޭޖުގައި ފެންނަ ޓައިމް ސްޓޭމްޕުގައި ފެންނަނީ އަސްލު ގަޑިއަށްތުރެ 12 މިނެޓާއި 17 ސިކުންތު ކުރީގެ ވަގުތެވެ. އަސްލު ވަގުތަކީ ޓައިމް ސްޓޭމްޕުން އެ އަދަދު އުނިކުރުމުން އަންނަ ވަރެވެ. މި ލިޔުމުގައި ވަގުތު ގުނާފައިވާނީ އެ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ